08 ނޮވެމްބަރ 2025 - 00:51

މެޗުގެ އެންމެ ފަހު ވަގުތު ގޯލްކީޕަރު ކައިރިން ނައްޓާފައި ހަމްޒާ މުހައްމަދު (ހަމްޕު) ޖަހައިދިން ގޯލާ އެކު މާޒިޔާ 1-0 އިން އޮޑި ސްޕޯޓްސް ކްލަބް ރޭ ބަލިކޮށްފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭގަލޮޅު ދަނޑުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމެނިކޮށް ހަމްޕު މި ލަނޑު ޖެހީ އިތުރު ވަގުތުގެ ހަތްވަނަ މިނިޓުގެ ތެރޭގަ އެވެ.
މިއީ ހަމްޕު މި ސީޒަންގައި ޖެހި ހަތަރުވަނަ ގޯލެވެ. ރޭގެ މެޗުގައި އޭނާ ވަނީ އަހުމަދު އައިހަމް (ފަތޯ) ހުސްކޮށްލާފައި ދިން ބޯޅަ ހޯދައި އޭރިއާ ތެރޭ ހުސްކޮށްލާފައި ގޮސް ކީޕަރު ކައިރިން ވެސް ނައްޓާލާފައި ގޯލު ޖަހައި، މާޒިޔާ މޮޅުވަމުން އަންނަ ސިލްސިލާ ދަމަހައްޓައިފަ އެވެ.
މި މޮޅާ އެކު މާޒިޔާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗު ވެސް ކާމިޔާބުކޮށް 21 ޕޮއިންޓް ހޯދައިފަ އެވެ.
މި އަހަރު އަލަށް ފުރަތަމަ ޑިވިޝަން ކުޅޭ އޮޑި ސްޕޯޓްސް ކްލަބް ވަނީ ހަތް މެޗުން 16 ޕޮއިންޓް ހޯދައިފަ އެވެ. މިއީ އެ ޓީމު އެއްވަނަ ޑިވިޝަންގައި ބަލިވި ފުރަތަމަ މެޗެވެ.
މިއާ އެކު، ލީގުގައި މިހާތަނަށް ބަލި ނުވެ އޮތީ މާޒިޔާ އާއި ނިއު ރޭޑިއަންޓެވެ. މިއަދު ހަވީރު ނިއު ރޭޑިއަންޓް ނުކުންނާނީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. އަދި ރޭގަނޑު ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ އެވެ.