06 ނޮވެމްބަރ 2025 - 14:57

ރާއްޖޭގެ 53 ކުންފުންޏަކާ އެކު ސަރުކާރުން މިއަދު ސޮއިކުރި 206 މަޝްރޫއުގެ އަގު 2.7 ބިލިއަން ރުފިޔާ އަރާ ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.

ބާސެލޯ ނަސަންދުުރާގައި ބޭއްވި ރަސްމިއްޔާތެއްގައި 53 ކުންފުންޏަކާ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހަވާލުކުރި މަޝްރޫއުތަކުގެ އަގު ސަރުކާރުން ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް އިތުބާރު ހުރި މަސްދަރަކުން "މިހާރު" އަށް ކަށަވަރު ކޮށްދިން ގޮތުގައި އެ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 2.7 ބިލިއަން ރުފިޔާ އެވެ.

މިއީ އެއްފަހަރާ އެއް ދުވަހެއްގައި މިހާ ގިނަ މަޝްރޫއުތަކެއްގައި ސަރުކާރުން މިހާތަނަށް ސޮއިކުރި ފުރަތަމަ ފަހަރެވެ.
ސަރުކާރުން މިއަދު އަމިއްލަ ކުންފުނިތަކާ ހަވާލުކުރި 206 މަޝްރޫއަކީ 123 ރަށެއްގެ ތަރައްގީގެ އެކި މަސައްކަތެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމާއި ބިން ހިއްކުމާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ކުޅިވަރު ދާއިރާގެ މަޝްރޫއުތައް އަދި ވަގުފް އިމާރާތްތައް އެޅުން ހިމެނެ އެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މުޅި ރާއްޖޭގައި ހިންގާ އެ މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެެއިން ފައިސާ ހަމަޖެހޭނެ ކަމަށް އެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ.
"ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުތަކާ އެއްގޮތަށް ބޭންކިން ފައިނޭންސް މެދުވެރިކޮށް މި މަޝްރޫއުތައް ހިންގުމާ ހަވާލުވާ ދިވެހި ވިޔަފާރިތަކަށް ބަރާބަރަށް ފައިސާ ލިބޭނެ،" ޒަމީރު ވިދާޅުވި އެވެ.
އެ މަޝްރޫއުތަކަށް ފައިނޭންސް ކުރާ ކުންފުނިތަކަށް މިނިސްޓަރު ވިދާޅުވީ އެ ކުންފުނިތަކުން ސަރުކާރަށާއި ރާއްޖޭގެ އިގްތިސާދަށް ކުރާ އިތުބާރު ސަރުކާރަށް މުހިއްމު ކަމަށެވެ. މިއަދު ސޮއިކުރި އެއްބަސްވުންތައް ހިމެނޭނީ އާއްމު އިންވެސްޓްމެންޓް ފްރޭމްވޯކެއްގެ ތެރޭގައި ކަމަށާއި ރިސްކް ކުޑަކުރުމަށް، ފައިސާ ދޭކަން ޔަގީންކުރުމާ އެކު، މަސަައްކަތް މޮނިޓާކުރާނެ އިންތިޒާމްތައް އެ ފްރޭމްވޯކްގައި ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ 206 މަޝްރޫއު މިއަދު ހަވާލުކުރި ހުރިހާ ކުންފުންޏަކުން ވެސް ތިން އަހަރުގެ ދުވަހުގެ "އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓް" ހުށަހެޅި ކަމަށެވެ. އދި މަސައްކަތް ހަވާލުކުރީ މާލިއްޔަތު ގަވާއިދުގެ ތެރެއިން ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.
އެ ކަމަށް ބާރު ދެއްވަމުން ރައީސް ވިދާޅުވީ، އެ ސްޓޭޓްމަންޓު ހުށަހަޅައިގެން ނޫން ގޮތަކަށް އެ އިން އެއްވެސް ކުންފުންޏަކުން މިއަދު ސޮއިކުރި މޭޒާ ހަމައަށް ވެސް ނާދެވުނު ކަމަށެވެ.
"އަދި އޭގެ އިތުރަށް ވެސް މި ކަމަށްޓަކައި ބޭންކުން ބޭނުންވާ ހުރިހާ އިޖުރާތްތަކެއް ފުރިހަމަނުކޮށް މި ތަނުގައި ސޮޔަކާ ހަމައަށް ގެނެވިފައެއް ނުވޭ. އެހެންވީމާ ވަރަށް ރަނގަޅަށް ހިންގަމުން އައިސްފައިވާ ވަރަށް ރަނގަޅަށް ހިނގަމުންދާ ވަރަށް ނަތީޖާ ރަނގަޅު ވަރަށް ރަނގަޅު މެނޭޖުމަންޓު ޓީމެއް އޮތް، މެނޭޖު ކުރަމުންދާ ކުންފުނިތަކަކުން މަސައްކަތްތަކާ މި ހަވާލުވީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ތަފާތު 13 ރަށެއްގައި 825 ހައުސިން ޔުނިޓް އަޅަން މިއަދު ސޮއިކުރި ކަމަށާއި ދާދި އަވަހަށް މާލެ ސަރަހައްދުގައި ވެސް ގެދޮރުވެރިކަމުގެ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.
މިއަދު ހަވާލުކުރި ޕްރޮޖެކްޓުތައް ފަށަން އެއްބަސްވުންތަކުގައި ކަނޑައަޅާފައި ވަނީ ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް 21 ދުވަހެވެ.