މިއީ ބާސާއަށް ރަނގަޅު ދަނޑިވަޅެއް ނޫން، އެންމެންނަށް ވެސް އެކަން އެނގޭނެ: ފްލިކް
މިއީ ބާސާއަށް ރަނގަޅު ދަނޑިވަޅެއް ނޫން، އެންމެންނަށް ވެސް އެކަން އެނގޭނެ: ފްލިކް

މި ދަނޑިވަޅަކީ ބާސެލޯނާ އެންމެ ރަނގަޅު ހާލަތުގައި އޮތް ވަގުތެއް ނޫންކަން އެންމެންނަށް ވެސް އެނގޭނެކަމަށް އެ ޓީމުގެ ކޯޗު ހެންސީ ފްލިކް ބުނެފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބެލްޖިއަމްގެ ކްލަބް ބްރޫޖާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުން ބާސާ އެއްވަރުވީ 3-3 ންނެވެ.

މެޗުގައި ތިން ފަހަރު ނަތީޖާ ހަމަހަމަވި އިރު އެއިން ކޮންމެ ފަހަރަކު ވެސް އެކަންކުރަން ޖެހުނީ ބާސާ އަށެވެ.

ބާސާއަށް ތިން ފަހަރުވެސް އެ މައްސަލަ ދިމާވީ އެ ޓީމުން ޑިފެންސަށް ސަމާލުކަން ނުދީ ވިއްދައިގެން ކުޅޭ ގޭމް ކުޅުވަން އުޅުމުން ކަމަށް މެޗުގެ އެނަލިސިސް ހެދި ތަޖުރިބާކާރުން ބުންޏެވެ. އެކަމާ ބެހޭގޮތުން ޕޯސްޓް މެޗު ޕްރެސްކޮންފަރެންގައި ފްލިކާ ސުވާލު ކުރުމުން އޭނާ ބުނީ ކޮންމެ ގޮތެއް ވިޔަސް ޓެކްޓިކްސް ބަދަލު ނުކުރާނެ ކަމަށެވެ.

ޖަރުމަނުގެ ކޯޗު ބުނި ގޮތުގައި ވަރުގަދަ އަށް ވިއްދައިގެން ކުޅޭ އެޓޭކިން ގޭމަކީ ބާސާގެ ޝަހުސު ނުވަތަ އައިޑެންޓިޓީ އެވެ.

"އަހަރެމެންގެ ޑީއެންއޭ އަހަރެމެން ބަދަލެއް ނުކުރާނަން،" ފްލިކް ބުންޏެވެ.

އޭނާ ބުނީ އަނިޔާގައި ތިބި ކުޅުންތެރިން އެނބުރި އައުމުން ބާސާގެ ހާލަތު ރަނގަޅު ވާނެ ކަމަށެވެ. މި މަހު ކުރިމަތިލާ ފީފާ ބްރޭކަށް ފަހު އެނބުރި އަންނައިރު ޓީމުގެ ހާލަތު ރަނގަޅު ވާނެ ކަމުގެ އުއްމީދު ފްލިކަށް އެބައޮތެވެ.

"އަހަރެމެންނަށް އެނގޭ. އެންމެންނަށް ވެސް އެކަން އެނގޭ މި ވަގުތަކީ ޓީމަށް އެންމެ ރަނގަޅު ދަނޑިވަޅެއް ނޫންކަން،" ފްލިކް ބުންޏެވެ.

"އެކަމަކު އަހަރެން އަބަދުވެސް ވިސްނާނީ ޕޮޒިޓިވްކޮށް. އަހަރެމެން މަސައްކަތް ކުރާނީ އެ ގޭމް ކުޅެން. އަހަންނަށް އެނގޭ ކޮންމެވެސް ހިސަބަކުން އެ ގޭމް އެންމެ ރަނގަޅަށް ކުޅެވޭނެކަން. ފަހަރެއްގައި (އިންޓަނޭޝަނަލް) ބްރޭކަށް ފަހު."