07 ނޮވެމްބަރ 2025 - 13:58

ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަން ބޭރުގެ ބޯޓެއް އެމްއެންޑީއެފްގެ ޑްރޯންގެ އެހީގައި ހޯދައި، ހުއްޓުވައިފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ސިފައިންގެ ވައިގެ ހިދުމަތް، އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި އެ ބޯޓު ފެނިފައިވާ ކަމަށެވެ.
ކޯސްޓްގާޑް ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓު އިންޓަސެޕްޓްކޮށް ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ނަމަވެސް، އެ ބޯޓާ ގުޅޭ އިތުރު ތަފުސީލެއް ސިފައިން އަދި ނުދެ އެވެ.
އައްޑޫ ގަމުގައި އެއާ ކޯގެ ފުރަތަމަ ވައިގެ މަރުކަޒު ހުޅުވައި ރަސްމީކޮށް ހިދުމަތް ފެށީ މިދިޔަ ބުދަ ދުވަހު އެވެ. ދިވެހި ސަރުކާރުން ތުރުކީން ގަނެފައިވާ ސަވައިލެންސް ޑްރޯންތަކުގެ އެހީގައި މި އަހަރުން ފެށިގެން އަންނަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަމުންނެވެ.
ސަރުކާރުން ބުނި ގޮތުގައި، ވައިގެ މަރުކަޒު ގާއިމްކުރީ އިސްލާމްދީނާއި ދިވެހިންގެ މިނިވަންކަމާއި ރާއްޖޭގެ ސިޔާދަތީ ބާރު ނަގަހައްޓައި، ދެމެހެއްޓުމަށްޓަކާ ރާއްޖޭގެ ވައިގެ ސަރަހައްދާއި ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށާއި އަދި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން އޮޕަރޭޝަންތައް ހިންގުމަށެވެ.
ގަމުގައި އެއާ ކޯގެ ފުރަތަމަ ވައިގެ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެފަދަ ދެވަނަ މަރުކަޒެއް ށ. ފުނަދޫގައި ހުޅުވާނެ ކަމަށެވެ.
ރައީސް ވިދާޅުވެފައި ވަނީ ގައުމަށް ބޮޑެތި އިންވެސްޓްމަންޓްތައް އަންނާނީ އެ ގައުމަކީ ރައްކާތެރި ތަނެއްގެ ގޮތުގައި އެ އިންވެސްޓަރުންނަށް ގަބޫލުކުރެވޭ ހިނދެއްގައި ކަމަށެވެ. އެހެންވެ، ރާއްޖޭގެ ވައިގެ މަރުކަޒުގެ ގާބިލުކަން އިތުރުކޮށްފި ނަމަ، ގައުމުގެ އިގްތިސާދު ވެސް ދާނީ ކުރިއަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.