06 ނޮވެމްބަރ 2025 - 15:59

މާލޭގެ ވިޔަފާރި ބަނދަރުގައި އޮތް އާގުބޯޓަކުން ބޭލި ދެ އެކްސްކަވޭޓަރެއް އެރުވި ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި ދެ މީހަކު މަރުވި ހާދިސާ ހިނގި އިރު، އެ އުޅަނދުގެ ކެޕްޓަނަކަށް ހުރީ އެފަދަ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށާއި ކޮޅުވެއްޓި ބަންޑުން ޖަހާލީ އޭނާ އެދިގެން އެކްސްކަވޭޓަރެއް އެއްފަރާތަކަށް ޖެއްސުމުން ކަމަށް އެމްޕީއެލުން މިއަދު ބުނެފި އެވެ.
އެމްޕީއެލް ބަނދަރު ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓި ދުއްވުމަށް 100 ގްރޮސް ޓަނޭޖަށް ވުރެ މަތީ އުޅަނދު ދުއްވުމުގެ ކެޓަގަރީގެ ލައިސަންސް އޮންނަން ޖެހޭ ކަމަށް އެމްޕީއެލުން ބުނެ އެވެ. އެކަމަކު، ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލާދީ، އެމްޕީއެލުން ބުނިި ގޮތުގައި އެ އުޅަނދު ދުއްވި ކެޕްޓަންގެ އަތުގައި އެ ކެޓަގަރީގެ ލައިސަންސެއް ނެތެވެ.
މި މަހުގެ ދެ ވަނަ ދުވަހު، ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އެމްޕީއެލުން ހިންގި އެތެރޭގެ ތަހުގީގަށް ފަހު، އާއްމުކުރި ވަގުތީ ރިޕޯޓުގައި ބުނީ މުދާ ބެހެއްޓުމުގައި އުޅަނދުގެ ސްޓެބިލިޓީ ކަށަވަރު ކުރުމަކީ ކެޕްޓަންގެ ޒިންމާއެއް ކަމަށް ވާތީ ކޮޅުވެއްޓީގައި ދެ އެކްސްކަވޭޓަރު ފުރަތަމަ ބެހެއްޓީ އޭނާގެ އިރުޝާދާ އެއްގޮތަށް ކަމަށެވެ.
ނަމަވެސް އެމްޕީއެލްގެ މުވައްޒަފުން އެ މަސަައްކަތް ނިންމާލި ފަހުން އެކްސްކަވޭޓަރު ހުރި ތަން ބަދަލުކުރި ކަމަށް ތަހުގީގަށް ވަނީ އެނގިފައި ކަމަށް ރިޕޯޓްގައިވެ އެވެ.
"އެހެން ނަމަވެސް މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިން ކްރާފްޓްގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރު ޕޯޓްު ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ލޭންޑިން ކްރާފްޓް ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބު" ކަމަށް އެމްޕީއެލްގެ ރިޕޯޓްގައި ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި، ކޮޅުވެއްޓީގެ ސަލާމަތީ ސެޓްފިކެޓް އޮތަސް އެ އުޅަނދަށް ބަރު މުދާ އަރުވާއިރު އުޅަނދުގެ ސްޓެބިލިޓީ އަށް ކުރަން ޖެހޭ ވަރަށް މުހިއްމު ކަމެއް އޮތީ ނުކޮށެވެ. އެއީ ކޮޅުވެއްޓީގެ ޑެކުގައި ލަކުޑި ނާޅައި ހުރުމެވެ.
1- ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ އަތުގައި މިފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އަދި ނިޔަމި ކަމުގެ ސެޓްފިކެޓް ނެތް.
2- ލޭންޑިން ކްރާފްޓްގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ގަވާއިދަށް ފެތުނު ނަމަވެސް، މުދާ ބަރުކުރާ ޑެކްގައި ލަކުޑި އަޅާފައެއް ނެތް. އަދި ދަގަނޑު ޑެކެއް އޮތުމުން މިފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު، ކަހާލުމުގެ ފުރުސަތު އޮތް. އެއީ ލޭންޑިން ކްރާފްޓްގެ ސްޓެބިލިޓީ ގެއްލިދާނެ ކަމެއް.
3- ޑައިރެކްޓް ޑެލިވަރީ [މުދާ އެތެރެކުރާ ފަރާތުން ފޮނުވާ އުޅަނދަކަށް ސީދާ ކާގޯ ބޯޓުން މުދާ ބޭލުން] އޮޕަރޭޝަންސްތަކުގައި އެ އުޅަނދުގައި މުދާ ބެހެއްޓުމުގައި އެ އުޅަނދުގެ ސްޓެބިލިޓީ ކަށަވަރު ކުރުމުގެ ޒިންމާ މިހާރު ހުރި ގަވައިދުތަކުގައި ކަށަވަރު ކޮށްދޭން ޖެހޭ ފަރާތަކީ އުޅަނދު ކެޕްޓަން. އެ ފަރާތުން ދީފައިވާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ދެ އެކްސްކެވޭޓަރު ލޭންޑިން ކްރާފްޓްގައި ބެހެއްޓުމަށް ފަހު، ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ ހުއްދައާ އެކު މަސައްކަތް ނިންމާލައި، އެކަމަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓަށް ނެގި.
4- ނަމަވެސް މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިން ކްރާފްޓްގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރު ޕޯޓް ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ލޭންޑިން ކްރާފްޓް ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބު.
5- ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ވަގުތު އެ އުޅަނދުގައި ތިބި އެމްޕީއެލްގެ 10 މުވައްޒަފުން ވަނީ މޫދަށް ވެއްޓި، އެކި ވަރުގެ އަނިޔާތައް ވެފައި. އެމްޕީއެލްގެ މުވައްޒަފުން އެ އުޅަނދުގައި އެ ވަގުތު ތިބީ މަސައްކަތް ނިންމާލުމަށް ފަހު، މުވައްޒަފުން އަނބުރާ މާލޭ ވިޔަފާރި ބަނދަރަށް އައުމަށް އަރަންޖެހޭ ޓަގު ބޯޓަށް އެރެން އޮތީ ލޭންޑިން ކްރާފްޓް ގިރާކޮށްފައި.
އެމްޕީއެލުން ބުނީ ލޭންޑިންކްރާފްޓަށް ދެ އެކްސްކެވޭޓަރު ބޭލުމުގެ އޮޕަރޭޝަންސްތައް އެ ކުންފުނިން ފުރިހަމަކޮށް، ނިންމާފައިވަނީ މިފަދަ އޮޕަރޭޝަންތަކުގައި މި ވަގުތު އަމަލުކުރަމުން އަންނަ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި، އެފަދަ ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންތަކުގައި ކޮންސައިނީ [މުދާ ގެންނަ ފަރާތުން] މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުތަކުގެ ކެޕްޓަނާއި ފަޅުވެރިންގެ ފެންވަރު ވަޒަންކުރުމާއި ލައިސްނަސް ޗެކް ކުރުން ފަދަ ކަންތައްތަކަކީ އެމްޕީއެލުން އަމަލު ކުރަމުން އަންނަ ގަވާދުތަކާއި އުސޫލުގެ ތެރެއިން މި ވަގުތު ބަލަންޖެހޭ ކަމެއް ވެސް ނޫނެވެ.
"އެހެން ނަމަވެސް މި އުސޫލު މުރާޖައާކޮށް، މިހާރު ވަނީ ބަދަލުކުރެވިފަ އެވެ،" އެމްޕީއެލް އިން ނެރުނު ހޯދުންތަކުގެ ވަގުތީ ރިޕޯޓްގައި ވެ އެވެ.
އެ ކުންފުނިން ބުނީ ތަހުގީގަށް ރިޔާއަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް މިހާރު ތަންފީޒު ކުރަމުން އަންނަ ކަމަށެވެ.
ލޭންޑިން ކްރާފްޓް ބަންޑުންޖަހާލި ހާދިސާގައި މަރުވީ އެމްޕީއެލްގެ ދެ މުވައްޒަފެކެވެ. އެއީ އެ ކުންފުނީގެ ދިވެހި މުވައްޒަފަކާއި ބިދޭސީ މުވައްޒަފެކެވެ.