ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއު ހާއްސަކުރީ ބޯހިޔާވަހި ކަމަށް
ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއު ހާއްސަކުރީ ބޯހިޔާވަހި ކަމަށް

ދިވެހި އަމިއްލަ ކުންފުނިތަކާ މިއަދު ހަވާލުކުރި 206 ޕީއެސްއައިޕީ މަޝްރޫއުތަކުގެ ހަރަދުވާ ޖުމްލަ 2.7 ބިލިއަން ރުފިޔާގެ ތެރެއިން 997.38 މިލިއަން ރުފިޔާ އަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހަރަދުވާ ފައިސާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ބާސެލޯ ނަސަންދުރާ މާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން 206 މަޝްރޫއުގައި ދިވެހި އަމިއްލަ ކުންފުނިތަކާ ހަވާލުކުރި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ 2.7 ބިލިއަން ރުފިޔާގެ އެ ޕޯޓްފޯލިއޯގައި ހިމެނެނީ އަތޮޅުތަކުގައި ހިންގާ ބޯހިޔާވަހިކަމާއި ތައުލީމާއި ސިއްހަތާއި ކުނި މެނޭޖްކުރުމާއި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމާއި ފުލުހުންގެ އިންފްރާސްޓްރަކްޗާ އާއި މިސްކިތްތަކުގެ މަޝްރޫއުތައް ކަމަށެވެ. އެ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދޭނީ އިންވެސްޓާ- ފައިނޭންސް މޮޑެލްގެ ދަށުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

- ބޯހިޔާވަހިކަމުގެ 13 މަޝްރޫއު: 997.38 މިލިއަން ރުފިޔާ

- ސްކޫލްތައް އެއާކޯން ކުރުމުގެ 26 މަޝްރޫއު: 397.25 މިލިއަން ރުފިޔާ

- ސިއްހީ ދާއިރާގެ 30 މަޝްރޫއު: 312.21 މިލިއަން ރުފިޔާ

- ކުނި މެނޭޖްކުރުމުގެ ވަސީލަތްތައް ގާއިމްކުރުމުގެ 24 މަޝްރޫއު: 204.27 މިލިއަން ރުފިޔާ

- ކުޅިވަރު އިންފްރާސްޓްރަކްޗާ ގާއިމްކުރުމުގެ 52 މަޝްރޫއު: 197.30 މިލިއަން ރުފިޔާ

- މަސް ޕްރޮސެސްކުރާ ކާރުހާނާ ގާއިމްކުރުމުގެ ދެ މަޝްރޫއު: 131.87 މިލިއަން ރުފިޔާ

- ފުލުހުންގެ ހިދުމަތާ ގުޅޭ 39 މަޝްރޫއު: 114.99 މިލިއަން ރުފިޔާ.

- މިސްކިތްތަކާއި ގުރުއާން މަރުކަޒުތަކާއި ވަގުފުބިނާތަކުގެ 14 މަޝްރޫއު: 196.43 މިލިއަން ރުފިޔާ

- ދަނާލާއި ޔުނިވާސިޓީ ކެމްޕަސްތަކުގެ ފަސް މަޝްރޫއު: 114.52 މިލިއަން ރުފިޔާ

- ޒުވާނުންނާ ގުޅޭ މަޝްރޫއެއް: 40 މިލިއަން ރުފިޔާ

ސަރުކާރުން މިއަދު އަމިއްލަ ކުންފުނިތަކާ ހަވާލުކުރި 206 މަޝްރޫއަކީ 123 ރަށެއްގެ ތަރައްގީގެ އެކި މަސައްކަތެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މުޅި ރާއްޖޭގައި ހިންގާ އެ މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެެއިން ފައިސާ ހަމަޖެހޭނެ ކަމަށް މިއަދުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ.

"ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުތަކާ އެއްގޮތަށް ބޭންކިން ފައިނޭންސް މެދުވެރިކޮށް މި މަޝްރޫއުތައް ހިންގުމާ ހަވާލުވާ ދިވެހި ވިޔަފާރިތަކަށް ބަރާބަރަށް ފައިސާ ލިބޭނެ،" ޒަމީރު ވިދާޅުވި އެވެ.

އެ މަޝްރޫއުތަކަށް ފައިނޭންސް ކުރާ ކުންފުނިތަކަށް މިނިސްޓަރު ވިދާޅުވީ އެ ކުންފުނިތަކުން ސަރުކާރަށާއި ރާއްޖޭގެ އިގްތިސާދަށް ކުރާ އިތުބާރު ސަރުކާރަށް މުހިއްމު ކަމަށެވެ.

މިއަދު ސޮއިކުރި އެއްބަސްވުންތައް ހިމެނޭނީ އާއްމު އިންވެސްޓްމެންޓް ފްރޭމްވޯކެއްގެ ތެރޭގައި ކަމަށާއި ރިސްކް ކުޑަކުރުމަށް، ފައިސާ ދޭކަން ޔަގީންކުރުމާ އެކު، މަސަައްކަތް މޮނިޓާކުރާނެ އިންތިޒާމްތައް އެ ފްރޭމްވޯކްގައި ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.