05 ނޮވެމްބަރ 2025 - 15:42

ރާއްޖޭގައި ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުން ހިމާޔަތްކޮށްފައިވާ އެންދެރި އާއި ރަތް މުރަކަ ނަގައި، އެއިން ގަހަނާ ހަދަން ފުރުސަތު ދިނުމަށާއި އެހެން ބައެއް ގައުމުތަކުގައި ކުރާ ގޮތަށް ދާ އަޅައިގެން މަސްވެރިކަން ކުރަން ވެސް ފުރުސަތު އޮންނަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ހިޔާލުފާޅުކޮށްފި އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ކުރަން ހުއްދަ ދިނުމާ ދެކޮޅަށް މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނަސީރު ވިދާޅުވީ ރާއްޖޭގެ ކަނޑުތަކުގައި ނުނަގާ ބަހައްޓާފައި ހުރި ބާވަތްތައް ކަމަށްވާ އެންދެރި އާއި ރަތް މުރަކައިން ގަހަނާ އުފައްދައިގެން އެހެން ގައުމުތަކުގައި ނަފާ ހޯދަމުން އަންނަ ކަމަށެވެ.
ނަސީރު ވިދާޅުވީ ރަތްމުރަކައިގެ ވަރަށް ކުޑަ އެތިކޮޅެއް ބޭނުންކޮށްގެން ހަދާ ގަހަނާ ދުނިޔޭގެ ބާޒާރުގައި ވަރަށް ބޮޑު އަގުގައި ވިއްކަމުން އަންނަ ކަމަށެވެ.
"އަށާރަ ކެރެޓް ރަންކޮޅަކާއި 10 ގްރާމް ރެޑްކޮރަލް ކޮޅެއް [ރަތް މުރަކަކޮޅެއް] ބޭނުންކޮށްލައިގެން 20،000 ޑޮލަރަށް ފަށުފުލެއް އެބަ ވިއްކާ ދުނިޔޭގެ ބާޒާރުގައި. ކީއްވެގެންތޯ އަޅުގަނޑުމެން މިހެން ތިބެންވީ؟' އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ރަތްމުރަކައިގެ އުފެއްދުންތައް ވިއްކަން ހުރި އެންމެ ފަހު ދުވަސްވަރު ޗައިނާ މީހަކު އޭގެ އުފެއްދުންތަކެއް ގަނެގެން ގެންގޮސް ބޮޑު ނަފާއެއް ހޯދި ކަމަށް ބުނާ ވާހަކައެއް، އޭނާ މިސާލެއްގެ ގޮތުގައި ދެއްކެވި އެވެ.
"އެހެންވީމާ ދިވެހިރާއްޖޭގެ ގިނަ ރައްޔިތުންނަށް މިކަހަލަ ފުރުސަތުތައް އެބަހުރި. އަދި. މަސައްކަތް ނެތް އަންހެންވެރިންނަށް މިކަހަލަ ފުރުސަތުތައް އެބަހުރި. އެކިއެކި މިންގަނޑުގައި ހުރިހާ ފުރުސަތުތަކެއް އެބަހުރި،" ނަސީރު ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ އެންމެން ރިސޯޓް މުވައްޒަފުންނަށްވެ، އުފެއްދުންތެރިކަން ދޫކޮށްލައިގެން ތިބެންވީތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.
ހަމަ އެ ބަހުސްގައި ދާންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ފަޒީލް ވިދާޅުވީ ސަރަހައްދުގެ އެހެން ގައުމުތަކުގެ މަސްވެރިން ދާ އަޅައިގެން މަސް ނަގަމުން ގެންދާ ކަމަށާއި ދެމެހެއްޓެނިވި މަސްވެރިކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރި އެއް ގައުމުކަމަށްވާ ޖަޕާނުން ވެސް ދާ އަޅާ ކަމަށެވެ.
"އަޅުގަނޑުމެންގެ ވަށައިގެން ދާ އަޅަމުން އެ ދަނީ ވަށައިގެން ތިބި ހުރިހާ ގައުމުތަކުން ވެސް، މަހެއް ހުހެއް ނުވޭ،" ފަޒީލް ވިދާޅުވި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަަހައްދު މިހާ ބޮޑުކޮށް އޮތް އިރު މަސްވެރިކަން ޑައިވާސިފައިިކުރަން ޖެހޭ ކަމަށް ވެސްް އޭނާ ވިދާޅުވި އެވެ.
ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ހުރިހާ މެންބަރުން ވެސް އައްބާސްގެ ގަރާރާ ދެކޮޅު ހެއްދެވި އެވެ. އަދި އެ ގަރާރު މަޖިލީހަށް ބަލައިގަތުމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި 44 މެންބަރަކު ވޯޓު ދެއްވީ ގަރާރު ބަލައިނުގަތުމަށެވެ. ގަރާރާ އެއްކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ މެންބަރުންނާއި އައްބާސް ހިމެނޭ ގޮތުން އެންމެ ނުވަ މެންބަރުންނެވެ.
ހާއްސަ ހުއްދައަކާ އެކު ކަށިމިޔަރުގެ މަސްވެރިކަން ކުރަން މިދިޔަ މަހުގެ 31 ގައި ސަރުކާރުން ވަނީ ހުއްދަ ދީފަ އެވެ. ސަރުކާރުން އެ ދުވަހު ގެޒެޓްކުރި އުސޫލުގައިވާ ގޮތުން ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާ ބެހޭ ގަވާއިދުގައިވާ ގޮތުން، އެ މަސްވެރިކަމަށް ހުއްދަ ދޭނީ އަހަރަކު 40 އުޅަނދަށެވެ.