ރާއްޖޭގައި އަލަށް ކުރި ލޮލުގެ ބޮޑު ސާޖަރީއެއް އައިކެއާގައި ކާމިޔާބުކޮށްފި
ރާއްޖޭގައި އަލަށް ކުރި ލޮލުގެ ބޮޑު ސާޖަރީއެއް އައިކެއާގައި ކާމިޔާބުކޮށްފި

އައިކެއާ ހޮސްޕިޓަލުން ރާއްޖޭގައި ފުރަތަމަ ފަހަރަށް، ކޮމްބައިންޑް ބެލްޓް ބަކަލް އަދި ޕާސް ޕްލާނާ ވިޓްރެކްޓަމީ ކާމިޔާބުކަމާ އެކު ހަދައިފި އެވެ.

އެ ހޮސްޕިޓަލުން މި ސާޖަރީ ހެދީ މިދިޔަ އާދިއްތަ ދުވަހު، އުމުރުން 51 އަހަރުގެ ޕޭޝަންޓެއްގެ އެވެ. މި ސާޖަރީ ކުރީ އައިކެއާ ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ވިޓްރިއޯ-ރެޓިނަލް ސާޖަން، ޑރ. އަމޯގް އަސްގަވޮންކާ އަދި އޭނާގެ ހާއްސަ ޓީމުންނެވެ.

އައިކެއާއިން ބުނީ އެ ސާޖަރީ ކުރީ ކައިރި ފެނުމުގައި މައްސަލަ ހުރި ޕޭޝަންޓެއްގެ ލޮލުގައި ދިމާވެފައިވާ ރެޓިނާ ޑިޓެޗްމަންޓްގެ ބޮޑު މައްސަލައެއް ހައްލުކުރުމަށް ކަމަށެވެ. އަދި އެ އޮޕަރޭޝަން ކުރުމަށް ހާއްސަ ސާޖިކަލް ފަރުވާތެރިކަމާއި، ހުނަރުވެރިކަން ބޭނުންވާ ކަމަށް ވެސް ބުންޏެވެ. އައިކެއާއިން ބުނީ މިއީ މުޅި ރާއްޖޭގައި ވެސް އެ ބާވަތުގެ ބޮޑު ރެޓިނާ ސާޖަރީއެއް ކާމިޔާބުކަމާ އެކު ކުރި ފުރަތަމަ ފަހަރު ކަމަށް ވާތީ މިއީ އައިކެއާ ހޮސްޕިޓަލަށް ލިބުނު ވަރަށް މުހިންމު ކާމިޔާބީއެއް ކަމަށެވެ.

މި އޮޕަރޭޝަން ކާމިޔާބުވުމަކީ، ރާއްޖޭގެ ލޮލުގެ ފަރުވާގެ ދާއިރާގައި ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އައިކެއާއިން ބުންޏެވެ. މިކަމުގެ ސަބަބުން ދިވެހިންނަށް މިހާރު ރާއްޖެއިން ބޭރަށް ދަތުރުނުކޮށް، ރާއްޖޭގައި ތިބެގެން ޒަމާނީ ރެޓިނާ ސާޖަރީތަކުގެ ފަރުވާ ލިބޭނެ ކަމަށް އައިކެއާއިން ބުންޏެވެ.