އެސްޑީއެފްސީ ފެސިލިޓީތަކަށް ބީއެމްއެލް އެޕް މެދުވެރިކޮށް ފައިސާ ދެއްކޭނެ
އެސްޑީއެފްސީ ފެސިލިޓީތަކަށް ބީއެމްއެލް އެޕް މެދުވެރިކޮށް ފައިސާ ދެއްކޭނެ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ފެސިލިޓީތައް ބީއެމްއެލް މޯބައިލް އެޕްލިކޭޝަނާ ގުޅާލައި، އެސްޑީއެފްސީގެ ލޯނުތަކަށް ބީއެމްއެލް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފި އެވެ.

މަރުޙަލާތަކަކަށް ބަހާލައިގެން އެސްޑީއެފްސީއިން ފަށާފައިވާ އިންޓަގްރޭޝަނާއެކު، އެސްޑީއެފްސީގެ ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ ލޯނުގެ މައުލޫމާތު ފަސޭހައިން ބެލުމާއި ބީއެމްއެލް އެޕްގައި ހިމެނޭ ބިލްޕޭ ފީޗާ މެދުވެރިކޮށް ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް މިހާރު ލިބޭނެ އެވެ. އެ ހިދުމަތުގެ ސަބަބުން ވިޔަފާރިތަކަށް ފަސޭހަ އަދި ރައްކާތެރި ގޮތެއްގައި މާލީ މުއާމަލާތް ކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށް އެސްޑީއެފްސީއިން ބުންޏެވެ.

އެ ހިދުމަތް ލިބޭނީ ބީއެމްއެލް މޮބައިލް އެޕް ބޭނުންކޮށް އަމިއްލަ އެކައުންޓަށް ލޮގިންވެގެންނެވެ. އަދި އެޕަށް ވަނުމުން އެކައުންޓް ޓެބުގެ ދަށުން ފެސިލިޓީގެ ތަފުސީލާއި ފެސިލިޓީގެ ބާކީ އަދަދާއި އަދި މަހުން މަހަށް ދައްކަންޖެހޭ އަދަދު ހިމެނޭހެން މުހިންމު މައުލޫމާތުތައް ފެންނަން ހުންނާނެ އެވެ.

އެ އިންޓަގްރޭޝަނާ ގުޅޭގޮތުން އެސްޑީއެފްސީގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ އެ އިންޓަގްރޭޝަނަކީ އެސްއެމްއީތަކަށް ފޯރުކޮށްދޭ ހުރިހާ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެ ފެސިލިޓީތައް ބީއެމްއެލް މޮބައިލް އެޕްލިކޭޝަނާ ގުޅުވާލުމުން ކަސްޓަމަރުންނަށް ހިދުމަތް ލިބިގަތުން ފަސޭހަވެގެންދާނެ ކަމަށާއި ކުރިން ފެސިލިޓީތަކަށް ފައިސާ ދެއްކުމަށް ކުރަމުންއައި މެނުއަލް ބޭންކް ޓްރާންސްފާތައް މަދުވެ އަދި ރިއަލް-ޓައިމްކޮށް ޕޭމަންޓް ތަކުގެ އަޕްޑޭޓް ލިބި، ހިދްމަތްތައް އަވަސް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހިދުމަތް ހޯދުމުގައި ބޭނުންވާ އިތުރު މައުލޫމާތު އެސްޑީއެފްސީގެ ސޯޝަލް މީޑިއާއިން ލިބޭނެ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްޑީއެފްސީގެ ނަން މިދިޔަ މަހު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ނަމަށް ވަނީ ބަދަލުކޮށްފަ އެވެ.