30 މާޗް 2017 - 11:47

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ޖުމްހޫރީ ޕާޓީގެ ދެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ޓިކެޓް ހޯދުމަށް އެހެން ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކުރުމަށް ފަހު ބަލިވުމުން ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރާތީ ބާތިލްކޮށްފައިވަނީ ނ. ލަންދޫ ރިލެކްސް ފަރީދާ އުމަރާއި ގއ. ވިލިނގިލީ ކޯޒީވިލާ އިމްރާން އަންވަރުގެ ކެންޑިޑެސީ އެވެ.
އެ ދެ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކުރަން އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި މައްސަލާގައި، އެ މީހުންގެ ކެންޑިޑެސީ ބާތިލްވެފައިވާ ކަމަށް މިދިޔަ ހޯމަދުވަހު ހުކުމް ކުރުމުން އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ އެކަން އިއުލާންކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން އެއް ކެންޑިޑޭޓް ބަލިވީ އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށްގެންނެވެ. ދެވަނަ މީހާ ވާދަކުރީ އެމްޑީއޭގެ ޕްރައިމަރީގަ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހު ބުނާ ގޮތުން އިންތިޚާބެއްގައި ޕާޓީއެއް ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރުމަށް ފަހު ބަލިވެއްޖެ ނަމަ އެއްވެސް ހައިސިއްޔަތަކުން އެ މީހަކަށް އެ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ.