"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ ފުރަތަމަ ފަސް މިނެޓް މިހާރު ބެލޭނެ
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ ފުރަތަމަ ފަސް މިނެޓް މިހާރު ބެލޭނެ

"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ ފުރަތަމަ އެޕިސޯޑުގެ ފުރަތަމަ ފަސް މިނެޓް ސޯޝަލް މީޑިއާގައި މިއަދު އާންމުކޮށްފި އެވެ.

މި މަހު 26 ގައި ޕްރިމިއާކުރަން ތައްޔާރުވަމުން އަންނަ "ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ ފުރަތަމަ އެޕިސޯޑުގެ ފުރަތަމަ ފަސް މިނެޓް ނެޓްފްލިކްސްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި މިހާރު ވަނީ އާންމުކޮށްފަ އެވެ.

އެ އެޕިސޯޑުގެ ފުރަތަމަ ފަސް މިނެޓުން އެނގޭ ގޮތުގައި، ސީރީޒްގެ ވިލަން ވެކްނާ އާއި ލީޑު އެކްޓަރު ވިލިއަމް މާ ކުރިން ވަނީ އަޕް ސައިޑް ޑައުންގައި ބައްދަލުވެފަ އެވެ. ވެކްނާ އާއި ވިލިއަމް ބައްދަލުވުމަކީ މި ސީރީޒްގެ ފޭނުން ފުރަތަމަ ސީޒަނުން ފަށައިގެން ވަރަށް އުއްމީދުކޮށްގެން ތިބި ކަމެކެވެ. އަދި ވެކްނާގެ އަސްލު މަގުސަދަކީ ކޮބައިކަން ބަލަން ތިބީ ކެތްމަދުވެފަ އެވެ.

އެ ހުރިހާ ސުވާލަކަށް ފަހު ސީޒަންގައި ޖަވާބު ލިބޭނެ ކަމަށް މީގެ އުފެއްދުންތެރިން ވަނީ ބުނެފަ އެވެ.

ނެޓްފްލިކްސްގެ އެންމެ ކާމިޔާބު އޮރިޖިނަލް ސީރީޒް "ސްޓްރޭންޖާ ތިންގްސް"ގެ ފަހު ފުރަތަމަ ހަތަރު އެޕިސޯޑު މި މަހު 26 ގައި ސްޓްރީމްކުރަން ފަށާނެ އެވެ. ދެވަނަ ބައި ގެނެސްދެނީ އަންނަ މަހު 25 ގަ އެވެ. އަދި 8 ވަނަ ނުވަތަ އެންމެ ފަހު އެޕިސޯޑް ގެނެސްދެނީ އަންނަ މަހު 31 ގަ އެވެ.

ނެޓްފްލިކްސް އިން ވަނީ ފަހު އެޕިސޯޑް ސްޓްރީމްކުރާ ދުވަހު އެމެރިކާގެ ބައެއް ތިއޭޓަރުތަކުގައި ވެސް އެ އެޕިސޯޑް ދައްކަން ނިންމައިފަ އެވެ.

"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގައި 8 އެޕިސޯޑު ގެނެސްދޭއިރު، އެއް އެޕިސޯޑް ގަޑިއިރަކަށް ވުރެ ކުރުވި ނަމަވެސް ބާކީ އެޕިސޯޑުތައް ގަޑިއިރަކަށް ވުރެ ދިގުވާނެ އެވެ. އަދި އެންމެ ފަހު އެޕިސޯޑް ދެ ގަޑިއިރަށް ވުރެ ދިގުވާނެ އެވެ.

ހޮލީވުޑްގެ ކުޅަދާނަ ދެ ޑައިރެކްޓަރުން/ޕްރޮޑިއުސަރުން ކަމަށްވާ ދަ ޑަފާ ބްރަދާސް އުފައްދާފައިވާ "ސްޓްރޭންޖާ ތިންގްސް"އަކީ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ "ގްލޯބަލް ހިޓް" ސީރީޒެކެވެ. ނެޓްފްލިކްސް އިން 2016 ވަނަ އަހަރު ފެށި މި ސީރީޒަކީ އެ ޕްލެޓްފޯމުން މިހާތަނަށް ވެސް ގެނެސްދިން އެންމެ ކާމިޔާބު ސީރީޒެވެ.