05 ނޮވެމްބަރ 2025 - 21:39

އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމަންޓްގެ ހެޑަކަށް ހުރި އަހުމަދު ޔާމީންގެ އެއްބަސްވުން އާނުކުރަން ނިންމި މައްސަލަ އޭނާގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހަޅާފައި ވަނީ އެ މަގާމު އުވާލި ފަހުން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ޗީފް ބިޒްނަސް އޮފިސަރުގެ މަގާމަށް ޔާމީން އައްޔަންކުރީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޑިސެމްބަރު 2023 ގަ އެވެ. އެ މުއްދަތު މިދިޔަ އަހަރުގެ ޑިސެމްބަރަށް ހަމަވިޔަސް އެއްބަސްވުން އާނުކުރާނެކަން އޭނާއަށް އެންގީ އޭގެ މަހެއް ފަހުން، މިދިޔަ ޖެނުއަރީގަ އެވެ.
އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުން އެތަނުން ނިންމީ ޔާމީނަކީ މުއްދަތެއް ނެތް ދާއިމީ ވަޒީފާއެއްގައި ހުރި މީހެއް ކަމަށާއި ވަޒީފާ އިން ވަކިކުރީ މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރުމެއް ނެތި ކަމަށެވެ.
އެހެންވެ ބަދަލެއްގެ ގޮތުގައި ހަ މަސް ދުވަހުގެ މުސާރަ ކަމަށްވާ 144،000ރ. އާއި އޭނާ އަދާކުރަމުން އައި ވަޒީފާ ރުޖޫއަކުރަން އަންގާފައިވެ އެވެ.
އެކަމަކު އެ މައްސަލަ އެޗްޑީސީން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅާފައި ވަނީ ރުޖޫއަކުރަން އެދިފައިވާ މަގާމު އުވާލާފައިވާތީ އާއި ބަދަލު ނަގައިދިނުމާ މެދު ގާނޫނީ ބަހުސެއް އޮތް ކަމަށް ދެކޭތީ އެވެ.
އެ މައްސަލާގައި އެޗްޑީސީގެ އޮފިޝަލަކު، "މިހާރު" އަށް މިއަދު ވިދާޅުވީ ޔާމީނަށް ވަޒީފާ ދޭން އަންގާފައިވަނިކޮށް މަގާމު އުވާލީ ކަމަށް ބުނުމަކީ ގޯހެއް ކަމަށެވެ. އެ ކުންފުނީގެ ވަޒީފާ އިން ޔާމީން ވަކި ކުރީ ޖެނުއަރީ 14 ގައި ކަމަށާއި އޭނާގެ މަގާމު އުވާލީ ޖެނުއަރީ 29 ގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ޔާމީން ހުރި މަގާމު އުވާލީ އޭނާ މަގާމުން ވަކިކުރި ފަހުން އަދި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ވެސް ކުރިންނެވެ.
އިސްތިއުނާފު މައްސަލައިގައި ޓްރައިބިއުނަލްގެ އަމުރަށް އަމަލު ކުރުން މަޑުޖައްސާލަން އެޗްޑީސީގެ ފަރާތުން އަމުރަކަށް އެދިފައިވެ އެވެ. އެ އަމުރު ހައި ކޯޓުން ނެރެ، މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން ޓްރައިބިއުނަލްގެ ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލަން އިއްޔެ ވަނީ އަންގައިފަ އެވެ.
ޔާމީން "މިހާރު" އަށް މީގެ ކުރިން ވިދާޅުވި ގޮތުގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބެއްލެވުމުގެ ދަށުން އޭނާ ވަނީ ދާއިމީ މުވައްޒަފަކަށް ވުމަށްޓަކައި އެޕްރައިސަލް ފުރިހަމަކުރައްވައިފަ އެވެ. އަދި ވަޒީފާ ދާއިމީކުރަން ވެސް އޭރުގެ އެމްޑީ ފަޒުލް ނިންމަވާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެން މިހާރު އޭނާއަކީ ދާއިމީ މުވައްޒަފެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
އެއް އަހަރުގެ އެއްބަސްވުން ހަމަވިތާ ވެސް އެއް މަސް ފަހުން، އެއްބަސްވުން އާނުކުރަން ނިންމާފައިވާ ކަމަށް އަންގައި ސިޓީ ފޮނުވާފައިވަނީ ކޮން އުސޫލަކުން ކަމެއް ވެސް ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޔާމީންގެ އެއްބަސްވުން އާނުކުރަން ނުވަތަ ވަޒީފާ އިން ވަކިކުރަން ނިންމި ސަބަބެއް ވެސް ސާފުނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޔާމީންގެ އެއްބަސްވުން އާނުކުރަން އެޗްޑީސީން ނިންމީ ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހިންގާ ތަހުގީގާ ގުޅިގެން ޔާމީން މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް އަދި ފަހުން އެ ސަސްޕެންޝަން އުވައިލުމަށް ފަހު އެވެ.