ހަނގުރާމަވެރިންނަށް އެހީވާތީ ޔޫއޭއީ އަށް ފިއްތުންތައް ކުރިމަތިކުރަން ސޫދާނުން ގޮވާލައިފި
ހަނގުރާމަވެރިންނަށް އެހީވާތީ ޔޫއޭއީ އަށް ފިއްތުންތައް ކުރިމަތިކުރަން ސޫދާނުން ގޮވާލައިފި

ސޫދާނުގެ ހަނގުރާމަވެރިންނަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވާގިވެރިވާ ކަމަށް ތުހުމަތުކުރައްވައި، އެކަން ހުއްޓުވުމަށް ޔޫއޭއީއަށް ފިއްތުންތައް ކުރިމަތިކުރަން، ޔޫއެންގެ ޖެނީވާ އޮފީހުގައި ހުންނަވާ ސޫދާނުގެ ސަފީރު ހަސަން ހާމިދު ގޮވާލައްވައިފި އެވެ،

ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ގެ ނަމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތުން ދަނީ 2023 ވަނަ އަހަރުން ފެށިގެން ސޫދާނު ސިފައިންނާ ހަނގުރާމަކުރަމުންނެވެ.

"އާރްއެެސްއެފް އަށް ހަތިޔާރު ސަޕްލައިކޮށްދެނީ ކޮން ބައެއްކަން އެއީ އެންމެނަށް ވަރަށް ރަނގަޅަށް އެނގޭ. ދެރަ ކަމަކީ އެއީ ޔޫއޭއީ ކަމަށް ވުމުން،" ހާމިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާރްއެސްއެފް ފަދަ ހަތިޔާރު އެޅި ޓެރަރިސްޓް ޖަމާއަތްތަކަށް ހަތިޔާރާއި ފައިސާ ދިނުން ހުއްޓުވުމަށް ޔޫއޭއީއަށް ފާޅުގައި ފިއްތުންތައް ކުރިމަތިކުރަން ސޫދާނުން ގޮވާލާ ކަމަށެވެ.

އާރްއެސްއެފްއާ ސޫދާނު ސިފައިންނާ ދެމެދު ހިނގަމުންދާ އަހުލީ ހަނގުރާމަ މިހާރު ވަނީ އެގައުމުގެ އިތުރު ސަރަހައްދުތަކަށް ފެތުރިފަ އެވެ. އެހެންވީމާ އިންސާނީ އިތުރު ކާރިސާތައް ކުރިމަތިވެދާނެކަމުގެ ބިރު މިހާރު އެބަ އޮތެވެ. އެ ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ.

ސޫދާނުގެ ދާރުފޫރު ސަރަހައްދުގައިވާ އަލް ފިޝާރް ނަމަކަށް ކިޔާ ސަހަރު އާރްއެސްއެފްގެ ދަށަށް ދިއުމުން، އެ ސަރަހައްދުގެ ހުރިހާ މައި ސަހަރުތައް އެ ޖަމާއަތުގެ އަތްދަށަށް ހިނގައިދާނެ ކަމުގެ ބިރު މިހާރު އެބަ އޮތެވެ. އެގޮތަށް ކަންތައް ވެއްޖެ ނަމަ އެގައުމުގެ އިރުމައްޗާއި ހުޅަނގަކީ ދެ ވެރިކަމެއްގެ ގޮތުގައި ބައިކޮށްލާނެ ކަމަށް ބެލެވެ އެވެ.

އާރްއެސްއެފް އިން އަލް ފިޝާރު ހިސާރުކޮށްގެން އުޅޭތާ އެތައް ދުވަހެއް ފަހުން އޮކްޓޯބަރު 26 ވަނަ ދުވަހު އެ ސަރަހަރުގެ ކޮންޓްރޯލް ލިބުމާ އެކު ބޮޑެތި ގަތުލު އާއްމުތަކެއް ހިންގިކަމުގެ ރިޕޯޓްތައް ލިބުނެވެ. އެ ސަހަރުގައި އާރްއެސްއެފް އިން ޖިންސީ ޖަރީމާތަކާއި މީހުން ވަގަށް ނެގުން ފަދަ އެތައް ޖަރީމާއެއް ހިންގި ކަމުގެ ރިޕޯޓްތައް ވެސް ފެތުރުނެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނީ ގިނަ ބަޔަކު އެއްފަހަރާ އެއްވަގުތެއްގައި މެރުމާއި ރޭޕްކުރުމާއި މީހުން ވަގަށް ނެގުން އަދި ގަދަކަމުން ގެދޮރުން ބޭރުކޮށްލުމުގެ ޖަރީމާތައް އާރްއެސްއެފް އިން ހިންގި ކަމުގެ މައުލޫމާތު، މަންޒަރު ދުށް މީހުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ.

ސޫދާނުގެ ސަފީރު ވިދާޅުވީ އާރްއެސްއެފް އަށް ހަތިޔާރުދޭ ޔޫއޭއީ އަށް ފިއްތުންތައް ކުރިމަތިކުރަންވީ ސިއްރުން ނޫން ކަމަށެވެ.

"އެކަން ވާން ޖެހޭނީ އާއްމުކޮށް އިއުލާނުކޮށްގެން. އަދި ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު އެކަން ތަންފީޒުވާން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.