05 ނޮވެމްބަރ 2025 - 15:12

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ސ. ހުޅުދޫ އާއި މީދޫ ވެގެންދާނީ ދުބާއީ އާއި އަބޫދާބީއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

އައްޑުއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ހުޅުދޫ އާއި މީދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ މި ވެރިކަމުގައި ހުޅުދޫ-މީދޫއަށް ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.

އެކަމުގެ ހެއްކަކީ އައްޑޫ ސިޓީ ކައުންސިލުގެ ދަށުން ހުޅުދޫ އާއި މީދޫ، ވަކިކުރުމަށް ނެގި ވޯޓުކަން ފާހަގަ ކުރައްވަމުން ޝާހިދު ވިދާޅުވީ އެކަމަކީ އެއްވެސް ސިޔާސީ ވެރިއަކަށް ނުކުރެވި އޮތް ކަމެއް ކަމަށެވެ.
"އެއްވެސް ސިޔާސީ ވެރިއަކަށް އެއްވެސް ވެރިއަކަށް މިއަދާ ހަމައަށް ދިޔައިރު ވެސް މިފަދަ ރައްޔިތުން އެދިގެން ތިބި ކަމަކާ ދޭތެރޭގައި އެއްވެސް ކަހަލަ އަމަލީ ސިފައެއް ގެންނަން ނުކެރުނު. އެ މަނިކުފާނު އަޅުގަނޑުމެންނަށް އެކަން ކޮށްދެއްވީ،"
ޝާހިދު ވިދާޅުވީ ހުޅުދޫ-މީދޫ ވަކިން އޮތުމަކީ ނިކަމެތިވުން ކަމަށް ބަޔަކު ގަބޫލުކުރާ ކަމަށެވެ. އެކަމަކު ދެ ރަށުގެ ބިމުގެ ސައިޒަށް ބަލާއިރު އެ ރަށަކީ މުޅި ރާއްޖެއިން ވެސް ފަސް ވަނައަށް އެންމެ ބިން ބޮޑު ރަށް ކަމަށާއި އާބާދީއަށް ބަލާއިރު ނިސްބަތުން ހަވަނައަށް އެންމެ ބޮޑު އާބާދީ އޮތީ އެ ދެރަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުމެންނަކީ ނިކަމެތި ބައެއް ނޫން... އަޅުގަނޑުމެން އައްޑޫ ހުޅުދޫ-މީދޫ ރައްޔިތުންނަށް ވީތީ ފަހުރުވެރިވަން. އުފާކުރަން،"
އޭނާ ވިދާޅުވީ މި ދެ ރަށް ވެގެންދާނީ ދުބާއީ އާއި އަބޫދާބީއަށް ކަމަށާއި ދެ ރަށަކީ ވެސް އެކުވެރި، މެހެމާންދާރީ ރަނގަޅު ދެރަށް ކަމަށެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ރައީސްގެ ހިތްޕުޅުގައި އެ ދެރަށުގެ ރައްޔިތުންނާ މެދު އޮތް ލޯބި އެންމެ ގާތުން އެނގިވަޑައިގަންނަވަ އެވެ. އެހެންވެ، މާޔޫސް ނުވުމަށާއި އެ ދެރަށަށް ރައީސް ވައުދުވެޑައިގަތް ކަންކަމުގެ އިތުރުން ވެސް ކަންކަން ކޮށްދެއްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ހުޅުދު އާއި މީދޫ އިދާރީ ގޮތުން ވަކިވި ފަހުން ފުރަތަމަ ފަހަރަށް އެ ދެރަށަށް ވަޑައިގެން ދެއްކެވި ވާހަކަފުޅު ރައީސް މުއިއްްޒު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓަކުން ދެ ރަށް ސިޓީ ކައުންސިލުން ވަކިވާން ނިންމި ނިންމުމަކީ އެ ދެެރަށުގެ ތަރައްގީގެ ފެށުން ކަމަށެވެ.
ރައީސް ވިދާޅުވީ އިދާރީ ހިންގުމުގެ ނިޒާމަށް މި އައި ބަދަލާ އެކު، ދެ ރަށަށް ބޭނުންވާ އަސާސީ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ހަމަޖެހޭނެ ކަމަށެވެ. ދެ ރަށަކީ ބިމުގެ ގޮތުން އެއްފަސް ތަނަކަށް ވާތީ، މި ދެ ރަށުގެ އިހުތިސާސް ކަނޑައެޅުމުގައި ސަރުކާރުން ރައްޔިތުން ބޭނުންވާނެ ގޮތަށް އެކަން ކުރަން ވިސްނާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ހުޅުދު އާއި މީދުއަށް ވަޑައިގެންނެވިއިރު، އައްޑޫ ސިޓީން އެ ދެ ރަށް ވަކިކޮށް، ވަކި ދެ ކައުންސިލެއް އުފައްދަން އެމަނިކުފާނު ވަނީ މިދިޔަ ހޯމަ ދުވަހު ނިންމަވައިފަ އެވެ. އެގޮތަށް ރައީސް ނިންމެވީ، އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން ވަކިވާން، އައްޑޫގައި އެއްފަސްކޮށް އޮންނަ ރަށްރަށާ މުޅިން ވަކިން އޮންނަ މީދު އާއި ހުޅުދޫގެ އިތުރުން ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް މިދިޔަ މަހުގެ 25 ގައި ނެގި ފެންނަ/ނުފެންނަ ވޯޓުގެ ނަތީޖާއަށް ރިއާޔަތް ކުރައްވައި ނެރުއްވި ގަރާރެއްގަ އެވެ.