07 ނޮވެމްބަރ 2025 - 19:47

ތަޖުރިބާކާރު ކުޅުންތެރިން ގިނަ ވިކްޓަރީގެ މައްޗަށް ޒުވާން ކުޅުންތެރިންގެ މައްޗަށް ބިނާވެފައިވާ ވެލެންސިއާއިން ގަދަވެ ގަނެއްޖެ އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗު ވެލެންސިއާއިން ކާމިޔާބު ކުރީ 1-0 ންނެވެ.
މެޗަށް ވިކްޓަރީ ނުކުތީ އެ ފަހަރަށް ވިދިވިދިގެން މޮޅުވުމުގެ ރޭހުގައި ހިފެހެއްޓުމަށެވެ. ކުރިން ކުޅުނު ދެ މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ.
އެކަމަކު ވެލެންސިއާގެ ގޯލް ފޫއަޅުވާލުމަށް ވިކްޓަރީ އަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަހެއް ނުކުރެވުނެވެ.
ވެލެންސިއާ އަށް މޮޅު ހޯދައި ދިނުމުގައި ލީޑް ކުރީ އެ ޓީމުގެ ޒުވާން ކެޕްޓަން އުމުރުން 16 އަހަރުގެ އީތަން އިބްރާހިމް ޒަކީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ.
ވެލެންސިއާގެ ލަނޑު އަހްމަދު އަތުވާން އަލީ ޖެހީ އީތަން ނަގައިދިން ބޯޅައިންނެވެ.
ވިކްޓަރީގެ އޭރިއާގެ ބޭރުން ވެލެންސިއާ އަށް ލިބުނު ހިލޭ ޖެހުން އީތަން އޭރިއާ ތެރެއަށް ނަގައި ދިނުމުން އަތުވާން އެ ބޯޅަ ބޮލުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވާލި އެވެ.
އީތަން ނަގައިދިން ބޯޅަ ހޯދަން ވިކްޓަރީގެ ސީރީއާގެ ކީޕަރު މަހްމޫދު އަލް ޔޫސުފް ނުކުތް ދަނޑިވަޅު އަތުވާން އެ ބޯޅަ ބޮލުން ޖެހި އެވެ.
މިއީ ލީގުގައި ވެލެންސިއާއިން ހޯދި ދެވަނަ މޮޅެވެ. ޖުމުލަ ހަތް ޕޮއިންޓް ހޯދައި އެ ޓީމު ވަނީ ގަދަ ހަޔަކަށް ވަނުމުގެ އުއްމީދު ދަމަހައްޓައިފަ އެވެ.