08 ނޮވެމްބަރ 2025 - 23:48

ސަރުކާރަށް ދެ އަހަރު ފުރޭ ދުވަހާ ދިމާކޮށް އިދިކޮޅު އެމްޑީޕީން ސަރުކާރާ ދެކޮޅަށް އަންނަ ހަފުތާގެ ހޯމަ ދުވަހު ބާއްވަން ރޭވި މުޒާހަރާ މުއްދަތެއް ނެތް ގޮތަށް ފަސްކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
ނޮވެމްބަރު 17 ވަނަ ދުވަހުގެ އެއްވުމާ ގުޅޭ ކޮމިޓީ ނުވަތަ އެ މުޒާހަރާ ކޮމިޓީގެ ފަރާތުން ހުށަހެޅި ގޮތަށް ގައުމީ މަޖިލިހުން މިރޭ ފާސްކުރީ އެ އެއްވުން ފަސްކުރުމަށާއި ދެން އެ އެއްވުން ބާއްވާނެ ތާރީހަކާއި ވަގުތާއި ތަނެއް ނިންމުން އެ ޕާޓީގެ ލީޑަޝިޕްގެ އަތްމައްޗަށް ދޫކޮށްލާ ގޮތަށެވެ. އެ ހުށަހެޅުން ފާސްކުރީ މިރޭގެ ބައްދަލުވުމަށް ވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
މުޒާހަރާގެ ކަންތައްތައް އިންތިޒާމު ކުރަން އެމްޑީޕީން ނަގާފައިވާ އެތެރޭގެ ކޮމިޓީން އެ ޕާޓީގެ ގައުމީ މަޖިލީހަށް މިރޭ ހުށަހެޅި ހުށަހެޅުމުގައި މުޒާހަރާ ފަސްކުރަން ޖެހޭ އެންމެ ބޮޑު ސަބަބެއް ކަމަށް ބުނީ، އެ މުޒާހަރާ ބާއްވާނެ ތަނެއް ނުލިބުން ކަމަށެވެ.
އެ ކޮމިޓީގެ ފަރާތުން ގައުމީ މަޖިލީހަށް ލަފާ އިއްވަވަމުން މިރޭގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ ނޮވެމްބަރު 17 ގައި އެއްވުން ބާއްވާނެ އެއްވެސް ތަނެއް މާލެ އިން ނުލިބުނީ ސަރުކާރުން ހުރިހާ ތަނެއް "ބްލޮކް ކޮށްފައި ވާތީ" ކަމަށެވެ.
"ސަރުކާރުން ވަނީ ހުރިހާ ތަނެއް ބްލޮކް ކޮށްފައި. އާޓިފިޝަލް ބީޗު، ކާނިވާ، ރަސްފަންނު މި ހުރިހާ ތަނެއް ބްލޮކް ކޮށްފައި. ދެން އަޅުގަނޑުމެންނަށް އާއްމުކޮށް މިި ލިބޭ ސަލްޓަން ޕާކް. ސަލްޓަން ޕާކްގައި ވެސް މަރާމާތެއް ކުރަން ބަންދު ކޮށްފައިވާ ކަމަށް އަންގައި އެ ތަން ވެސް [އޮތީ] ސިޓީ ކައުންސިލުން އަތުލާފައި،" އިބުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ވަރަށް ގިނަ ބަޔަކު އެއްވުމުގައި ބައިވެރިވާނެކަން ޔަގީން ކުރެވޭތީ ބޭނުންވަނީ ހާމަކަން ބޮޑު ތަނެކެވެ.
މުޒާހަރާ ފަސްކުރަން ހުށަހެޅި އަނެއް ސަބަބެއް ކަމަށް ކޮމިޓީއާ ހަވާލާދީ އޭނާ ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެ ޕާޓީން ފޯކަސް ކުރަން ޖެހޭ މާ ގިނަ އެހެން ކަންތައްތައް ދައުލަތުގެ ތެރޭގައި ހިނގާފައިވާތީ ކަމަށެވެ.
އިބުރޭ ވިދާޅުވީ، ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ދިވެހި އަމިއްލަ ކުންފުނިތަކާ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ހަވާލުކުރި ތަރައްގީގެ 206 މަޝްރޫއުގެ މައްސަލަ އާއި އެމްޕީއެލް އާއި އެމްއޭސީއެލްގެ ރައްކާތެރިކަމާ މެދު މި ދުވަސްވަރު އެމްޑީޕީން މާ ބޮޑަށް އުޅެން ޖެހިފައިވާ ކަމަށެވެ.