06 ނޮވެމްބަރ 2025 - 10:46

އައްޑޫ ހިތަދޫގެ ތެރެއަށް ވަދެފައި އޮންނަ ގޮންޏެއް ކަމަށްވާ "މޫލެކެޑޭ ފިށިމަތި" ސަރަހައްދު ހިއްކައިގެން މަގު ހަދަން ސަރުކާރުން ރާވާފައިވާ މަޝްރޫއު ހުއްޓާލަން އައްޑޫގައި ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމިއްޔާއަކުން އެދިއްޖެ އެވެ.

އެ ސަަރަހައްދު ހިއްކަން ސަރުކާރުން ކުރިން ނިންމީ ލިންކް ރޯޑް ސީދާ ކުރުމާއި އެ ސަރަހައްދުން ނުބައި ވަސްދުވުން ފަދަ މައްސަލަތައް ހައްލުކުރަން އެދި ހިތަދޫގެ ބައެއް ރައްޔިތުން ޕެޓިޝަނެއް ހުށަހެޅުމުންނެވެ. އެހެން ނަމަވެސް އެތަން ނުހިއްކުމަށް "ތިމާވެށި ޕްރޮޖެކްޓް" ނަމަކަށް ކިޔާ ޖަމިއްޔާއަކުން އެދުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އައްޑޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ރައްޔިތުންނާ އެމަނިކުފާނު ސަލާން ކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނާ ހަވާލު ކުރެއްވި ސިޓީއަކުންނެވެ.
އެ ސިޓީގައިވަނީ މަޝްރޫއު ހިންގަން އެދި ހިތަދޫން ރައީސަށް ހުށަހެޅި ޕެޓިޝަނުގައި ސޮއިކޮށްފައިވަނީ ނިސްބަތުން ވަރަށް މަދު ބައެއް ކަމަށާއި އެގޮތުން، މޫލެކެޑެ ސަަރަހައްދުގައި 5،439 މީހުން ދިރިއުޅޭއިރު ޕެޓިޝަނުގައި ސޮއިކޮށްފައި ވަނީ އެންމެ 122 މީހުން ކަމަށް އެ ސިޓީގައިވެ އެވެ. އަދި އެ ސަރަހައްދު ހިއްކިޔަސް، ހިތަދުއަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމާއި ނުބައި ވަސް ދުވުމުގެ މައްސަލައަށް އެ މަޝްރޫއުގެ ސަބަބުން ހައްލެއް ނުލިބޭނެ ކަމަށް އެ ސިޓީގައިވެ އެވެ.
"މަޝްރޫއުގެ ސަބަބުން ގަވައިދާ ހިލާފަށް ކުނި ނައްތާލުމާއި ތަން ތަގައްޔަރުވުމަކީ މާ ގާތް ކަމެއް،" ސިޓީގައިވެ އެވެ.
ތިމާވެށި ޕްރޮޖެކްޓުން ބުނީ ފިށިމަތި ސަރަހައްދަކީ އައްޑޫގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއް ތަން ކަމަށްވާ ނޭޗާ ޕާކާ ވަރަށް ކައިރީގައި އަދި އެ ސަރަހައްދުގެ "ބަފާ ޒޯނެއް"ގެ ގޮތުގައި އޮތް ތަނެއް ކަމަށެވެ. އެހެންވެ އެތަން ހިއްކުމާ ސްޓޭކްހޯލްޑަރުން ދެކޮޅު ހަދާފައިވާ ކަމަށެވެ.
އެ ސަރަހައްދު ހިއްކުމުގެ ބަދަލުގައި ތަރައްގީ ކުރެވިދާނެ ގޮތުގެ ޕްލޭނެއް އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓްގައި ހިމަނާފައިވާ ކަމަށާއި އެއީ ތިމާވެށި ޕްރޮޖެކްޓް ޖަމިއްޔާ އާއި އެ ސަރަހައްދު ހިއްކުމާ ދެކޮޅު ރައްޔިތުން ގަބޫލުކުރާ ޕްލޭނެއްް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
އެ ޕްލޭންގައިވާ ގޮތުން ފިށިމަތި ގޮނީގައި ހަދާނީ ހިނގާފައި ހުރަސްކުރާ، ތިމާވެށްޓަށް ގެއްލުން ނުލިބޭ ގޮތަށް އަޅާ ފާލަމެކެވެ.
ސިޓީގައި ހުށަހަޅާފައިވާ ކަންތައްތައްތަކަކީ ސިޔާސީ ހުށަހެޅުންތަކެއް ނޫން ކަމަށާއި އެހެންވެ، އެ މަޝްރޫއު ހުއްޓާލަން އެދޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.