ތެޔޮ ވިއްކި މީހުންގެ ވިސާއެއް ނެތް، ދޫކޮށްލީ ދިވެއްސަކާ އިނުމުން ވިސާ ލިބިފައި އޮތް މީހާ
ތެޔޮ ވިއްކި މީހުންގެ ވިސާއެއް ނެތް، ދޫކޮށްލީ ދިވެއްސަކާ އިނުމުން ވިސާ ލިބިފައި އޮތް މީހާ

ރިސޯޓުތަކުގައި ކާބޯތަކެތި ތައްޔާރުކުރަން ބޭނުންކުރުމަށް ފަހު، އުކާލާ ތެޔޮ ވިއްކާ މައްސަލާގައި ބަންދުކުރި ހަތަރު ބިދޭސީންގެ ވިސާ ނެތް ކަމާއި ބަންދު ނުކޮށް ދޫކޮށްލި ބިދޭސީ މީހާއަކީ ދިވެއްސަކާ އިނދެގެން ވިސާ ލިބިފައި އޮތް މީހެއްކަން އެނގިއްޖެ އެވެ.

ފުލުހުން އިއްޔެ ބުނި ގޮތުގައި، އެމްޕީއެލް ކޮންޓެއިނަރު ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައިގެން ޕިކަޕަކަށް އަރުވަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ބަންގްލަދޭޝްގެ ފަސް މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން އެކަކު ފިޔަވާ އެންމެން 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން ބަންދު ނުކޮށް، ޝަރުތުކޮށްފައި ދޫކޮށްލީ މޮހަންމަދު ހާރޫން ކިޔާ އުމުރުން 43 އަހަރުގެ ބަންގުލަދޭޝްގެ މީހެކެވެ. ޝަރުތުކޮށް އޭނާ ދޫކޮށްލަން ނިންމި ސަބަބުތަކުގެ ތެރޭގައި އެއީ ދިވެއްސަކާ ކައިވެނި ކޮށްގެން ސައްހަ ވިސާއެއްގައި ރާއްޖޭގައި އުޅޭ މީހަކަށް ވުން ހިމެނޭ ކަމަށް އަމުރުގައި ބުންޏެވެ.

މޮހަންމަދު ހާރޫންއަކީ ޕިކަޕް ޑްރައިވަރެއް ކަމަށް ބަންދުގެ މަޖިލީހުގައި ބުނި ކަމަށާއި އެކަމަށް ބާރުދޭ ވާހަކަތަކެއް މި މައްސަލާގައި ތުހުމަތު ކުރެވޭ އެހެން މީހުން ވެސް ބުނެފައި ވާތީ، އޭނާ ޝަރުތުކުރުމަށް ފަހު ބަންދުން ދޫކޮށްލުމަށް ނިންމީ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.

ރިސޯޓުތަކުގައި ބޭނުންކޮށް އުކާލާ ތެޔޮ ވިއްކާކަމުގެ ތުހުމަތުގައި ދެން ހައްޔަރުކުރީ އަލް އަމީން ބޮޔަޓި، ދުލާލް މިއާހް، މޮހަންމަދު ރަސެލް މިއާހް އަދި މަންވަރު ހޮސައިން އެވެ. އެ އެންމެންގެ ސައްހަ ވިސާއެއް ނެތް ކަމަށާއި ރާއްޖޭގައި އުޅެނީ އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށް، ދޯންޏަކާއި ޑިންގީއަކާއި ޕިކަޕެއް ބަލައި ފާސްކުރި އިރު، ރިސޯޓުތަކުގައި ބޭނުންކޮށްފައި ހުރި 46 ހަން ތެޔޮ ފެނިފައިވާ ކަމަށެވެ.

ރިސޯޓުތަކުން އުކާލާ ތެޔޮ މާލޭގެ ކެފޭތަކާއި ރެސްޓޯރެންޓުތަކުގައި ބޭނުންކުރާ ކަމުގެ ތުހުމަތު އަބަދުވެސް ކުރެ އެވެ.

އެފަދަ ތަންތަނުން އުކާލާ ތެޔޮ، ހަލާލް ނޫން ކާބޯތަކެތިން ތަޣައްޔަރުވެފައިވާ ހުރެދާނެ ކަމަށާއި އެއީ ރައްކާތެރި އެއްޗެހި ނޫން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިދިޔަ މަހު 30 ގައި ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.