ރިއަލްއެސްޓޭޓް ވިޔަފާރީގެ ފައިސާ ރާއްޖޭން ބޭރުވުން ހުއްޓުވަން ދިވެހި ކުންފުނިތަކަށް އިސްކަންދޭން އަންގައިފި
ރިއަލްއެސްޓޭޓް ވިޔަފާރީގެ ފައިސާ ރާއްޖޭން ބޭރުވުން ހުއްޓުވަން ދިވެހި ކުންފުނިތަކަށް އިސްކަންދޭން އަންގައިފި

ރާއްޖޭގެ ރިއަލްއެސްޓޭޓް ވިޔަފާރިން ލިބޭ އާމްދަަނީގެ ބޮޑުބައެއް ބޭރު ފައިސާގެ ގޮތުގައި ރާއްޖޭން ބޭރަށް ގެންދަނީ ބޭރުގެ ކުންފުނިތަކުން ކަމަށާއި އެކަން ބަދަލުކުރަން ސަރުކާރުން ހާއްސަ އުސޫލަކަށް އަމަލުކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރިއަލްއެސްޓޭޓް ވިޔަފާރީގެ ފައިސާ ރާއްޖޭން ބޭރުވުން ހުއްޓުވަން ދިވެހި ކުންފުނިތަކަށް އިސްކަންދޭން އަންގައިފި
ރިއަލްއެސްޓޭޓް ވިޔަފާރީގެ ފައިސާ ރާއްޖޭން ބޭރުވުން ހުއްޓުވަން ދިވެހި ކުންފުނިތަކަށް އިސްކަންދޭން އަންގައިފި

ތަަރައްގީއާ ގުޅުން ހުރި 206 މަޝްރޫއުއެއް ދިވެހި ކުންފުނިތަކާ ހަވާލުކުރަން ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، ބޭރުގެ ކުންފުނިތަކުން ރާއްޖޭގެ ރިއަލްއެސްޓޭޓް ވިޔަފާރީގެ ބޮޑު ހިއްސާއެއް ބޭރުގެ ކުންފުނިތަކަށް ފުރޮޅިފައިވާ ކަމަށެވެ. އެ ކުންފުނިތަކުން ރާއްޖޭގައި ބޮޑެތި މަަޝްރޫއުތައް ހިންގަނީ ރާއްޖޭގެ މާލީ އަދި ބޭންކިން ނިޒާމު މެދުވެރިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިއަލްއެސްޓޭޓް ވިޔަފާރީގެ ފައިސާ ރާއްޖޭން ބޭރުވުން ހުއްޓުވަން ދިވެހި ކުންފުނިތަކަށް އިސްކަންދޭން އަންގައިފި
ރިއަލްއެސްޓޭޓް ވިޔަފާރީގެ ފައިސާ ރާއްޖޭން ބޭރުވުން ހުއްޓުވަން ދިވެހި ކުންފުނިތަކަށް އިސްކަންދޭން އަންގައިފި

"ދިވެހިރާއްޖޭގެ ރިއަލްއެސްޓޭޓް މާކެޓްގެ ބޮޑު ހިއްސާއެއް މި އޮތީ ބޭރުގެ ކުންފުނިތަކުގެ މައްޗަށް ފުރޮޅިފައި. އެބައިމީހުން އެ ދަނީ ރާއްޖޭގެ ބޭންކިން ނިޒާމުގައި ހުރި ފައިނޭންސް މެދުވެރިކޮށް، ދިވެހިންނަށް ރިއަލްއެސްޓޭޓް އެސެޓްތައް ވިއްކައިގެން ލިބޭ ދިވެހި ރުފިޔާ އެމެރިކާ ޑޮލަރަށް ބަދަލުކޮށްގެން ދިވެހިރާއްޖޭގެ މާލީ ނިޒާމުން ބާރުމިނުގައި ބޭރުކުރަމުން،" ޒަމީރު ވިދާޅުވި އެވެ.

އެކަން ބަދަލުކުރުމަށް ދިވެހި ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނާއި ވިޔަފާރިތަކަށް އިސްކަންދޭން ދައުލަތުގެ ކުންފުނިތަކަށް ފިނޭންސް މިނިސްޓްރީން މިހާރު އަންގާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެއާ އެކު، ދިވެހި ކުންފުނިތަކާ މިހާރު ގިނަ މަޝްރޫއުތަކެއް ހަވާލުކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އަމިއްލަ ކުންުފުނިތަކާ މަޝްރޫއުތައް ހަވާލުކުރުމުގެ ބޭނުމަކީ ވެސް ދިވެހި ކުންފުނިތައް ބާރުވެރިކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"[މަގުސަދަކީ] ހާއްސަކޮށް ބޮޑެތި އަދަދުތަކުން ޓެކްސް ދައްކާ ދިވެހި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކޮޅަށްޖަހައި އާ އުސްމިންތަކަކަށް ގެންދިއުން،" ޒަމީރު ވިދާޅުވި އެވެ.

އެ މަސައްކަތްތައް ރާއްޖޭގެ ކުންފުނިތަކާ ހަވާލުކުރުމާ އެކު ރާއްޖޭގެ ބޭންކިން ސެކްޓާ އަކީ ދިވެހި ކުންފުނިތަކާ ރަށްޓެހި ސެކްޓާއަކަށް ހަދަން ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަދު 206 މަޝްރޫއެއްގައި ސޮއިކުރި އިރު އެ މަޝްރޫއުތަކުުގެ މަސައްކަތްތައް ނިންމާކަން ކަށަވަރުކުރަން ސަރުކާރުގެ މުއައްސަސާތަކުން މަސައްކަތް ވަޒަންކުރަމުން ގެންދާނެ އެވެ. ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހިންގާ ކުންފުނިތަކަށް ހަމައަށް ފައިސާ ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުތަކާ އެއްގޮތަށް ބޭންކިން ފައިނޭންސް މެދުވެރިކޮށް މި މަޝްރޫއުތައް ހިންގުމާ ހަވާލުވާ ދިވެހި ވިޔަފާރިތަކަށް ބަރާބަރަށް ފައިސާ ލިބޭނެ،" ޒަމީރު ވިދާޅުވި އެވެ.

އެ މަޝްރޫއުތަކަށް ފައިނޭންސް ކުރާ ކުންފުނިތަކަށް މިނިސްޓަރު ވިދާޅުވީ އެ ކުންފުނިތަކުން ސަރުކާރަށާއި ރާއްޖޭގެ އިގްތިސާދަށް ކުރާ އިރުބާރު ސަރުކާރަށް މުހިއްމު ކަމަށެވެ. މިއަދު ސޮއިކުރި އެއްބަސްވުންތައް ހިމެނޭނީ އާއްމު އިންވެސްޓްމެންޓް ފްރޭމްވޯކެއްގެ ތެރޭގައި ކަމަށާއި ރިސްކް ކުޑަކުރުމަށް، ފައިސާ ދޭކަން ޔަގީންކުރުމާ އެކު މަސަައްކަތް މޮނިޓާކުރާނެ އިންތިޒާމްތައް އެ ފްރޭމްވޯކްގައި ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންކަމުން ބޭންކްތަކަށް ވެސް ރަނގަޅު ފައިދާއެއް ލިބި، އިތުރު މަޝްރޫއުތަަކަށް ވެސް ފައިސާ ފޯރުކޮށްދިނުމުގެ މަގުފަހިވެގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.

ސަރުކާރުން މިއަދު އަމިއްލަ ކުންފުނިތަކާ ހަވާލުކުރި 206 މަޝްރޫއަކީ 123 ރަށެއްގެ އެކި މަސައްކަތެވެ. އެ މަސައްކަތްތައް ހަވާލުކުރީ ތަފާތު 53 ކުންފުންޏަކާ އެެވެ.