އަންނަ އަހަރުގެ ބަޖެޓުގެ 29 ޕަސެންޓް ހޭދަވާނީ ދަރަނި ދައްކަން
އަންނަ އަހަރުގެ ބަޖެޓުގެ 29 ޕަސެންޓް ހޭދަވާނީ ދަރަނި ދައްކަން

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ 29 ޕަސެންޓް ހަރަދުކުރަން ޖެހޭނީ ނަގާފައިވާ ދަރަނި ދައްކަން ކަމަށް، ބަޖެޓް ހިސާބުތަކުން ދައްކައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން، ދަރަނި ދެއްކުމަށް 12.9 ބިލިއަން ރުފިޔާ ހޭދަކުރާ އިރު އިންޓްރެސްޓް ހަރަދުގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެހެންވެ ދަރަނި ދެއްކުމުގެ ޖުމްލަ ހަރަދަށް 18.4 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ.

އަންނަ އަހަރު ދައްކާ ދަރަނީގެ އެންމެ ބޮޑު ބަޔަކީ 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކާއި 2018 ވަނަ އަހަރު އަބޫދާބީ ފަންޑަށް ވިއްކި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބޮންޑެވެ. އެ ދެ ބޮންޑަށްވާ ފައިސާ ވެސް އަންނަ އަހަރުގެ އޭޕްރީލް ހިސާބުގައި ބޮންޑް ހޯލްޑަރުންނަށް އެއްފަހަރާ އަނބުރާ ދައްކަން ޖެހެ އެވެ.

އަންނަ އަހަރު ދަރަނީގެ ތެރެއިން ޑޮމެސްޓިކް ދަރަނީގެ ގޮތުގައި 90 މިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހެ އެވެ. މިއީ މިއަހަރަށް ކަނޑައެޅި ވަރަށް ވުރެ 42 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މަލްޓިލެޓްރަލް އާއި ބައިލެޓްރަލް އިދާރާތަކަށް އެއް ބިލިއަން ރުފިޔާ ދައްކަން ޖެހޭ އިރު ޕެންޝަން އެކްރޫޑްސްގެ ގޮތުގައި 109 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. އަދި ބަޔާޒް ކްރެޑިޓަށް 1.6 ބިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.

އަންނަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނި ހުންނާނެ ކަމަށް ލަފާކުރަނީ 159 ބިލިއަން ރުފިޔާގަ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 128 ޕަސެންޓެވެ. މިއަހަރު ނިމޭ އިރު އެ އަދަދު ހުންނާނެ ކަމަށް ލަފާކުރަނީ 158 ބިލިއަން ރުފިޔާގަ އެވެ.

އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރުމަށް 8.8 ބިލިއަން ރުފިޔާ ބޭނުންވެ އެވެ. ޑެފިސިޓްގެ އިތުރުން ބަޖެޓަށް ދަރަންޏަށް ބޭނުންވާ ފައިސާ ހޯދުމަށް 26.3 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ ކަމަށް ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ.