06 ނޮވެމްބަރ 2025 - 06:43

މެކްސިކޯގެ ފުރަތަމަ އަންހެން ރައީސް ކްލައުޑިއާ ޝެއިންބާމް މަގުމަތިން ހިންގަވާފައި ވަޑައިގަންވަނިކޮށް މީހަކު ފަހަތުން ގޮސް 'ގަޔަށް އަތްލައި' ބޮސްދޭން މަސައްކަތްކޮށްފި އެވެ.
ރިޔާސީ ގަނޑުވަރު ކައިރީ އަންގާރަ ދުވަހު އޮތް އިވެންޓަކަށް ވަޑައިގަންނަވަނިކޮށް ޝެއިންބާމްއަށް ޖިންސީ ގޯނާކުރި ފިރިހެން މީހާ ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހާ ޝެއިންބާމްގެ ގަޔަށް އަތްލައި ބައްދަން އުޅޭ މަންޒަރުގެ ވީޑިއޯތައް ވެސް ވަނީ އާންމުވެފަ އެވެ.
މި ހާދިސާއަށް ފަހު ޝެއިންބާމް ވަނީ ޖިންސީ ފުރައްސާރަ އަކީ މުޅި ގައުމުގައި ވެސް ކުށަކަށް ހަދަން ގޮވާލައްވައިފަ އެވެ.
އެ ފިރިހެންމީހާ ޝެއިންބާމްގެ ފަހަތުން ގޮސް އެއް އަތް ކޮނޑުމަތީގައި ބޭއްވުމަށް ފަހު، އަނެއް އަތުން އުނަގަނޑާއި މޭމަތީގައި ބީހި، ކަރުގައި ބޮސްދޭން މަސައްކަތް ކުރި އެވެ.
ރައީސްގެ ސެކިއުރިޓީން ވަނީ ވަގުތުން އެ މީހާ ދުރަށް ގެންގޮސްފަ އެވެ. ބެލެވޭ ގޮތުގައި އެއީ މަސްތުގެ ހާލަތުގައި ހުރި މީހެކެވެ.
ޝެއިންބާމް ވިދާޅުވީ އޭނާއަށް ޖިންސީ ގޯނާކުރި މީހާ އަކީ އެހެން އަންހެންނުންނާ މެދު ވެސް އެފަދަ އަމަލުތައް ހިންގާފައިވާ މީހެއްކަން މިހާރު އެނގިފައިވާ ކަމަށާއި އެހެންވެ އެ މީހާގެ މައްސަލަ ރަސްމީކޮށް ފުލުހުންނަށް ހުށަހަޅުއްވާނެ ކަމަށެވެ.
"...އަޅުގަނޑު މި މައްސަލަ ހުށަނާޅައިފި ނަމަ ގައުމުގެ އެހެން އަންހެނުންނަށް ވާނީ ކިހިނެއް؟ ގައުމުގެ ރައީސްއާ މެދު އެ މީހުން އެހެން އަމަލުކުރާ ނަމަ އެހެން އަންހެނުންނާ މެދު ކަން ކުރާނީ ކިހިނެއް،" ރައީސް ޝެއިންބާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއީ މަސްތުވެފައި ހުރި މީހެއްކަން ނުވަތަ ނޫންކަން ވެސް އެ ވަގުތު އެނގިވަޑައިނުގަންނަވާ ކަމަށާއި ކަން ހިނގި ގޮތް ވެސް ސާފުވީ ވީޑިއޯ ފެނިވަޑައިގަތުމުން ކަމަށެވެ.
ރައީސް މި ވާހަކަ ދެއްކެވި ފަހުން ވަނީ އެ މީހާ ހައްޔަރުކުރިކަން، ކަމާބެހޭ އިދާރާތަކުން ހާމަކޮށްފަ އެވެ.
ރައީސް ވިދާޅުވީ ގައުމުގެ ހުރިހާ ސްޓޭޓެއްގައި ވެސް މިފަދަ އަމަލުތައް ކުށުގެ އަމަލުތަކުގެ ގޮތުގައި ކަނޑައަޅާފައި އޮވޭތޯ ބަލައި ދިރާސާތަކެއް ކުރާނެ ކަމަށާއި މިއީ ކޮންމެ ތަނެއްގައި ވެސް ކުށެއްގެ ގޮތުގައި ބަަލަންޖެހޭނެ ކަމަށެވެ.
މެކްސިކޯގައި 32 ފެޑެރަލް ޑިސްޓްރިކްޓް އޮންނައިރު ކޮންމެ ޑިސްޓްރިކްޓެއްގައި ވެސް އޮންނަނީ އަމިއްލަ ގާނޫނުލް އުގޫބާތެކެވެ. ޖިންސީ ފުރައްސާރައިގެ އަމަލުތައް ކުށުގެ ގޮތުގައި ބެލުމުގައި އެކި ޑިސްޓްރިކްޓުގައި އަމަލުކުރަނީ އެކި ގޮތަށެވެ. -- އޭއެފްޕީ