07 ނޮވެމްބަރ 2025 - 06:57

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން 178 މިލިއަން ރުފިޔާ ސަރުކާރުގެ އޮފީސްތަކުގެ ކުއްޔަށް ހޭދަކުރަން ހިމަނައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ 30 ގައި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން ސަރުކާރުން ކުއްޔަށް ކުރާ ހޭދަ އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ ވެސް އެކި ގައުމުތަކުގައި ގާއިމް ކޮށްފައިވާ ރާއްޖޭގެ ހައި ކޮމިޝަންތަކުގެ ކުލި ދެއްކުމަށެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ފޮރިން މިނިސްޓްރީގެ އިމާރާތްތަކުގެ ކުއްޔަށް 53 މިލިއަން ރުފިޔާ ހޭދަކުރެ އެވެ. އޭގެ ތެރޭގައި ސަރުކާރުން ބޭރުގެ އެކި ގައުމުތަކުގައި ހިންގާ 19 އެމްބަސީއެއް ވެސް ހިމެނެ އެވެ.
ސަރުކާރުގެ އޮފީސްތަކުގެ ކުއްޔަށް މިދިޔަ އަހަރު 178 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި އަންނަ އަހަރު ވެސް 178.3 މިލިއަން ރުފިޔާ އޮފީސްތަކުގެ ކުއްޔަށް ބަޖެޓު ކޮށްފައި ވެ އެވެ. އެހެންވެ، ސަރުކާރުން ކުއްޔަށް ކުރާ ހޭދައިގެ ގާތްގަނޑަކަށް 30 ޕަސެންޓް ދެނީ އެމްބަސީތަކަށެވެ.
ދައުލަތުގެ 32 އިދާރާއަކަށް ބޭނުންވާ 97 އޮފީހެއް ހިންގުމަށް ބަޖެޓުން ހޭދަކުރެ އެވެ. އޭގެ ތެރެއިން 28 އިދާރާއަކަށް މާލޭ ސަރަހައްދުން އަމިއްލަ 46 ތަނެއް ވަނީ ކުއްޔަށް ނަގައިފަ އެވެ. އަދި ނުވަ އިދާރާއަކަށް އަތޮޅު ތެރޭގައި 32 ތަނެއް ކުއްޔަށް ނަގާފައިވެ އެވެ. މާލޭގައި ހިންގާ އޮފީސްތަކުގެ ކުއްޔަށް 88 މިލިއަން ރުފިޔާ ހޭދަކުރާއިރު، އެހެން ރަށްރަށުގެ އަމިއްލަ މީސްމީހުންގެ އިމާރާތްތަކުގެ ކުއްޔަށް ފަސް މިލިއަން ރުފިޔާ ހޭދަކުރެ އެވެ.
ކުލީގެ ހަރަދު އެންމެ ބޮޑު އިދާރާތަކުގެ ލިސްޓު:
1. އެމްބަސީތައް: 53 މިލިއަން ރުފިޔާ
2. އިމިގްރޭޝަން: 8.3 މިލިއަން ރުފިޔާ
3. އެންސްޕާ: 7.9 މިލިއަން ރުފިޔާ
4. އޮޑިޓް އޮފީސް: 7.8 މިލިއަން ރުފިޔާ
5. އެގްރިކަލްޗާ، އެނިމަލް ވެލްފެއާ މިނިސްޓްރީ: 6.6 މިލިއަން ރުފިޔާ
6. ޓެކްސް އިދާރާ މީރާ: ފަސް މިލިއަން ރުފިޔާ
7. އެންވަޔަމެންޓް މިނިސްޓްރީ: 4.9 މިލިއަން ރުފިޔާ
8. އޭސީސީ: 4.8 މިލިއަން ރުފިޔާ
9. އެޗްއާރްސީއެމް: 4.1 މިލިއަން ރުފިޔާ
10: ޓެކްސް އެޕީލް ޓްރައިބިއުނަލް: ހަތަރު މިލިއަން ރުފިޔާ
އެމްބަސީތަކުގެ އިތުރުން ކުލީގެ ހަރަދު އެންމެ ބޮޑު ކަމަށް އަންނަ އަހަރުގެ ބަޖެޓު ފޮތުން ދައްކަނީ އިމިގްރޭޝަންގެ އެވެ. އެ އިދާރާގެ އޮފީސް ކުއްޔަށް ދައުލަތުގެ ބަޖެޓުން 8.3 ބިލިއަން ރުފިޔާ ހޭދަކުރެ އެވެ. ދެވަނައަށް އެންމެ ބޮޑު ކުއްޔެއް ހޭދަކުރަނީ އެންސްޕާއަށެވެ. އެއީ 7.9 މިލިއަން ރުފިޔާ އެވެ. އޮޑިޓް އޮފީސް ހިންގާ އިމާރާތުގެ ކުއްޔަށް 7.8 މިލިއަން ރުފިޔާ ހޭދަކުރެ އެވެ. އިމިގްރޭޝަނާއި އޮޑިޓް އޮފީސް ހިންގަމުން އަންނަނީ މ. ސްޓާ ކްލައުޑް ބިލްޑިންގްގަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، ދައުލަތުގެ އެކި އިދާރާތަކުން އަމިއްލަ މީސްމީހުންގެ އިމާރާތްތައް ކުއްޔަށް ނަގާފައި ވަނީ ކޮމާޝަލް ރޭޓުތަކުގަ އެވެ. އަދި އިމާރާތްތަކުގެ އަކަފޫޓަކަށް ޖެހޭ އަދަދުތަކުގައި ބޮޑެތި ފަރަގުތައް އެބަހުރި ކަމަށް ބުންޏެވެ.
"އޮފީސް ބޭނުމަށް ކުއްޔަށް ހިފާފައިވާ އިމާރާތްތަކުގެ އަކަފޫޓަކަށް ޖެހޭ އެވްރެޖް އަހަރީ ކުއްޔަކީ 400 ރުފިޔާ ކަމުގައިވީ ނަމަވެސް 22 އޮފީސް އިމާރާތަކަށް އަކަފޫޓަކަށް ޖެހޭ އަހަރީ ކުލި މި އަށް ވުރެ ބޮޑެވެ،" ބަޖެޓު ފޮތުގައި ބަޔާންކޮށްފައި ވެ އެވެ.
ކުލީގެ އަގު އެންމެ ބޮޑު 22 އޮފީހުގެ ކުއްޔަށް ދައުލަތުގެ ބަޖެޓުން 64 މިލިއަން ރުފިޔާ ހޭދަކުރާއިރު އެއީ މާލެއިން ކުއްޔަށް ނަގާފައިވާ ތަންތަނުގެ ޖުމްލަ ހަރަދުގެ 73 ޕަސެންޓު ކަމަށް ވެސް ބަޖެޓު ފޮތުގައި ބުނެފައިވެ އެވެ. ބާކީ 24 ތަނުގެ ކުއްޔަށް ހޭދަކުރަނީ 27 ޕަސެންޓެވެ.
ކުލީގެ ހަރަދުތައް ކުޑަކުރުމަށް އެޗްޑީސީ މެދުވެރިކޮށް އޮފީސް އިމާރާތްތައް އެޅުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެއާ އެކު، ކުލީގެ ހަރަދުތައް ކުޑަ ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެ އެވެ.