205 މަޝްރޫއެއްގައި އަމިއްލަ ކުންފުނިތަކާ އެކު މިއަދު ސޮއިކުރަނީ
205 މަޝްރޫއެއްގައި އަމިއްލަ ކުންފުނިތަކާ އެކު މިއަދު ސޮއިކުރަނީ

ސަރުކާރުން ފަށަން ނިންމާފައިވާ 205 މަޝްރޫއެއްގެ އެއްބަސްވުންތަކުގައި ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުން އަމިއްލަ ފަރާތްތަކާ އެކު މިއަދު ސޮއިކުރަން ނިންމައިފި އެވެ.

މިއަދުގެ ހެނދުނު 10 އިން ފެށިގެން 3-4 ގަޑިއިރަށް ދިގުދެމިގެންދާނެ ކަމަށް ބެލެވޭ މި ރަސްމިއްޔާތު ބާއްވަނީ ބާސެލޯ ނަސަންދުރާގަ އެވެ.

"މި ހުރިހާ ޕްރޮޖެކްޓެއް ވެސް ހަވާލު ކުރަނީ އަމިއްލަ ފަރާތްތަކާ. ސަރުކާރުގެ އެއްވެސް ކުންފުންޏެއް ނުހިމެނޭނެ،" ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

އެ ކަމަކު އެ ޕްރޮޖެކްޓުތަކުގެ އަގެެއް އަދި ހާމައެއް ނުކުރެ އެވެ.

މިއަދު ސޮއިކުރާ އެއްބަސްވުންތަކުގެ ތެރޭގައި ހިޔާވަހިކަމުގެ މަޝްރޫއުތަކާއި ވަގުފް އިމާރާތްތައް ހެދުމާއި ޓާފްދަނޑުތައް އެޅުން ފަދަ ކަންކަން ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މި ސަރުކާރުގައި މިދިޔަ ދުވަސްތަކުގައި ގިނަ އަދަދެއްގެ ޕްރޮޖްކެޓުތައް ސަރުކާރުގެ ކުންފުނިތަކާ ކުރިން ހަވާލު ކޮށްފައިވާތީ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ސަރުކާރުން ފަހުން ބުނެފައި ވަނީ އަމިއްލަ ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރާ ތަން ވަރަށް އަވަހަށް ފެންނަން ފަށާނެ ކަަމަށެވެ.

ރައީސް މުއިއްޒު މިދިޔަ މަހުގެ ދެ ވަނަ ދުވަހު ވިދާޅުވެފައި ވަނީ ސަރުކާރުން ދިވެހި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ އެ ތާރީހުން ފެށިގެން ފަސް ހަފުތާގެ ތެރޭގައި އެއްކޮށްދީ ނިމޭނެ ކަމަށެވެ.

ރައީސް އެ ދުވަހު ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހި ވިޔަފާރިތައް މެދުވެރިކޮށް އެކި މަސައްކަތްތައް ސަރުކާރުން ކުރުވުމަށް ފަހު، ފައިސާ ނުދީ ހުރި އެތައް ހާސް ބިލެއް އޮތް ކަމަށެވެ.

އޭގެ ތެރެއިން ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުށަހަޅާފައިވާ ބިލުތަކަށް ދައްކަންޖެހޭ ފައިސާ މިދިޔަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ފަސް ހަފުތާގެ ތެރޭގައި ދައްކައި، ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި އެއީ ގާތްގަނޑަކަށް 2.2 ބިލިއަން ރުފިޔާ އެވެ.

ސަރުކާރުން އަމިއްލަ ފަރާތްތައް މެދުވެރިވެގެން ހިންގި ޕްރޮޖެކްޓުތަކަށް ދޭން ޖެހޭ ފައިސާ ދީ ނިންމާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ފަސް ހަފުތާގެ މުއްދަތު ހަމަވާނީ މިއަދުގެ ނިޔަލަށެވެ.