06 ނޮވެމްބަރ 2025 - 06:42

ނިއު ޔޯކުގެ މޭޔަރު ކަމަށް، ވާތުފިޔައިގެ ފިކުރުގެ ޒަހްރާން މަމްދާނީ އިންތިހާބުވެވަޑައިގަތުމާ އެކު އެމެރިކާގެ ސިޔާދަތު ގެއްލިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕު ވަނީ "އަޅުގަނޑުމެން އެކަމާ އުޅޭކަން" ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް އެހެން ވިދާޅުވީ ކޮން މާނައެއްގައި ކަމެއް ނޭނގެ އެވެ. ނަމަވެސް އެއީ އެމެރިކާއަށް ހިޖަރަކުރާ މީހުންނާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ޓްރަމްޕު ގެންގުޅުއްވާއިރު ގައުމުގެ އެންމެ ވަރުގަދަ ސިޓީގެ ވެރިކަން ހިޖުރަވެރިއަކަށް ލިބުމާ ގުޅުވައި ވިދާޅުވި އެއްޗެއް ކަމަށް ބެލެވެ އެވެ.
ޓްރަމްޕު ވިދާޅުވީ މަމްދާނީގެ މޭޔަރުކަމުގައި، އެމެރިކާގެ އެންމެ ބޮޑު ސިޓީ ކޮމިއުނިސްޓު ސިޓީއަކަށް ބަދަލުވާނެ ކަމަށެވެ.
އެމެރިކާއަށް ހިޖުރަކުރި، ޝިއައީ މުސްލިމެއް ކަމަށްވާ މަމްދާނީގެ ކާމިޔާބީއަށް ފަހު ޓްރަމްޕު ދެއްވި ތަގުރީރެއްގައި ވިދާޅުވީ ނިއު ޔޯކްގެ ކޮމިއުނިޒަމަށް ފިލަންދާ މީހުންނަށް ހިމާޔަތް ލިބޭ ސިޓީއަކަށް ދެން ވާނީ ފްލޮރިޑާ ކަމަށެވެ.
"އެމެރިކާ ރައްޔިތުން ގޮތެއް ނިންމުމުގައި ވަކި މިއަށްވުރެ ސާފުކޮށް ހަގީގަތް ފެންނާކަށް ނެތް. މިއީ ކޮމިއުނިޒަމާއި ހަމަ ބުއްދީގެ ތެރެއިން ގޮތެއް އިހްތިޔާރުކުރުން،" ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސްއާ ވާދަކުރައްވައި ޓްރަމްޕު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވިތާ އެއް އަހަރު ފުރުމާ ދިމާކޮށް ދެއްވި ތަގުރީރުގައި ވިދާޅުވި އެވެ.
"އެންމެން ގުޅިގެން، އަހަރުމެން އިގްތިސާދު ސަލާމަތްކޮށް، މިނިވަންކަން ހޯދީ މިދިޔަ ހިތްގައިމު 365 ދުވަސް ކުރިން މި ރޭ،" ޓްރަމްޕްގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ނިއު ޔޯކްގައި ދިރިއުޅުމުގެ ހަަރަދުތައް ކުޑަކޮށް، ބައެއް އާންމު ހިދުމަތްތައް ހިލޭ ދިން ފަދަ ވައުދުތަކާ އެކު ވަޑައިގެންނެވި މަމްދާނީއަށް ރައްދުކުރައްވައި ޓްރަމްޕު ވިދާޅުވީ ނިއު ޔޯކްގެ ހޮވުމަކީ އިގްތިސާދީ ކާރިސާއެއް ކަމަށެވެ.
މަމްދާނީ އިންތިހާބު ކާމިޔާބުކުރެއްވީ ޓްރަމްޕާއި އޭނާގެ އެކުވެރި މަހުޖަނުންގެ ވަރުގަދަ ނުފޫޒުތަކާ ދެކޮޅަށް ވާދަކުރައްވަ އެވެ. ކާމިޔާބީއަށް ފަހު މަމްދާނީ ދެއްވި ތަގުރީރުގައި ޓްރަމްޕަށް ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފަ އެވެ. ޓްރަމްޕު ވެސް ނިސްބަތްވާ ސްޓޭޓް ކަމަށްވާ ނިއު ޔޯކުން ޓްރަމްޕުގެ ފިކުރާ ދެކޮޅަށް ތެދުވެ މި ދައްކައިދިނީ ޓްރަމްޕު ބަލިކުރާނެ ގޮތް ކަމަށް މަމްދާނީ ވިދާޅުވި އެވެ.