ނުރައްކަލުގެ ރަނގަބީލެއް: ކުޑަކުދިންނާ ގުޅޭ ބަދުއަހުލާގީ ތަކެއްޗަށް އެންމެ ދޯޅީ ރާއްޖޭގައި
ނުރައްކަލުގެ ރަނގަބީލެއް: ކުޑަކުދިންނާ ގުޅޭ ބަދުއަހުލާގީ ތަކެއްޗަށް އެންމެ ދޯޅީ ރާއްޖޭގައި

"ޗައިލްޑްލައިޓް - ގްލޯބަލް ޗައިލް ސޭފްޓީ އިންސްޓިޓިއުޓް" އިން ނެރުނު ދިރާސާއަކުން ރާއްޖޭގައި އޮތް ވަރަށް ނުރައްކާ ހާލަތެއް މި ވަނީ ތިލަކޮށްދީފަ އެވެ؛ ކުޑަކުދިންނަށް ޖިންސީ އަނިޔާ އާއި ގޯނާ ކުރުމަށް މަގުފަހިވާ މެޓީރިއަލްތަކަށް އެކްސެސްވާ މިންވަރު އާބާދީގެ ނިސްބަތުން މި ސަރަހައްދުގައި ވެސް އެންމެ މަތީ ރާއްޖޭގަ އެވެ.

ދެކެނު އޭޝިޔާގެ އަށް ގައުމެއްގެ ތަފާސްހިސާބަށް ބަލައި އެކުލަވާލި ރިޕޯޓްގައިވާ ގޮތުން ޗައިލް ސެކްޝުއަލް އެބިއުސް މެޓީރިއަލް ނުވަތަ ސީއެސްއޭއެމް ރޭޓް، ދެކުނު އޭޝިއާގައި އެންމެ މަތީ ރާއްޖޭގަ އެވެ. މި ދިރާސާ އިންސްޓިޓިއުޓުން ހަދާފައިވަނީ މިފަދަ ދިރާސާތައް ހެދުމުގައި ގާބިލް، އެޑިންބާގު ޔުނިވާސިޓީއާ ގުޅިގެންނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ގުޅުން ހުރި މެޓީރިއަލްގެ ތެރޭގައި ފޮޓޯ، ވީޑިއޯ އަދި ކޮމްޕިއުޓަރުން އުފައްދާފައި ހުންނަ އެފަދަ ތަސްވީރުތައް ހިމެނެ އެވެ. ދިރާސާގައިވާ ގޮތުން ރާއްޖޭގެ ކޮންމެ 10،000 މީހުންގެ ތެރެއިން 158.4 މީހުން، ކުޑަކުދިންނާ ގުޅޭ ބަދުއަހްލާގީ ޒާތުގެ ތަކެއްޗަށް އެކްސެސްވެ އެވެ. އެއީ 2023 ވަނަ އަހަރުގެ އަދަދެވެ.

މިދިޔަ އަހަރަށް ބަލާއިރު ކޮންމެ 10،000 މީހަކުން 94 މީހުން އެކަމުގެ ތެރޭގައި އުޅެ އެވެ. މި ތަފާސްހިސާބުތައް ދިރާސާކުރި ޓީމުން ހަދާފައިވަނީ ރިޕޯޓްކޮށްފައިވާ މައްސަލަތަކަށް ރިއާޔަތްކޮށްގެންނެވެ.

މީގެ މާނައަކީ މި ސަރަހައްދުގައި ކުޑަކުދިން އެކްސްޕްލޮއިޓްކުރުމާއި ޖިންސީ ގޯނާގެ މައްސަލަތާއި އެފަދަ ކަންކަމަށް މަގުފަހިވާ ޒާތުގެ ތަކެއްޗަށް އިންޓަނެޓް މެދުވެރިކޮށް އެކްސެސްވުމުގެ ނުބައި ރިކޯޑް އޮތީ ރާއްޖޭގައި ކަމެވެ.

ރާއްޖެއާ އަވަށްޓެރި އިންޑިއާއަށް ބަލާއިރު 10،000 މީހުންގެ އާބާދީގެ ނިސްބަތުން 2023 ގައި އެ ގައުމުގައި މިފަދަ ތަކެއްޗަށް އެކްސެސް ޗަނީ 62 މީހުންނެވެ. މިދިޔަ އަހަރު 15.5 މީހުންނެވެ. ރާއްޖެއަށް ފަހު ދެވަނައަށް އޮތް ބަންގްލަދޭޝްގެ 10،000 މީހުންގެ ތެރެއިން އެފަދަ ތަކެއްޗަށް އެކްސެސް ވަނީ 64 މީހުންނެވެ.

ރާއްޖޭގައި މިކަން އިންތިހާއަށް އިތުރުވެފައިވާ ކަމަށް ދައްކާތީ، ދިވެހި ފުލުހުންގެ ސަމާލުކަމަށް ވެސް މިކަން އެ އިންސްޓިޓިއުޓުން ގެނެސްފައިވާކަން ވަނީ އެނގިފަ އެވެ.

މި ދިރާސާއާ ގުޅިގެން "މިހާރު" އާ ވާހަކަ ދެއްކެވި ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް އިންތިހާއަށް ގިނަކޮށް އޮންނައިރު މި ދިރާސާއިން ދެއްކި ނަތީޖާއަކީ އިތުރު ކަންބޮޑުވުމެއް ކަމަށެވެ. އިންޓަނެޓްގައި މިފަދަ ކަންކަމުގެ ތެރޭގައި އުޅޭ ނަމަ، އެފަދަ އަމަލުތައް އަމަލީ ގޮތުން ހިންގުން ވެސް އިތުރުވުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖެ ކަހަލަ ގައުމެއްގައި އެއްވެސް ކޮންޓްރޯލެއް ނެތި އިންޓަނެޓް ބޭނުން ކުރެވޭ ގައުމެއްގައި މިފަދަ ޓްރެންޓެއް ފެނުމަކީ ޕޮލިސީ ލެވެލެއްގައި މިކަމާ މެދު ވިސްނައި ފިޔަވަޅުތައް އަޅަންޖެހޭ ކަމެއް. އެހެން ނޫން ނަމަ ދެތިން ހަތަރު އަހަރެއްގެ ތެރޭގައި މީގެ ހައްދު ފަހަނައަޅާ ވަރަށް ކޭސްތައް އިތުރުވެގެންދާނެ. މިހާރު ވެސް އަންނަ ކޭސްތައް އިތުރު،" އޭނާ ވިދާޅުވި އެވެ.

އެހެން ބައެއް ގައުމުތަކުގައި ވެސް ޕޮލިސީ ލެވެލެއްގައި މަޝްވަރާކޮށް ބަދަލުތައް ގެންނަމުންދާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުން ފަދަ ފިޔަވަޅުތައް ބައެއް ގައުމުތަކުން އަޅަމުން އަންނަ ކަމަށާއި މިއީ މިފަދަ ކަންކަމުން ކުދިން ސަލާމަތްކުރުމަށް މުހިންމު ކަންތައްތައް ކަމަށެވެ. ރާއްޖޭގައި ވެސް މި މަޝްވަރާތައް ފަށަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޓަނެޓްގެ ޕޭރެންޓަލް ކޮންޓްރޯލް ފަދަ ކަންކަން ވެސް މިހާރު އޮންނަ ގޮތަށް ވުރެ ހަރުދަނާކުރަންޖެހިފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެއްވެސް ހަމައެއް ލަމައެއް ނެތް ގޮތަށް އިންޓަނެޓް ރާއްޖޭގައި ދޫވެފައި މި އޮތް އޮތުމާ މެދު ވިސްނަން ޖެހޭ ކަމަށާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ވެސް ޒިންމާއެއް މިކަމުގައި އޮންނާނެ ކަމަށެވެ. ކޮންމެ މީހަކު އިންޓަނެޓް ޑޭޓާ ބޭނުންކޮށްގެން ލިބޭ ފައިދާއަށް އެކަނި އެ ފަރާތްތަކުން ވިސްނާ ނަމަ، ގައުމުގައި އުފެދޭ މިފަދަ ނުރައްކާތެރި ކަންކަން ހައްލު ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮންމެ ހިދުމަތެއް ދޭ ފަރާތެއްގެ ވެސް އޮންނާނެ ޒިންމާއެއް. އެ ޒިންމާގެ ތެރެއިން ހަމަ ކުރަން ޖެހޭ މަސައްކަތް، ކުރެވޭނެ މަސައްކަތް ހަމަ ބައިވަރު ހުންނާނެ އެ ފަރާތްތަކުން މިކަމަށް ކޮމިޓްވެއްޖެ ނަމަ."