06 ނޮވެމްބަރ 2025 - 08:14

ފިލް ފޯޑަން އަސްލު ފޯމަށް އެނބުރި އަތުވެއްޖެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ރޭ ކުޅުނު މެޗު ސިޓީން ކާމިޔާބު ކުރީ 4-1 ންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ސިޓީގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ފޯޑަން އެވެ.
ސިޓީން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން އެންމެ ފަހުން ހޯދި 2023-2024 ގެ ސީޒަނުގައި މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ފޯޑަން އެވެ.
އެކަމަކު މިދިޔަ އަހަރު އިނގިރޭސި ފޯވާޑަށް ލިބުނު އަނިޔާއާ ގުޅިގެން ކުޅުމާ ދުރުގަ އެވެ. މިދިޔަ ސީޒަނުގައި ސިޓީގެ މުހިންމު އެހެން ކުޅުންތެރިންނަށް ވެސް އަނިޔާގެ މައްސަލަ ކުރިމަތިވުމުން އެ ޓީމުގެ ފޯމު ކެޓި އެވެ. ތަށި ދިފާއު ނުކުރެވުނު އިރު އެ ޓީމު ނިންމާލީ ތިންވަނައިގަ އެވެ.
އަނިޔާ އަށް ފަހު ފޯޑަންގެ އަސްލު ފޯމު ފެނުނީ ރޭގަ އެވެ. އެއީ ޗެމްޕިއަންސް ލީގު މެޗެއްގައި އޭނާ ދެ ލަނޑު ވެސް ޖެހި ފުރަތަމަ ފަހަރެވެ. އެ މުބާރާތުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ މިހާރު 20 އަށް އަރައިފަ އެވެ.
"މި ސީޒަނުގައި ފިލް [ފޯޑަން] އެނބުރި އަތުވެއްޖެ. އާނ. މި ސީޒަނުގައި. ހަމައެކަނި އޭނާއެކަންޏެއް ނޫން. އަހަރެމެން އެންމެން މިދިޔަ ސީޒަނުގައި އުނދަގޫ ތަހައްމަލު ކުރިން،" ގާޑިއޯލާ ބުންޏެވެ.
"ފިލް އެ ފެންވަރުގައި ކުޅޭކަމަށް ވަންޏާ. ދަނޑުމަތީގައި އޭނާ ހުންނަކަމަށް ވަންޏާ އެ ހެޔޮ ދެން ކޮންމެ ގޮތެއް ވިޔަސް.
"އޭނާއަކީ ވަރަށް ހާއްސަ ކުޅުންތެރިޔެއް. އެކަމަކު ހަމަ ޔަގީނުން ވެސް އަހަރެމެން ބޭނުންވި އޭނާގެ ގޯލްތައް ފެންނަން. އޭނާ މިއަދު [ރޭ] އެކަން ކޮށްފި. އެއީ ފުރަތަމަ ފިޔަވަޅު. މުހިންމުކަމަކީ އޭނާ އަށް ދަނޑުމަތީގައި ހުރެވުން."
ރޭގެ މެޗާ ހަމައަށް އިރު ފޯޑަންގެ މާ ބޮޑު ކުޅުމެއް ނުފެނުނަސް އިނގިރޭސި ގައުމީ ކޯޗު ތޯމަސް ޓޫހްލް ވަނީ އޭނާގެ ސްކޮޑްގައި ފޯޑަން ހިމަނައި، އިއްޔެ ސްކޮޑް އިއުލާން ކޮށްފަ އެވެ.
"ތޯމަސް [ޓޫހްލް] އަލީ ބުއްދިވެރި މީހެއް،" ހިތްހަމަޖެހިފައި ހުރެ ގާޑިއޯލާގެ ތައުރީފު ޓޫހުލް އަށް ބަނޑުންކޮށްލި އެވެ.
"އޭނާ އަށް އެނގޭ އިނގިރޭސި ގައުމީ ޓީމަށް އެންމެ ބޭނުންވާ ކަންތައްތަކަކީ ކޮބައިކަން."
ރޭގެ މެޗުގައި ސިޓީގެ އަނެއް ދެ ލަނޑު ޖެހީ އާލިންގް ހާލަންޑާއި ރަޔަން ޝާކީ އެވެ. ޑޯޓްމަންޑްގެ ލަނޑު ޖެހީ ވަލްޑަމާ އަންޓޮން އެވެ.