"ހައްގު" ނުހިފެހެއްޓި، އިއްޔެ ޕްރިމިއާކޮށްފި
"ހައްގު" ނުހިފެހެއްޓި، އިއްޔެ ޕްރިމިއާކޮށްފި

ބޮލީވުޑްގެ ތަރިން ކަމަށްވާ ޔަމީ ގޯތަމް އާއި އިމްރާން ހާޝްމީގެ ފިލްމު "ހައްގު"ގައި އިސްލާމީ ޝަރީއަތަށް ފުރައްސާކުރާ ކަމުގެ ތުހުމަތުކޮށް، އެ ފިލްމު ރިލީޒްކުރުން ހުއްޓުވައި ދޭން ހައި ކޯޓުގައި އެދުނު މައްސަލަ އެ ކޯޓުން އިއްޔެ ބޭރުކޮށްލައިފި އެވެ.

އިންޑިއާގެ މަދުޔަ ޕްރަދޭޝްގެ ހައި ކޯޓުން އެ މައްސަލަ ބަލައިނުގަންނަން ނިންމި ސަބަބުތަކުގެ ތެރޭގައި ބުނެފައި ވަނީ މީހަކު އޭނާގެ އުމުރުގައި ހޯދާފައިވާ ޕްރައިވެސީ ނުވަތަ އަބުރު އޭނާ މަރުވުމާ އެކު ނިމިގެންދާނެ ކަމަށެވެ. އަދި އެއީ ތަރިކަ މުދަލެއް ފަދައިން ވާރުތަ ކުރެވޭނެ އެއްޗެއް ނޫން ކަމަށް އެ ކޯޓުން ބުންޏެވެ.

ފިލްމު "ހައްގު" ގެނެސްދޭން ޕްރޮޑަކްޝަނުން އެއީ އަސްލު ހާދިސާއެއްގެ މައްޗަށް ބިނާކޮށް، ފިލްމީ ބަދަލުތަކާ އެކު ހިޔާލީ ވާހަކައެއްގެ މައްޗަށް ގެނެސްދޭ ފިލްމެއް ކަމަށް ބަޔާންކޮށްފައި ވާތީ ވެސް އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ކޯޓުން ބުންޏެވެ.

"ހައްގު" އަކީ އިންޑިއާގައި ހިނގި ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. އެ ފިލްމު ހާއްސަ ކޮށްފައި ވަނީ 1985 ވަނަ އަހަރު އިންޑިއާގެ މުސްލިމު ދެމަފިރިއެއްގެ ވަރިއާ ގުޅިގެން އޭރު ކޯޓުގައި ހިނގި "ޝާހް ބަނޫ މައްސަލަ" އަށެވެ.

ފިލްމު ރިލީޒްކުރުން ހުއްޓުވައިދޭން ކޯޓުގައި އެދުނީ "ޝާހް ބަނޫ މައްސަލަ"ގައި ހިމެނޭ އަންހެން މީހާ، ޝާހް ބަނޫ ބޭގަމްގެ ވާރިސުންނެވެ. އޭނާގެ ފަސް ކުދިން ކޯޓަށް ހުށަހެޅި އެ މައްސަލާގައި ބުނީ އެ ފިލްމުން ގެނެސްދެނީ އިސްލާމީ މުޖުތަމައުގެ އަގު ވެއްޓޭ ގޮތަށް ކަމަށެވެ. އަދި ފިލްމުގައި އިސްލާމީ ޝަރީއަތަށް ފުރައްސާރަ ކުރާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ.

ވާރިސުން ހުށަހެޅި މައްސަލާގައި ބުނި ގޮތުގައި، އެ ފިލްމުގައި ޝާހް ބަނޫ ބޭގަމްގެ ރޯލެއް ދައްކާއިރު، އާއިލާގެ ހުއްދަ އެ ކަމަށް ހޯދާފައެއް ވެސް ނުވެ އެވެ. އަދި ޝާހް ބަނޫ ބޭގަމްގެ ދިރިއުޅުމާއި ހަޔާތުގެ ވާހަކަ ގެނެސްދިނުމުގެ ހުއްދައެއް ވެސް ނެތެވެ. އޭގެ ސަބަބުން އޭނާގެ އަބުރު ގެއްލި އަދި އޭނާގެ ހައްގަށް އުނިކަން ލިބޭތީ އެ މައްސަލަ ބަލައިދޭން ވާރިސުން ވަނީ ހައި ކޯޓުގައި އެދިފަ އެވެ.