06 ނޮވެމްބަރ 2025 - 16:02

އިންޑިއާ ހިންދޫންގެ މަޝްހޫރު ފައްޅިއެއްގައި ހުރި ބައެއް ބުދުތަކުގައި އަޅުވާފައި ހުރި ރަނުގެ "ހެދުން" ތަކުން ބައެއް ބައިތައް ވަގަށް ނަގާފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ކެރެލާ ހައި ކޯޓުން ބުނުމާ އެކު ބޮޑު މައްސަލަގަނޑެއް ފެންމަތިވެއްޖެ އެވެ.
އިންޑިއާގެ އެކި ހިސާބުތަކުގައި، އަޅުކަންކުރަން ގެންގުޅޭ ބުދުތަކުގައި ރަނާއި ރިހީގެ ޕްލޭޓް ހުންނައިރު މިކަމަށް އާންމުކޮށް ހަރަދުކުރަނީ ފައްޅިއަށްދާ މީހުންނެވެ. ކޮންމެ އަހަރަކު އެތައް މިލިއަން ބަޔަކު ޒިޔާރަތް ކުރާ ސަބަރިމަލާ ފައްޅީގައި ކުރި މި ވައްކަމާ އެކު ހިންދޫ އަޅުވެރިންނަށް ވަނީ ބޮޑު ހައިރާންކަމެއް ލިބިފަ އެވެ.
ކެރެލާ ހައި ކޯޓުން އަންނަީ ސްޕެޝަލް އިންވެސްޓިގޭޝަން ޓީމެއް (އެސްއައިޓީ) އެއް އުފައްދައި، އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފައި ވާއިރު ހާމުދުރެއްގެ އެހީތެރިޔަކު ވެސް ހިމެނެ އެވެ.
މި މައްސަލައިގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ފައްޅިއަށް ވަންނަ ދޮރުމަތީ ބަހައްޓާފައި ހުންނަ ދެ ބުދަކުން ކުރި ވައްކަމެވެ.
ކޯޓުން ހޯދި، ފައްޅީގެ ރެކޯޑްތަކުން ދައްކާ ގޮތުގައި 1998-1999 ވަނަ އަހަރު އެ ފައްޅިއަށް ވަނީ އެކި މައްސަލަތަކުގައި ބެދިފައިވާ ބިލިއަނަރެއް ކަމަށްވާ ވިޖޭ މަލްޔާ 30.291 ކިލޯގެ ރަނުގެ "ފޭރާން" ހަދިޔާކޮށްފަ އެވެ. ބުދުތަކާއި ފައްޅީގެ އެކި ތަންތަން އެއިން ޒީނަތްތެރިކޮށްފައިވެ އެވެ.
ރަން ވަގަށް ނެގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ހާމުދުރުގެ އެހީތެރިޔާ ވަނީ ބުދުތަކުގައި އިތުރު ރަން ހަރުކުރުމަށް ބުދުތަކެއް ގެންގޮސްފަ އެވެ. ކޯޓުން ބުނީ ދެ މަސް ފަހުން ބުދުތައް ގެނައި އިރު އެ ބުދުތައް ކިރައި، ބަދަލެއް އައިސްފައި ވޭތޯ ބަލަން ކުރަންޖެހޭ ކަންކަން ކޮށްފައި ނުވާ ކަމަށެވެ. އަދި ފަހުން ބެލި އިރު އޭގެ ބަރުދަނަށް ބަދަލެއް ނާންނަ ކަމަށް ވެސް ބުނެފައިވެ އެވެ.
ބުދުތަކުގެ އިތުރުން ފައްޅީގެ އެކި ތަންތަނުގައި ހުރި ރަނުގެ ތަކެތިން އެކި ބައިތައް މަދުވެފައިވާކަން މިހާރު އެނގިފައިވާ ކަމަށާއި އެހެންވެ ބަލަން ފެށި މި މައްސަލަ އިތުރަށް ފުޅާވެ ވަރަށް ބޮޑު މައްސަލަކަށް މިކަން ބަދަލުވެގެން ހިނގައިދާނެ ކަމަށް ވަނީ ބުނެފަ އެވެ.
މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން ބުނަމުންދަނީ އެ މީހުން ފްރޭމްކޮށްފައިވާ ކަމަށާއި ވައްކަންކޮށްގެން އުޅެނީ އެހެން ބަޔަކު ކަމަށެވެ.
ބުދުތަކުން ރަން ގެއްލުނު މައްސަލަ ބޮޑުވެ ކެރެލާގެ ކޮމިއުނިސްޓް ސަރުކާރާ ދެކޮޅަށް، ކޮންގްރެސް ޕާޓީން އަންނަނީ މުޒާހަރާ ވެސް ކުރަމުންނެވެ.