ރިސޯޓުތަކުން އުކާލާ ތެޔޮ ވިއްކާކަމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި
ރިސޯޓުތަކުން އުކާލާ ތެޔޮ ވިއްކާކަމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި

ރިސޯޓުތަކުގައި ކާބޯތަކެތި ތައްޔާރުކުރަން ބޭނުން ކުރުމަށްފަހު އުކާލާ ތެޔޮ ވިއްކާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ހަތަރު ބިދޭސީއަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެމްޕީއެލް ކޮންޓެއިނަރު ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައިގެން ޕިކަޕަކަށް އަރުވަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ބަންގްލަދޭޝްގެ ފަސް މީހުން ހައްޔަރުކުރި ކަމަށެވެ.

ނަމަވެސް އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން، އެކަކު ދޫކޮށްލާފައިވާ ކަމަށާއި އަދި ބާކީ ތިބި ހަތަރު މީހުން 10 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރިސޯޓުތަކުގައި ބޭނުންކޮށް އުކާލާ ތެޔޮ ވިއްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރީ

- އަލް އަމީން ބޮޔަޓި

- ދުލާލް މިއާހް

- މޮހަންމަދު ރަސެލް މިއާހް

- މަންވަރު ހޮސައިން

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށް، ދޯންޏަކާއި ޑިންގީއަކާއި ޕިކަޕެއް ބަލައި ފާސްކުރިއިރު، ރިސޯޓުތަކުގައި ބޭނުންކޮށްފައި ހުރި 46 ހަން ތެޔޮ ފެނިފައިވާ ކަމަށެވެ.

ރިސޯޓުތަކުން އުކާލާ ތެޔޮ ކެފޭތަކާއި ރެސްޓޯރެންޓުތަކުން ބޭނުންކުރާ ކަމުގެ ތުހުމަތު އަބަދުވެސް ކުރެ އެވެ.

ދާދިފަހުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ބަޔާނެއްގައިވަނީ އެފަދަ ތަންތަނުން އުކާލާ ތެޔޮ، ހަލާލް ނޫން ކާބޯތަކެތިން ތަޣައްޔަރުވެފައިވާ ހުރެދާނެ ކަމަށާއި އެއީ ރައްކާތެރި އެއްޗެހި ނޫންކަން ކަމަށް އެމްއެފްޑީއޭގެ ބަޔާނުގައިވެ އެވެ.