ޣައްޒާއަށް ފައުޖެއް ފޮނުވުމުގެ ގަރާރު ސަލާމަތީ މަޖިލީހުގެ މެންބަރުންނަށް ފޮނުވައިފި
ޣައްޒާއަށް ފައުޖެއް ފޮނުވުމުގެ ގަރާރު ސަލާމަތީ މަޖިލީހުގެ މެންބަރުންނަށް ފޮނުވައިފި

ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލަން ވެފައިވާ އެއްބަސްވުމުގެ ދަށުން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބައިނަލްއަގުވާމީ ފައުޖެއް ފޮނުވުން ހިމެނޭ ގޮތަށް އެކި ކަންކަން ހިމަނާފައިވާ ގަރާރު އެމެރިކާއިން ސަލާމަތީ މަޖިލީހުގެ ބައެއް މެންބަރުންނާ ހިއްސާކޮށްފި އެވެ.

އެމެރިކާ ސަފީރު މައިކް ވޯލްޓްޒް ވަނީ ސަލާމަތީ މަޖިލީހުގެ އިންތިހާބީ 10 މެމްބަރުންގެ އިތުރުން ސަރަހައްދީ ބައިވެރިން ކަމަށްވާ މިސްރު، ގަތަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ސައުދީ އަރަބިއްޔާ އަދި ތުރުކީއަށް މި ގަރާރުގެ ޑްރާފްޓް ހިއްސާކުރައްވައިފަ އެވެ.

ނަމަވެސް މި ގަރާރަށް ވޯޓަށް އަހާނެ ދުވަހެއް އަދި ނުނިންމަ އެވެ.

މިކަމާ ގުޅޭ ގޮތުން އެމެރިކާއިން ނެރުނު ބަޔާނުގައި ބުނީ އެ ގަރާރަކީ ޓްރަމްޕްގެ 20 ނުކުތާގެ ޕްލޭންގައި ހިމެނޭ، ޣައްޒާ ހިންގުމުގެ ވަގުތީ ކައުންސިލް، "ބޯޑް އޮފް ޕީސް" ގެ ފެށުމަށް ވާނެ ކަމަށެވެ. މިއީ ޓްރަމްޕު ޗެއާކުރައްވާ ކައުންސިލެކެވެ.

މީގެ އިތުރުން ޣައްޒާގެ ހާލަތު ބަދަލުކުރުމަށް އެ ތަނަށް ބައިނަލްއުވާމީ ސަލާމަތީ ފައުޖެއް ފޮނުވުމުގެ ހުއްދަ ވެސް މި ގަރާރާ އެކު ލިބޭނެ ކަމަށް އެމެރިކާއިން ބުންޏެވެ.

ޑިޕްލޮމެޓުންގެ ފަރާތުން އެނގިފައިވާ ގޮތުގައި، ޣައްޒާއަށް ފޮނުވާ އިންޓަނޭޝަނަލް ސެކިއުރިޓީ ފޯސް (އައިއެސްއެފް) ގައި ބައިވެރިވާން ގިނަ ގައުމުތަކުން ތައްޔާރަށް ތިބި ކަމަށް އަންގާފައި ވިޔަސް، ފަލަސްތީނުގެ ސަރަހައްދަށް ފޮނުވުމުގެ ކުރިން ސަލާމަތީ މަޖިލީހުގެ މެންޑޭޓެއް ބޭނުންވާނެ ކަމަށް އެ ގައުމުތަކުން ބުނެފައިވެ އެވެ.

"ރައީސް ޓްރަމްޕްގެ ހަރުދަނާ ލީޑަޝިޕްގެ ދަށުން އެމެރިކާ އިން އދ. ގައި އަނެއްކާވެސް، ނިމުމެއް ނެތް ވާހަކަތަކެއް ނުދައްކައި، ނަތީޖާ ނެރޭނެ،" އެމެރިކާގެ ތަރުޖަމާނު ވިދާޅުވި އެވެ.

އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ހަމާސްއިން ދިން ހަމަލާއާ އެކު އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތައް ހުއްޓާލަން ވީ އެއްބަސްވުމަށް އަމަލުކުރަން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އެ އެއްބަސްވުމުގައި، ޣައްޒާގައި ބައިނަލްއަގުވާމީ ފައުޖެއް ބޭއްވުން ހިމެނޭއިރު މި ފައުޖަށް ސިފައިން ނަގާނީ މައިގަނޑު ގޮތެއްގައި، އަރަބި އަދި އިސްލާމީ ގައުމުތަކުންނެވެ. މިއީ އިޒްރޭލު ސިފައިން ޣައްޒާއިން ފައިބައިގެން ދިއުމުން ސަލާމަތީ ކަންކަމާ ހަވާލުވާނެ ފައުޖެވެ.

"ޒަމާންވީ ލޭ އޮހޮރުވުން ނިމުމަކަށް ގެނެސް، މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރުމަށް ރައީސް ޓްރަމްޕް ގެންގުޅުއްވި ތަސައްވުރު ހަގީގަތަކަށް ހެދުމަށް މި ގައުމުތަކުން ވަނީ ފުރުސަތުގެ ބޭނުން ހިފާފައި،" އެމެރިކާގެ ތަރުޖަމާން ވިދާޅުވި އެވެ.

ޓްރަމްޕްގެ ޕްލޭންގެ ފަހުގެ މަރުހަލާތަކުގެ ތެރޭގައި ޣައްޒާއިން އިޒްރޭލު ސިފައިން އެއްކޮށް ފޭބުމާއި، ހަމާސް ޖަމާއަތުން ހަތިޔާރު ބެހެއްޓުމާއި، އިޒްރޭލުން ބިމާ ހަމަކޮށްފައިވާ ޣައްޒާ އަލުން އާރާސްތުކުރުން ހިމެނެ އެވެ. -- އޭއެފްޕީ