20 ފަހަރަށް މުއްދަތު އިތުރު ކުރުމަށް ފަހު ސްނައިޕަރަށް ދައުވާ ކުރަން ނިންމައިފި
20 ފަހަރަށް މުއްދަތު އިތުރު ކުރުމަށް ފަހު ސްނައިޕަރަށް ދައުވާ ކުރަން ނިންމައިފި

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާއްޖެ ގެނައި ކަމަށް ބުނާ ލަންކާގެ ސްނައިޕަރުގެ މައްޗަށް ދައުވާ ކުރަން އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވަން ފުލުހުން ނިންމައިފި އެވެ.

20 ފަހަރަށް މުއްދަތު އިތުރު ކުރުމަށް ފަހު ސްނައިޕަރަށް ދައުވާ ކުރަން ނިންމައިފި
20 ފަހަރަށް މުއްދަތު އިތުރު ކުރުމަށް ފަހު ސްނައިޕަރަށް ދައުވާ ކުރަން ނިންމައިފި

ސްނައިޕަރެއް ކަމަށް ބުނާ 27 އަހަރުގެ އެ މީހާ ހައްޔަރުކުރީ، ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، މިދިޔަ އޮކްޓޯބަރު 24ގަ އެވެ.

ފުލުހުންގެ ތަރުޖަމާނަކު މިއަދު ވިދާޅުވި ގޮތުގައި އެ މީހާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގަ އެވެ. އޭނާގެ ބަންދުގެ މުއްދަތު 20 ފަހަރަށް އިތުރުކޮށްފައި ވާއިރު، މުއްދަތު އިތުރު ކުރުމަށް އަނެއްކާ ވެސް މާދަމާ ކޯޓަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތަހުގީގު ދަނީ ކުރިއަށް،" އިތުރު ތަފްސީލު ދިނުމަކާ ނުލާ ތަރުޖަމާނު ވިދާޅުވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާގެ މައްޗަށް ދައުވާ ކުރަން އެދި ޕީޖީ އޮފީހަށް ފޮނުވަން ފުލުހުން ވަނީ ނިންމާފަ އެވެ. އެކަމާ ގުޅޭ ގޮތުން މިދިޔަ ހަފުތާގައި ފުލުހުންނާއި ޕީޖީގެ އޮފިޝަލުންނާ މަޝްވަރާ ވެސް ކުރި ކަމަށް ވެ އެވެ. މައްސަލަ ފޮނުވުން ލަސް ވަނީ، އެނގިފައިވާ ގޮތުގައި، ޕީޖީގެ އެދުމުގެ މަތިން ފުލުހުން އިތުރު ބައެއް ކަންކަން ފުރިހަމަ ކުރުމަށެވެ.

މި މީހާ ރާއްޖެ ގެނައީ، ބުނެވޭ ގޮތުގައި، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައިގެން ރައީސް އަވަހާރަކޮށްލަން އުޅެ އެކަން ނުވުމުންނެވެ. އެ ދުވަސްވަރު ފުލުހުން ވަނީ ބ. ހިބަޅިދޫ ކިޔާ ފަޅު ރަށެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ހަތިޔާރު ހޯދައިފަ އެވެ. އޭގެ ތެރޭގައި ސްނައިޕަ ރައިފަލަކާއި ވަޒަން ވެސް ހިމެނެ އެވެ.

ލަންކާގެ ސްނައިޕަރު ރާއްޖެ ގެނައުމުގައި އުޅުނު ތިން ދިވެއްސަކު ވެސް ފުލުހުން ހައްޔަރުކުރި އެވެ. އެކަމަކު ފަހުން ވަނީ އެ މީހުން ދޫކޮށްލައިފަ އެވެ.

ރާއްޖޭގައި ހައްޔަރުކޮށްފައި ވަނީ ސްނައިޕަރެއްކަން ލަންކާ ސަރުކާރުންނާއި އާއިލާ އިން ދޮގު ކުރެ އެވެ. އެ މީހުން ބުނަނީ އެއީ ހިކި މަސް ބޭރު ކުރާ މީހެއް ކަމަށެވެ.