ޝަންގްރިއްލާ ރިސޯޓް ހުޅުވުމުގެ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި
ޝަންގްރިއްލާ ރިސޯޓް ހުޅުވުމުގެ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބަންދުކުރި ގޮތަށް މިހާތަނަށް ވެސް ނުހުޅުވާ އޮތް އައްޑޫގެ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ މިއަހަރު ނިމުމުގެ ކުރިން ހުޅުވުމަށް ތައްޔާރު ވަމުންދާތީ އެ މަސައްކަތްތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފި އެވެ.

ޝަންގްރިއްލާ ރިސޯޓް ހުޅުވުމުގެ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި
ޝަންގްރިއްލާ ރިސޯޓް ހުޅުވުމުގެ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި

އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ޝަންގްރިއްލާގެ މަސައްކަތްތައް ބައްލަވާލެއްވުމަށް އެ ރިސޯޓަށް ރައީސް ވަޑައިގަތީ ހަވީރު އެވެ. ރައީސް އޮފީހުން ބުނީ އެތަނަށް ރައީސް ވަޑައިގަތީ އައްޑޫގެ ފަތުރުވެރިކަން ކުރިއަރުވައި، އިގްތިސާދީ ހަރަކާތް ފުޅާކުރުމުގެ ފުރުސަތުތައް ބެއްލެވުމުގެ ގޮތުން ކަމަށެވެ.

ޝަންގްރިއްލާ ވިލިނގިލި ރިސޯޓް މިއަހަރު ނިމުމުގެ ކުރިން އަލުން ހުޅުވަން އެ ރިސޯޓް ހިންގާ އައްޑޫ އިންވެސްޓްމަންޓުން އެއްބަސްވެފައިވަނީ ސަރުކާރުން އެކުންފުންޏާއެކު ކުރި މަޝްވަރާތަކަށްފަހު އެވެ.

މިދިޔަ މަހު ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގް ވިދާޅުވެފައިވާ ގޮތުގައި ޝަންގްރިއްލާ ގްރޫޕް އަދި އެސެޓް މެނޭޖްމަންޓްގެ ވެރިޔާ އާއި އެ ރިސޯޓުގެ ޖެނަރަލް މެނޭޖަރާ ބައްދަލު ކުރައްވައި، އަންނަ ޑިސެމްބަރު 25 ވަނަ ދުވަހުގެ ކުރިން އެތަން ހުޅުވުމަށް ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

އެއްގޮތަކަށް ވެސް ބޭނުންނުކޮށް ރިސޯޓު ބަންދުކޮށްފައި އޮތުމުން އެ ރިސޯޓު އޮތީ ވަރަށް ބޮޑަށް ވީރާނާވެފަ އެވެ. ޝަންގްރިއްލާ އަލުން އޮޕަރޭޝަނަށް ގެނައުމަށް ހިނގާ މަރާމާތަށް 25 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ކުރިން ސަރުކާރުން ބުނެފައިވެ އެވެ.

ޝަންގްރިއްލާ ވިލިނގިލި ރިސޯޓް 2021 ވަނަ އަހަރު ބަންދު ކުރީއްސުރެން ފެށިގެން އެ ރިސޯޓް އަލުން ހުޅުވަން ސަރުކާރުން މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން ރިސޯޓް އަލުން ހުޅުވަން ބާރު އެޅުމުގެ ގޮތުން، އެ ކުންފުނީގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލަން ކުރީގެ ސަރުކާރުން އެއްބަސްވި އެވެ.

އެތަން ފުރަތަމަ ހުޅުވިއިރު އެތަން މަޝްހޫރުވީ މުއްސަނދި ޓޫރިސްޓުން ޒިޔާރަތްކުރާ ތަނެއްގެ ގޮތުގަ އެވެ. ޝަންގްރިއްލާ ހިންގި ދުވަސްވަރު އައްޑޫގެ އިގްތިސާދު ވެސް ރަނގަޅުވެ، ވަރަށް ގިނަ ޕްރައިވެޓް ޖެޓްތައް އައްޑު އަށް ދަތުރުކުރި އެވެ.

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްޕީޑް ލޯންޗެއްގައި ފަސް ވަރަކަށް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ އެ ރިސޯޓު ބަންދުކުރުމާ ހަމައަށް 500 އަށް ވުރެ ގިނަ މުވައްޒަފުން އެތަނުގައި މަސައްކަތްކުރި އެވެ. އެތަން އަލުން ހުޅުވުމާ އެކު އައްޑޫގެ އިގުތިސާދަށް ކުރިއެރުން އަންނާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.