ވާހަކަ- އަންޖަލް
ވާހަކަ- އަންޖަލް

(ބުދަ ދުވަހާ ގުޅޭ)

"ސަމުއްދާ! ސަމުއްދާ!" ނޫމާ ގޮވިއެވެ.

"ކިތަންމެ ވަރަކަށް ފާޅުވާށޭ ފާޅުވާށޭ ގޮވިޔަސް އޭނަ ފާޅެއް ނުވާނެ؟" ނޫމާއަށް ވުރެ ބާރަށް ރާއިފު ބުންޏެވެ. "ކަނޑު އަޑިން ހައިކަ ނަގާފަ، ބާރުކަނޑުވާލާފަ، އޭނަ މިނިވަންކޮށްފަ އޮންނާނީ. ފަހު ފުރުސަތު މި ދެނީ! އާނއެކޭ އަހަރެން ދެނެއް ސިހުރެއް ނަހަދާނަމޭ ބުނޭ!"

"އަހަންނަކީ ޖިންނީންނަށް އަމުރުކުރާ މީހެއް،" ގޮތްދޫނުކުރާ ރާގެއްގައި ނޫމާ ބުންޏެވެ. "އިންސާނެއްގެ އަޅަކަށް އަހަންނެއް ނެހެދޭނެ."

ރާއިފު ހިނގައިގަތެވެ. އޭނަ ދިޔައީ، ވަކި ތަނެއްގައި ފޮރުވާފައި އޮތް އެއްޗެއް ނަގާށެވެ. ރާއިފުގެ ފަހަތުން ދާން ނޫމާ މަސައްކަތްކުރިއެވެ. އެހެނަސް، ފިރުކި ވެސް ނުލެވުނެވެ. އުނަގަނޑުން ތިރި ހީވަނީ ތަޅުންގަނޑުގައި ތަތްލާފައިވާ ހެންނެވެ. ރުޅި އައިސްގެން އަމިއްލަ ފައިގައި ދެއަތުން ތަޅައިގެންފައި، ނޫމާ ހަޅޭއްލަވައިގަތެވެ. އަޑެއް ނުނިކުތެވެ. ރާއިފު ގޮސް އަލަމާރި ހުޅުވާފައި، އެންމެ ތިރީގައި ފޮރުވާފައި އޮތް ފޮތެއް ނެގިއެވެ. އެތެރެ ނުވެސް ބަލައި ފޮތް ހިފައިގެން ނޫމާ ގާތަށް އައެވެ. ނޫމާ ރުޅި އައިސްފައި އަތްދިއްކޮށްލިއެވެ. ތި ފޮތް ދޭށޭ ބުނާ ކަހަލަ ގޮތަކަށެވެ.

"ރަތް ބަންދު،" ރާއިފު ފޮތުގެ ބޭރު ކިޔައިލިއެވެ. "މީ ކަލޭމެން ގެންގުޅުން މަނާ ފޮތެއް."

ރާއިފު ނުކުންނަން ހިނގައިގަތެވެ. ނޫމާ ރުޅި އައިސްފައި ތަޅުންގަނޑުގައި ދެއަތުން ތަޅައިގަތެވެ. ރާއިފު ބަލައިލުމުން ނޫމާގެ ދެފައި ދައްކައިލިއެވެ. ބުނާ ކަހަލައެވެ. މި ކަން ރަނގަޅު ކޮށްފައި ދާށެވެ.

"ރީތިކޮށް އޮށޯވެލައިގެން އޮވޭ!" ރާއިފު ބުންޏެވެ. "ދެން ތެދުވާނެ ކަމެއް ނެތް."

ނޫމާ ހަތަރެސްފައިން ނޫނެކޭ ބުނެބުނެ އިންދައި ރާއިފު ގޮސް ވަނީ ފާރު ތެރެއަށެވެ. އެ ހިސާބުން ނޫމާ ހަމަހިމޭންވިއެވެ. ވިސްނައިލަން މަޖުބޫރުވިއެވެ. ނޫމާގެ ގެއަށް ރާއިފު އައުމުން ނޫމާއަށް ވީ އުނދަގުލާއި ފުން ކަނޑެއްގެ އެންމެ އަޑީގައި އޮތް ހައިކަ ރާއިފު ނެގި ނެގުމާއި އެކަކަށް ވެސް ނޭނގޭ ގޮތަށް ނޫމާ ފޮރުވި ސިހުރުފޮތް ރާއިފުއަށް ފެނުނު ސަބަބެވެ.

ނޫމާ ބޭނުންވީ މީހެއްގެ އެހީ ހޯދާށެވެ. އެހެނަސް ފޯނު ފެންނާކަށް ނެތެވެ. އެ ވަގުތު ފޯނު ރަނގަބީލުވާން ފެށިއެވެ. ކައިރީގައި ހުރި މޭޒުގެ މަތީންނެވެ. ކުއްލިއަކަށް ނޫމާ ނޭވާ ހާސްވާން ފެށިއެވެ. މަންޒަރު ފުސްވާން ފެށިއެވެ. ރާއިފު ކޮޓަރިން ނުކުމެފައި، ސިޑިން ހިނގާލައިފައި ތިރިޔަށް ފޭބިއެވެ.

ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮތުމަކީ މާލެއަށް އާ ޚަބަރެއް ނޫނެވެ. އެ ސުރުހީ އިވޭ ކޮންމެ މީހަކު ވެސް ބުނަނީ އެހެންނެވެ. ނޫމާގެ ހަށިގަނޑު ފެނުނީ، އޭނާގެ ޚަބަރެއް ނުވެގެން އެ ގެއަށް އައިސް ބެލި ތިމާގެ މީހަކަށެވެ. ފުލުހުން ވެސް އެ ގެއަށް އައެވެ. ނޫމާގެ ހަށިގަނޑަކު އަނިޔާގެ އެއްވެސް އަސަރެއް ނެތެވެ. ގޭގެ ދޮރެއް ހަލާކުވެފައެއް ނެތެވެ. ވައްކަމުގެ އަލާމާތެއް ނެތެވެ. އެހެން ނަމަވެސް، ތަހުގީގު ދިޔައީ ކުރިޔަށެވެ. އެ އިމާރާތުގައި ހުރި ގިނަ ކެމެރާތައް ހަލާކުވެފައި ހުރި ނަމަވެސް، ސަލާމަތުން ހުރި ކެމެރާއެއް ވެސް ހުއްޓެވެ.

ނޫމާ މަރުވި ޚަބަރު ލިބުމުން އަންޖަލް ވަރަށް ދެރަވިއެވެ. ބައްޕަ ނިޔާވިތާ މާ ގިނަ ދުވަހެއް ނުވެ ދޮންމަންމަ ނިޔާވުމުންނެވެ.

"އަޅެ ކީއްވެގެންތަ ޓަސްޓަސްލާފަ އެންމެން އެ މަރުވަނީ؟" ފޯނުން ވާހަކަ ދައްކަމުން އަންޖަލް ބުންޏެވެ.

"އަހަރެން ބޭނުން ބަލަން. އަތީލާއަށް އެނގޭނެ."

އަންޖަލްގެ ދުލުން އަތީލާގެ ނަން ބޭރުވީ ބޭއިހުތިޔާރުގައެވެ.

"އެއީ ކާކު؟" ވަރަށް ނޭނގިފައި ރާއިފު ބުންޏެވެ. "ފާލުބަލާ މީހެއް؟"

"ބުނެވިދާނެ ތިހެން ވެސް،" އަންޖަލް ވިސްނައިލާފައި ބުންޏެވެ. "އޭނަ ވަރަށް ގިނަ ކަންތައް ކުރާނެ. ކޮންމެވެސް ދުވަހަކުން ތި ދެމީހުން އެބަ ޖެހޭ ބައްދަލުވާން. އޭރުން އަހަރެން ދަސްވާނީ."

"ދީބަލަ އޭނަގެ ނަންބަރު." ރާއިފު އެދުނެވެ.

"އޭނައަކަށް އެހެނެއް ނުގުޅޭނެ،" އަންޖަލް ބުންޏެވެ. "ދުވަހެއް ހަމަޖައްސާފަ ދާން ޖެހޭނީ. ކޮން ތާކު ތިހިރީ؟ ހާދަ ވައިގަދައޭ!"

އަންޖަލް އެހެން ބުނި އިރު، ރާއިފު ކުރިމަތީގައި އަތީލާ ހުއްޓެވެ. އެ މީހުން ތިބީ، ހުޅުމާލޭގައި ހަދަން ފަށާފައިވާ ދިހަ ފަންގިފިލާ ގެއެއްގެ ހާމަފެންޑާގައެވެ. މަތީގައި އޮތީ އުޑެވެ. ކުރިމަތީގައި އޮތީ އުދަރެހާއި ކަނޑެވެ. އޭރު ވެސް މަސައްކަތު މީހުން ތަން ސާފުކުރުމުގައި އުޅެއެވެ. އެ މީހުންނަކަށް ރާއިފު އާއި އަތީލާއެއް ނުފެނެއެވެ.

"އިރުކޮޅަކުން ގުޅާނަން އިނގޭ!" ރާއިފު އެހެން ބުނެފައި ފޯނު ބޭއްވިއެވެ. އަދި އަތީލާއަށް ބުންޏެވެ. "އަތީލާ އަންނަން މީ ކޮން ތަނެއް؟ އަންގާލި ނަމަ.."

"ކިތައް ފަހަރު؟" އަތީލާ ހިތްހަމަނުޖެހިފައި ބުންޏެވެ. "އަހަރުމެން މަތީން ބަރުގާން މިހާރު ހަނދާން ނައްތާލައިފި. އަންޖަލްއަށް ވުރެ މުހިންމު މީހަކު ނެތް. ސުވަރުގެއެއްގަ އުޅެވެން އޮއްވާ ނަރަކައެއްގައެއްނު ތި އުޅެނީ. އަހަރުމެން އުޅެން މީ ކޮން ތަނެއް؟ ރަނގަޅު ބިންގަނޑެއް ނެތް. މޭވައެއް ނެހެދޭ! ރީތި ގަހެއް ނެހެދޭ! ކަނޑުގެ ލޮނުގަނޑު ފުރާނައިގެން ފެންފޮދެއް ވެސް ލިބެނީ. އެ ފެން ހާދަ ނުބައޭ ދޯ!"

ބަރުގާން ދައްކަން ހުރި ވާހަކަ ވަރަށް ގިނައެވެ. އެ ވާހަކަތައް ނުދެއްކެންވީ ސަބަބެއް ވެސް ނެތެވެ. އަތީލާއަކީ އާއިލީ ގޮތުން ބަރުގާންއާ ގާތް މީހެކެވެ. ހަމަ އެކަނި މައްސަލައަކީ އަތީލާ މިހާރު ހުރި މަގާމެވެ. ވެރިޔަކަށް ދޭން ޖެހޭ އިހުތިރާމު އަތީލާއަށް ދޭން ބަރުގާންއަށް މަޖުބޫރެވެ.

"ލައްބަ!" ބަރުގާން ކުރު ޖަވާބެއް ދީފައި ނިންމައިލިއެވެ.

"ހާދަ ދުރުކޮށްލީ؟" އަތީލާ ބުނެލިއެވެ.

"އަންޖަލްގެ ބައްޕަ މަރައިލި މީހަކު ކިހިނެއް ގާތްކުރާނީ؟" ބަރުގާން ސުވާލު އުފެއްދިއެވެ. "އަހަރުމެންގެ ގުޅުން ދެން ވެސް ވާނީ ކުޑަ. ރީތި ވާން ޖެހެނީ އުޅޭ ތަނެއް ނޫން. ތިމާގެ ހިތް. ހަސަދަވެރިކަމާ، ބަދަލުހިފުމުން ބޮކިޖަހަޖަހާ ހުންނަ ހިތް އަހަންނަށް ވަރަށް ހުތުރު. ވަރަށް މުޑުދާރު. ތަންކޮޅެއް ގާތްކޮށްލާފަ މި ބުނީ."

އަތީލާ އިރުކޮޅެއް ވަންދެން އެއްޗެއް ނުބުނެ ހުއްޓެވެ. ބަރުގާން ހީކުރީ އަތީލާގެ އަނގަ ބަންދުވީ ކަމަށެވެ.

"މަރަށް މަރު ހިފަން ޖެހޭނެ،" ހިތްހަމަނުޖެހިފައި އަތީލާ ބުންޏެވެ. "އެއީ އަހަރެން ތާއިދުކުރާ ގޮތް. ތަންފީޒު ވެސް ކުރާ ގޮތް. އަހަރެން ބޭނުންވި އަންޖަލްގެ ބައްޕަ މަރާލަން. ހަގީގަތަކީ އެއީ. އެ ބޭނުމުގަ ނަރުސިނގު ފޮނުވީ ވެސް. އަހަރެންގެ ހިޔާލު ބަދަލުނުވި ނަމަ، އެ ސައިކަލުގަ ތިބި ދެ މީހުން ކުރެ އެކަކު ވެސް ސަލާމަތެއް ނުވީސް. އެ ރޭ އަންޖަލްގެ ބައްޕަ އަންޖަލްގެ ގެއާ ހަމައަކަށް ނުފޯރީސް. އަހަރެން މިހެން ބުނީމަ، ބަރުގާންއަށް ވަރަށް ފަސޭހައިން ވިސްނެން ޖެހޭނެ."

އެ ވާހަކަ ގަބޫލުކުރަން ބަރުގާން އަކަށް އެހައި އުނދަގުލެއް ނޫނެވެ. އެ ރޭ އަންޖަލްގެ ގެއަށް އަނިލް އައުމުން ބަރުގާން ހައިރާން ވެސް ވިއެވެ. މަރައިލަން އަތީލާ ބޭނުންވާ މީހަކު ދިރިއެއް ނުހުންނާނެއޭ ހިތަށް އެރި ވެސް މެއެވެ. އަތީލާއާ ދިމާއަށް ބަރުގާންއަށް ބަލައިލެވުނީ ޝުކުރުގެ ނަޒަރަކުންނެވެ.

"އެކަމަކު މަރާލަން ޖެހުނީމަ ޖެހޭނެ މަރާލަން،" އަތީލާ ބުންޏެވެ. "ބަރުގާންއަށް ވެސް މިހާރު އެ ކަން އެނގޭނެ. އަހަރެން މި އައީ ނަސޭހަތެއް ދޭން ވެގެންނޭ! އަންޖަލްއާ އިންނަން ބޭނުމިއްޔާ އަވަހަށް އިނދޭ! މިހާރު އަޅައިގެން ތި އުޅޭ މޫނުމަތީގެ ގަޑި އެބަ ހަމަވޭ!"

"އެނގޭ!" ބަރުގާން ބުނެލިއެވެ. "ކުރީ ދުވަހު އަތީލާ ބުނީމެއްނު އަންޖޫ ލޯބިވަނީ އަހަރެން ދެކެއެއް ނޫނޭ، އެހެން މީހެއް ދެކެއޭ! ފަހުން އަހަރެން ހިތަށް އެރީ، އަހަންނަށް މި ނިންމުނީ ހާދަހާ ގޯސް ނިންމުމެކޭ! އެކަމަކު ރާއިފުއާ އަންޖޫ އިނދެގެން އުޅޭ ތަން އަހަންނަކަށް ނުބެލޭނެ."

ނޫމާގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަނީއޭ ނޫސްތަކުގައި ޖެހި ނަމަވެސް، ކުރާނެ ތަހުގީގެއް ނެތެވެ. ޝައްކު ކުރެވޭ މީހެއް، ދެއްކޭނެ ހެތްކެއް ނެތެވެ. ސީސީޓީވީގެ މަންޒަރުތައް ހުރި ޕެންޑުރައިވް، ގެނައި ގޮތަށް ބާއްވައިފައި އޮތީއެވެ. އިސްކަންދެވުނީ އެއަށް ވުރެ މުހިންމު ކަންކަމަށެވެ.

ރާއިފު ކައިވެނީގެ ވާހަކަ ދައްކަން ފެށިއެވެ. އަންޖަލް ހުރީ އެ ވާހަކަ ދައްކަން ނުކެރިފައެވެ. މަޑުމަޑުން ދެ ފަރާތުގެ އާއިލާ އޭގެ ތެރެއަށް ވަނެވެ. ރާއިފު ބޭނުންވަނީ ހާމަ ތަނެއްގައި ހަފުލާ ބާއްވާށެވެ. ލިސްޓުގައި ޖަހާފައި ނެތް ނަންތައް ގިނަ ކަމުންނެވެ.

އަތީލާއަށާއި ބަރުގާންއަށާއި ޖަދުވާންއަށް ދައުވަތުދޭން އަންޖަލް ބޭނުންވިއެވެ. އެހެނަސް، އެއީ އަންޖަލް ހަމަ ބޭނުންވާ ކޮންމެ ވަގުތެއްގައި ދެވޭ ގޮތަށް އޮންނަ ތަނެއް ނޫނެވެ. އަތީލާ ޖެހޭނީ އަންޖަލް އެ ތަނަށް ގެންދާށެވެ. އަންޖަލްއަށް ކުރެވޭނެ ހަމަ އެކަނި ކަމަކީ، އަތީލާއަށް ގޮވުމެވެ. ކިތަންމެ ފަހަރަކު އެ ކަން ކޮށްފިއެވެ. ކާމިޔާބެއް ނުވެއެވެ. އެއީ ކީއްވެގެން ކަމެއް އަންޖަލްއަކަށް ނޭނގެއެވެ.

އަންޖަލް ހެދުން ހެޔޮވަރުކުރަން ލޯގަނޑު ކައިރީގައި ހުއްޓިގެން ހުއްޓެވެ. އަތީލާއަށް އެ މަންޒަރު ފެނެއެވެ. މައްސަލައަކީ އަތީލާގެ ހިތުގައި ލާފައިވާ ލަކުނެވެ. ބައްޕަ މަރާލާފައިވަނީ އަންޖަލްގެ ގޭ ތެރޭގައެވެ. އެ ކަން ކޮށްފައިވަނީ އަންޖަލްގެ އެއްބަނޑުއެއްބަފާ ކުއްޖެކެވެ. ދައްތަގެ ލޯތްބަށް އެޅިފައިވާ ބޮޑު ހިޔަނި ފަނޑުވާނެ ދުވަހެއް އަތީލާއަކަށް ނޭނގެއެވެ.

ކައިވެނީގެ މަޖިލީހުގައި ވެސް އަތީލާ ބައިވެރިވިއެވެ. ރާއިފުއަށް އަތީލާ ފެނެއެވެ.

"ދެން އަންޖޫއަށް މާފުކޮށްބަލަ!" ހަމަ އެކަނި އަތީލާއަށް އިވޭ ގޮތަށް ރާއިފު ބުންޏެވެ. "އެއީ އޭނަ ކުރި ކަމެއް ނޫނެއްނު!"

އަތީލާ ޖަވާބެއް ނުދިނެވެ. އަންޖަލްގެ ގައިގަ ޖެހޭ ހިސާބުގައި ހުއްޓިލައިގެން ހުރީއެވެ. ބައެއް ފަހަރު އަންޖަލްއަށް އުނދަގޫވެގެން އުޅޭ ތަން ވެސް ރާއިފުއަށް ފެނެއެވެ. އެއީ ބަލަން އުނދަގޫ މަންޒަރެކެވެ.
މަޖީދީމަގު ހުޅަނގުކޮޅުގައި އޮންނަ ރަސްފަންނަށް އީދެއް އައިސްފައިވާ ކަހަލައެވެ. އުޑުމަތި ސާފު، ރޯޅި ފިނި، ހަނދުވަރު ރީތި އެ ރޭގެ ހަފުލާއަށް ދައުވަތު ދީފައިވަނީ މަދު އަދަދެއްގެ ބަޔަކަށެވެ. ރާއިފު އާއި އަންޖަލް އުނދޯލީގައި ހަމަޖެހިލައިގެން ތިއްބެވެ. ތަނުގައި އުތުރު އަރަމުން ދިޔައީ އެހެން ބައެކެވެ.

ނޫމާގެ މަރުގެ ތަހުގީގުގައި އުޅުނު ފުލުސްމީހެއްގެ ލޮލުގައި ޕެންޑުރައިވް އަޅައިގަތެވެ. ޕެން ބެލި އިރު އޭގައި އޮތީ ވީޑިއޯ ފައިލެކެވެ. އޭނާ އެ ފައިލު ހުޅުވިއެވެ. ޝައްކުވާ ތިން މީހަކު ފުލުސްމީހާގެ ލޮލުގައި އަޅައިގަތެވެ. އޭގެ ތެރެއިން ދެ މީހެއްގެ މޫނު ރީތިކޮށް ފެނެއެވެ. ތިންވަނަ މީހާ ފެންނަ އިރު ލެންސަށް ހުންނަނީ ދަޅައެއް އެޅިފައެވެ. އެ ދަޅަ ކެނޑުވުމަކީ ނުކުރެވޭނެ ކަމެއް ނޫނެވެ. (ނުނިމޭ)