06 ނޮވެމްބަރ 2025 - 14:01

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ސިޔާސީ އަދި ޒާތީގޮތުން އަމާޒުކޮށްގެން ކުޅެފައިވާ ފިލްމެއް ކަމަށާއި އަދި އެކަން އަމަލީ ގޮތުން ކުރުމުގައި އުޅުނީ އެ މައްސަލާގައި ދައުލަތުން ދައުވާކުރި އެހެން މީހެއް ކަމަށް ޝަމްއާންގެ ވަކީލުން މިއަދު ބުނެފި އެވެ.
މިދިޔަ މާޗް މަހު ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000ރ. ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލާގަ އެވެ.
އެ މައްސަލާގައި ޝަމްއާންގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި ފޭރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުގައި ބަހައްޓަން ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެ ބިދޭސީ މީހާ ހިފެހެއްޓީ ޝަމްއާންގެ ބެލުމުގެ ދަށުގައި ތިބި މުވައްޒަފުންތަކެއް ކަމަށެވެ. އަދި އެ މީހާ ދޫކުރަން ސައްހަ ނޫން ސިޓީއެއް ފޮނުވުމުން އޭނާ ދޫކޮށްލީ ދަންވަރުގެ ވަގުތެއްގައި ކަމަށާއި އިމިގްރޭޝަންގެ މުވައްޒަފަކު އެ ބިދޭސީ މީހާ އިމިގްރޭޝަންގެ ކާރަކަށް އަރުވައިގެން އޭނާގެ އަތުން ފައިސާ އަތުލުމަށް ފަހު، ރާއްޖެ ދޫކޮށް ދިއުމަށް އެ މީހާއަށް އެންގި ކަމަށް ދައުލަތުން ބުންޏެވެ. އަތުލި ފައިސާތައް ޝަމްއާންގެ ގެއަށް ގެންދިއުމުން އޭގެ ތެރެއިން ހަތަރު ލައްކަ ރުފިޔާ ޝަމްއާންގެ އަތުގައި ބެހެއްޓި ކަމަށާއި އަދި އޭނާގެ ނަމުގައި އޮތް ދެ ލޯނަކަށް އެދުވަހު ފައިސާ ދެއްކި ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ޝަމްއާންގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވި ގޮތުގައި، އެ ދައުވާއަށް ޝަމްއާން އިންކާރުކުރެ އެވެ. އެއީ ސިޔާސީ އަދި ޒާތީގޮތުން ކުޅެފައިވާ ފިލްމެއް ކަމަށާއި އެކަން ކުރުމުގައި ހަރަކާތްތެރިވީ އެ މައްސަލާގައި ފުލުހުން ހައްޔަރުކުރި އަހުމަދު ލައްސާން ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި ބިދޭސީންތަކެއް ގަވާއިދާ ހިލާފަށް އުޅޭ ކަމަށް ލައްސާން ބުނުމުން އެ މައުލޫމާތު ކަށަވަރު ކުރަން ޝަމްއާން އެންގި ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި އެ ބިދޭސީން ތިބި ތަނަށް ދިޔައީ ލައްސާން އަމިއްލައަށް ކަމަށް ވަކީލް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވި ގޮތުގައި ލައްސާން އެތަނަށް ދިޔަކަން އެނގުމުން، އިމިގްރޭޝަންގެ ކަމާބެހޭ މުވައްޒަފުންނަށް އެކަން ވަގުތުން އަންގައި، އެ މީހުން އެތަނަށް ފޮނުވީ ވެސް ޝަމްއާނެވެ. ނަމަވެސް ލައްސާނަށް ދައުލަތުން ލުއިތަކެއް ދިނުމަށް ފަހު، އޭނާ މިހާރު ދޫކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ޝަމްއާންގެ ގެއިން ފެނުނު ފައިސާތަކަކީ ކޮން ގޮތަކުން ލިބުނު ފައިސާކަން އެނގޭނެ ހެއްކާއި ޝަމްއާން ފައިސާ ދެއްކި ލޯނުތަކުގެ މައުލޫމާތު ވެސް ތަހުގީގަށް ބުނެދީފައިވާނެ ކަމަށް ވަކީލް ވިދާޅުވި އެވެ. އެކަމަކު، ދައުވާކުރީ އެކަންކަމަށް ބެލުމެއް ނެތި ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
އެ މައްސަލަ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް ނިންމުމަށް ފަހު، ޝަރީއަތުގެ މަރުހަލާ މިއަދު ވަނީ ފަށައިފަ އެވެ. މިއަދުގެ އަޑުއެހުމުގައި، ޝަމްއާން ކުއްޔަށް އުޅުނު ގޭގެ ވެރިފަރާތުގެ ހެކިބަސް ވަނީ ނަގައިފަ އެވެ.
އެ މީހާ ހެކިވެރިއެއްގެ ގޮތުގައި ދައުލަތުން ހުށަހެޅީ އެ ގޭގެ ސީސީޓީވީ ފުޓޭޖް ހޯދި ގޮތާ ބެހޭގޮތުންނެވެ. ހެކިބަސް ދެމުން އޭނާ ބުނީ އެ ގޭގައި ޝަމްއާން ކުއްޔަށް އުޅޭ ކަމަށާއި އަދި ފުލުހުން ވީޑިއޯ ފުޓޭޖްތައް ހޯދަން އެދުމުން ވީޑިއޯ ދީފައިވާނެ ކަމަށެވެ.
ގޭގެ ވެރިމީހާ ބުނިގޮތުގައި އެ ގޭގައި ކުއްޔަށް އުޅޭ އެހެން މީހުންނަށް ވެސް ވީޑިއޯ ފުޓޭޖް ބެލޭނެ ގޮތް ހަމަޖައްސާފައިވާނެ އެވެ. ނަމަވެސް ފުލުހުންނަށް ވީޑިއޯ ދިނުމުގެ ކުރިން އެ ވީޑިއޯއަށް އެހެން ބަޔަކު އެކްސެސް ނުވާކަން ޔަގީންކަމާ އެކު ބުނަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
އެ އަޑުއެހުމުގައި ޝަމްއާން ބުނީ އޭނާއާ އެކު، އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އޭނާ ފިޔަވައި އެހެން އެއްވެސް މީހަކު މިހާރު ބަންދުގައި ނެތް ކަމަށެވެ.
އެކަމާ ގުޅިގެން އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން ވިދާޅުވީ ބަންދުގައި ހުންނަން ނުޖެހޭ މީހަކު ބަންދުގައި ނުހުންނާނެ ކަމަށާއި އަދި ބަންދުން ދޫކުރި މީހުން ދޫކުރީ ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށެވެ. އަދި އެ މައްސަލާގައި އެންމެ ފަހުން ބަންދުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލީ އޭނާގެ ސިއްހީ ހާލަތު ހުރި ގޮތަށް ރިއާޔަތް ކުރުމަށް ފަހު ވަގުތީ ގޮތުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ޝަމްއާންގެ ބަންދަށް ލުޔެއް ދިނުމާ މެދު ގޮތެއް ނިންމުމަށްޓަކައި، އޭނާގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް މިންވަރު ބެލުމަށް ކޯޓުން ކުރިން އޮތީ ދައުލަތަށް އަންގައިފަ އެވެ. އެކަމާ ގުޅިގެން ދައުލަތުން ލިޔުމުން އެކަންކަން ކޯޓަށް އަންގާފައިވާތީ، އެ ލިޔުންތައް ދިފާއީ ވަކީލުންނާ ހިއްސާކުރަން ދައުލަތުގެ އިއުތިރާޒެއް އޮތްތޯ ގާޒީ ސުވާލު ކުރެއްވި އެވެ.
ނަމަވެސް ދައުލަތުން ބުނި ގޮތުގައި ދިފާއީ ވަކީލުންނާ އެ ލިޔުންތައް ހިއްސާ ކުރުމާ މެދު ގޮތެއް ނިންމޭނީ މަޝްވަރާ ކުރުމަށް ފަހު އެވެ.
ގާޒީ އިހްސާން ވިދާޅުވީ އެ މައްސަލާގެ ހެކިބަސް ނެގުމުގެ މަރުހަލާ އަންނަ މަސް ނިމުމުގެ ކުރިން ނިންމާލަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެ މައްސަލާގައި ޝަމްއާންގެ އިތުރުން އިތުރު ބައެއްގެ މައްޗަށް ވެސް ދައުވާކުރި އެވެ. އެއީ މ. ހަޒާރީވިލާ، އަހުމަދު ލައްސާންގެ އިތުރުން ގ. ހެޕީސައިޑް އަހުމަދު ޝަހެޝަން އާއި އެގޭ އިބްރާހިމް އަހުމަދާއި ތ. ބުރުނީ މޫނިމާގޭ، އަހުމަދު އަލްސަން އިސްމާއިލްގެ މައްޗަށެވެ. އޭގެ ތެރެއިން ލައްސާނާއެކު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހެދި ކަމަށް ކުރީގެ އަޑުއެހުމެއްގައި އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެފައިވެ އެވެ. އަދި ބާކީ ތިބި މީހުންގެ ބައި ވެސް ކުރިއަށް ގެންދަނީ ވަކިންނެވެ.