ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް ފަޒާދު
ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް ފަޒާދު

ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓް ދިރާސާކުރަން އެކުލަވާލި ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އިންތިހާބުކޮށްފި އެވެ.

މިއަދު ބޭއްވި ބަޖެޓް ކޮމިޓީގައި މުގައްރިރަކަށް ސަލީމް އިންތިހާބުކުރީ ކޮމިޓީގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ސަލީމަކީ މާލިއްޔަތު ކޮމިޓީގެ ވެސް މުގައްރިރެވެ.

ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ހިމެނެނީ މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީގެ މެންބަރުންނެވެ. އެކޮމިޓީގައި ޖުމްލަ 22 މެންބަރުން ހިމެނެ އެވެ. އޭގެ ތެރެއިން މިއަދު ކޮމިޓީގައި 18 މެންބަރުން ބައިވެރިވެ ވަޑައިގަތެވެ.

އެ ކޮމިޓީގެ ނައިބު މުގައްރިރަކަށް އިންތިހާބުކުރީ އިގްތިސާދީ ކޮމިޓީގެ މުގައްރިރު އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. އޭނާ ވެސް އިންތިހާބުކުރީ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.

މިއަދުގެ ކޮމިޓީގައި ވަނީ މަޖިލީހުން ކުރިން ވެސް އަމަލުކުރާ އުސޫލުގެ ތެރެއިން ބަޖެޓް ދިރާސާ ކުރުމުގެ ކަންކަން ކުރިއަށް ގެންދަން ނިންމައިފަ އެވެ. އަދި ބަޖެޓު ދިރާސާކޮށް ނިންމަން އެންމެ ފަހު ސުންގަނޑިއެއްގެ ގޮތުގައި މިމަހުގެ 19 ވަނަ ދުވަސް ވަނީ ކަނޑައަޅައިފަ އެވެ. އަދި އަންނަ ހަފްތާގައި ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މަސައްކަތްތައް ފަށާއިރު، ފިނޭންސް މިނިސްޓަރާއި ގަވަރުނަރު އަދި އޮޑިޓާ ޖެނެރަލް ހާޒިރުކުރާނެ ދުވަސްތަކާ ގުޅޭ ގޮތުން މިއަދުގެ ކޮމިޓީގައި މަޝްވަރާކޮށްފައިވެ އެވެ.

އަންނަ އަހަރު ބަޖެޓުގެ ޖުމްލަ ހަރަދުގެ ގޮތުގައި 49.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި އަންނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 40.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި ވާއިރު، ޑެފިސިޓަކީ 8.8 ބިލިއަން ރުފިޔާ އެވެ.