ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ މަރުކަޒު ގަމުގައި ހުޅުވައިފި
ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ މަރުކަޒު ގަމުގައި ހުޅުވައިފި

އެމްއެންޑީއެފްގެ އެއާ ކޯ ނުވަތަ ދިވެހި ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ އެއާ ސްޓޭޝަން، އައްޑޫ ގަމުގައި ގާއިމުކޮށް، އެތަން މިއަދު ހުޅުވައިފި އެވެ.

ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ މަރުކަޒު ގަމުގައި ހުޅުވައިފި
ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ މަރުކަޒު ގަމުގައި ހުޅުވައިފި

މިދިޔަ ހޯމަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުގެ ދަށުން ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރާއި އިހުތިޔާރުގެ ދަށުން އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ ސްޓޭޝަންގެ އޮޕަރޭޝަން ފެށުމަށް އަންގަވައިފަ އެވެ.

ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ މަރުކަޒު ގަމުގައި ހުޅުވައިފި
ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ މަރުކަޒު ގަމުގައި ހުޅުވައިފި

އައްޑޫއަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެތަނުގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ އިފްތިތާހުކޮށްދެއްވައިފަ އެވެ.

ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ މަރުކަޒު ގަމުގައި ހުޅުވައިފި
ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ މަރުކަޒު ގަމުގައި ހުޅުވައިފި

އެމްއެންޑީއެފްއިން ބުނީ އެ މަރުކަޒު ހުރި ސަރަހައްދަކީ ތާރީހީ ގޮތުންނާއި ޖިއޮގްރަފީ އަދި ސްޓްރެޓީޖިކް ގޮތުން މުހިއްމު ސަރަހައްދެއްގައި ކަމަށެވެ. އެ މަރުކަޒުގައި 400 މީޓަރުގެ ޓެކްސީވޭއަކާއި 100 މީޓަރުގެ އެޕްރަންއަކާއި ޒަމާނީ ޓެކްނިކަލް ވަސީލަތްތަކާއެކު ސިފައިންގެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމްކޮށްފައިވެ އެވެ.

އެމްއެންޑީއެފްގެ އެއާކޯގެ ޓީވީޓޫ އެއާ ކްރާފްޓްތައް އުދުހުމަށް ހާއްސަކޮށްފައިވާ އެއާ ސްކޮޑްރަން 2 އެ ވައިގެ މަރުކަޒު ފަރުމާކޮށްފައިވަނީ ކުރިމަގުގައި ސިފައިންގެ ބާރު ފުޅާވަމުންދާ މިންވަރަކަށް ތަރައްގީ ކުރެވޭނެ ގޮތަށް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ވައިގެ މަރުކަޒު ގާއިމުކުރީ އިސްލާމްދީނާއި ދިވެހިންގެ މިނިވަންކަމާއި ރާއްޖޭގެ ސިޔާދަތީ ބާރު ނަގަހައްޓައި، ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ވައިގެ ސަރަހައްދާއި ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށާއި އަދި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން އޮޕަރޭޝަންތައް ހިންގުމަށެވެ.

ރާއްޖޭގައި އަލަށް އަސްކަރީ ވައިގެ މަރުކަޒެއް ގާއިމް ކުރިިއިރު މިދިޔަ އަހަރުގެ މާޗު މަހު ވަނީ އެމްއެންޑީއެފްގެ އެއާ ކޯ އުފައްދައިފަ އެވެ. މީގެ ކުރިން އެކި ނަންނަމުގައި ސިފައިންގެ ތެރޭގައި ވައިގެ ސިފައިންގެ ޔުނިޓުތައް ހިންގި ނަމަވެސް އޭރު އޮޕަރޭޝަންތަކުގައި ބޮޑަށް ބަރޯސާވީ ބޭރުގެ ގައުމުތަކަށެވެ.

ރައީސް އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި ރެޔާއި ދުވާލު ހުއްޓުމެއްނެތި ރާއްޖޭގެ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމަށާއި ސިފައިންގެ ޒިންމާ އާއި ވާޖިބު ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމްކޮށް، އެ ސްޓޭޝަނުގެ ހިދުމަތް ފެށުމަށް ރައީސް އަންގަވާފައިވެ އެވެ.

އެއާ ކޯގެ ހިދުމަތް ފެށުމަށްޓަކައި އަސްކަރީ ޑްރޯން ނުވަތަ އަންމޭޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ) މިދިޔަ އަހަރު ވަނީ ރާއްޖެ ގެނެސްފަ އެވެ. އެއީ ތުރުކީން ގަނެފައިވާ ތިން ޑްރޯން އެވެ. އަދި ބަޖެޓް ލިބޭ މިންވަރަކުން އިތުރު ސާމާނު ގެންނާނެ ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައިވެ އެވެ.