އާ ސްޓޭޑިއަމް ބިނާކޮށް، ސެންސީރޯ ބިމާހަމަކޮށްލަނީ
އާ ސްޓޭޑިއަމް ބިނާކޮށް، ސެންސީރޯ ބިމާހަމަކޮށްލަނީ

އިޓަލީގެ މަޝްހޫރު ދެ ފުޓްބޯޅަ ކްލަބް ކަމަށްވާ އޭސީ މިލާނާއި، އިންޓަ މިލާނުން މިހާރު ބޭނުންކުރާ ސެންސީރޯ ސްޓޭޑިއަމް ގަނެ، އަމިއްލަ ސްޓޭޑިއަމެއް ބިނާކުރުމުގެ ފުރަތަމަ ފިޔަވަޅު އަޅައިފި އެވެ.

ދުނިޔޭގެ އެންމެ ތާރީހީ އެއް ސްޓޭޑިއަމް ކަމަށްވާ ސެންސީރޯގެ މިލްކުވެރިންނަކީ މިލާނުގެ ސިޓީ ކައުންސިލެވެ. ދެ ކްލަބުން ބޭނުންވީ އެ ސްޓޭޑިއަމް ގަތުމަށް ފަހު، އެތަން ތަޅާލައި، އެ ބިމުގައި އާ ސްޓޭޑިއަމެއް އަޅާށެވެ.

މިލާނާއި، އިންޓަ އިން އެ ސްޓޭޑިއަމާއި، އެ ބިން ގަތީ 197 މިލިއަން ޔޫރޯ އަށެވެ. އިއްޔެ ވަނީ އެ ކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އާ ސްޓޭޑިއަމް ބިނާކުރުމުގެ މަސައްކަތް ފަށާނީ 2027 ގަ އެވެ. ސެން ސީރޯ ބިމާހަމަކުރާނީ އާ ސްޓޭޑިއަމް ނިމުމުންނެވެ. އަމާޒަކީ 2032 ވަނަ އަހަރު އިޓަލީ އާއި ތުރުކީ ގުޅިގެން ބާއްވާ ޔޫރޯ އަށް ވާއިރަށް އާ ސްޓޭޑިއަމް ނިންމުމެވެ.

ސެންސީރޯ އަކީ މީގެ 99 އަހަރު ކުރިން ބިނާކޮށް، ހަތަރު ފަހަރު މަރާމާތުކޮށްފައިވާ ސްޓޭޑިއަމެކެވެ. ތާރީހީ ސްޓޭޑިއަމެއް ނަމަވެސް ޒަމާނީ ވަސީލަތްތައް ނެތުމާއި، ސެކިއުރިޓީގެ މައްސަލަތަކާ ހެދި ދެ ކްލަބުން ދުނިޔޭގެ ފެންވަރުގެ ސްޓޭޑިއަމެއް ބިނާކުރަން ބޭނުންވީ އެވެ.

ގާތްގަނޑަކަށް 71،000 މީހުންގެ ޖާގައިގެ، 1.2 ބިލިއަން ޔޫރޯގެ އާ ސްޓޭޑިއަމް އަޅާނީ މިހާރުގެ ސްޓޭޑިއަމްގެ ޕާކިން ސަރަހައްދުގަ އެވެ. އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ބިނާކުރާ މި ސްޓޭޑިއަމާ އެކު އެ ސަރަހައްދުގައި ކޮމާޝަލް، އެންޓެޓެއިންމެންޓް އަދި އޮފީސް އޭރިއާއެއް ވެސް ގާއިމްކުރާނެ އެވެ. ދެ ކްލަބުން އަންދާޒާކުރާ ގޮތުގައި، އާ ސްޓޭޑިއަމްގެ ޕްރޮޖެކްޓް ނިމުމުން އާމްދަނީ ބޮޑުތަނުން އިތުރުވެ ޔޫރަޕުގެ އެހެން ކްލަބްތަކާ މާލީ ގޮތުން ވާދަކުރެވޭނެ އެވެ.

މިލާނާއި، އިންޓަ އިން ވަނީ ދެ ކްލަބް ވަކިން ސްޓޭޑިއަމް އެޅުމަށް ވެސް ވިސްނައިފަ އެވެ. ނަމަވެސް އެކަށީގެންވާ ދެ ބިމެއް ލިބެން ނެތުމުން އެ ހިޔާލު ދޫކޮށްލީ އެވެ. އަނެއް ސަބަބަކީ ގުޅިގެން ސްޓޭޑިއަމް އެޅުމުން ހަރަދު ސަލާމަތްކުރެވޭނެތީވެ އެވެ.