މީހުން ބަދަލުކުރާ ހިރިމަރަދޫއަށް 4 މިލިއަން ރުފިޔާގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް
މީހުން ބަދަލުކުރާ ހިރިމަރަދޫއަށް 4 މިލިއަން ރުފިޔާގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް

ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުމައަށް ބަދަލުކުރަން ނިންމާފައި އޮތަސް އެ ރަށުގައި ވެސް ހަތަރު މިލިއަން ރުފިޔާ ހަރަދުކޮށްގެން، ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އަޅަން އިއްޔެ ހަވާލުކޮށްފި އެވެ.

އެކި ރަށްރަށުގައި 206 ޕްރޮޖެކްޓެއް ހިންގަން ތިން ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއު އިއްޔެ ހަވާލުކޮށްފައި ވާއިރު، ކުނި މެނޭޖްކުރާ ސެންޓަރެއް ހިރިމަރަދޫގައި އަޅަން ހަވާލުކުރީ 4.1 މިލިއަން ރުފިޔާއަށް، ބިލްޑްޓެކް ކިޔާ ކުންފުންޏަކަށެވެ.

މި މަޝްރޫއު ފަށަން ސޮއިކުރިއިރު، ދޮޅު އަހަރުގެ ތެރޭގައި ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން އިއުލާންކުރައްވައިފަ އެވެ.

ހދ. އަތޮޅުގެ ރަށްތަކަށް މިދިޔަ އޮގަސްޓް މަހު ފެއްޓެވި ދަތުރުފުޅުގައި ހިރިމަދުއަަށް ވަޑައިގެން، ރައީސް ވަނީ އެ މީހުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރު ތެރޭގައި ހަނިމާދޫގައި ގާއިމްކުރަން އެޗްޑީސީއާ ވެސް ހަވާލުކޮށްފަ އެވެ.

އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫއިން ގެއެއް ލިބޭނެ ކަމަށާއި އަދި 18 މަސް ތެރޭގައި އެތަނުގެ ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް އެރަށަށް ބަދަލުވާން މަޖުބޫރު ކުރުމެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެންމެ ގިނަވެގެން 18 މަސް ދުވަސް، ދޮޅު އަހަރު ތެރޭ ނިންމައި ހަވާލުކުރާނަން. ގޯތި ހަވާލުކުރާނީ އެއްކޮށް ނިންމައި ރައްޔިތު މީހާއަށް ތަޅުދަނޑި ހަވާލުކުރާ ގޮތަށް. އަޅުގަނޑުމެން އެއްވެސް ރައްޔިތަކަށް މަޖުބޫރެއް ނުކުރާނަން ބަދަލުވާކަން، ދާން ބޭނުން ރައްޔިތުންނަށް އެ ފުރުސަތު ދެނީ،" ރައީސް ވިދާޅުވި އެވެ.

މީހުން ބަދަލުކުރަން ނިންމާފައި އޮތުމުން، ހިރިމަރަދޫން ގޯތި ދޫކުރުން ވެސް ހައުސިން މިނިސްޓްރީން ވަނީ ހުއްޓުވައިފަ އެވެ.

ހައުސިން މިނިސްޓްރީން މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ނެރުނު އިއުލާނުގައި ބުނީ ހިރިމަރަދޫން އެ މަހުގެ 24 ގެ ނިޔަލަށް ގޯތި ލިބިފައިވާ މީހުންނަށް ހަނިމާދޫން ގޯތި ލިބޭނެ ކަމަށެވެ. އެހެންވެ، ގޭގެ ރަޖިސްޓްރީ ބަދަލުކުރުން ފަދަ ކަންކަން ނުކުރަން ވަނީ އެދިފަ އެވެ.

ހިރިމަރަދޫ އަކީ ހދ. އަތޮޅުގައި މީހުން އުޅޭ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެންމެ ފަހުގެ ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގައި ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.