05 ނޮވެމްބަރ 2025 - 13:55

ހުޅުމާލޭ 3 ގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް އެ ސަރަހައްދުގެ ފަޅު ހުސްކުރަން އެޗްޑީސީން އަންގައިފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް، އެ ސަރަހައްދުގައި އެ މަސައްކަތަށް ދަތިވާ ގޮތަށް އަޅާފައިވާ އުޅަނދުތައް ނަގައި ވަގުތީ ގޮތުން އެހެން ސަރަހައްދެއް އުޅަނދު އެޅުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
އުޅަނދުތައް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ގުޅިފަޅާއި ކުޑަގިރި އާއި ތިލަފުށީގެ ފަޅުން ބައެކެވެ. އެ ރަށްރަށުގެ ފަޅުގައި އުޅަނދުތައް އަޅާނެ ސަރަހައްދުތަކުގެ ޗާޓުތައް ވެސް އިއުލާނާ އެކު އާންމުކޮށްފައިވެ އެވެ.
އެޗްޑީސީން ވަނީ ބިން ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް މާދަމާ ރޭ 12:00 ގެ ކުރިން ނަގަން އަންގައިފަ އެވެ.
ހުޅުމާލެ 3 ހިއްކާތީ، އެ ސަރަހައްދުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން އެޗްޑީސީން އެކި ފަހަރު މަތިން، އިއުލާނުކޮށްފައިވެ އެވެ. އެކަމަކު އެ ސަރަހައްދުގެ ފަޅުތެރޭގައި ހުރި ބައެއް އުޅަނދުތައް ނަގާފައި ނުވާތީ، އެ މަސައްކަތް ކުރިއަށް ގެންދަން ވަރަށް ބޮޑަށް ދަތި ވާނެ ކަމަށް ވެސް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލޭ 3 ހިއްކުމުގެ މަސައްކަތް އެޗްޑީސީން ސީއެމްސީ އަށް ހަވާލުކޮށްފައި ވަނީ 259.2 މިިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއުގެ ދަށުން ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.
ސެޕްޓެމްބަރު 2023 ގައި ބިން ހިއްކުމުގެ މަސައްކަތް ފެށުނު އެ މަޝްރޫއުގައި 23 ހެކްޓަރަށް ވުރެ ބޮޑު ބައެއް ވަނީ ހިއްކައިފަ އެވެ. އެ އަށް ފަހު، އެ މަޝްރޫއުގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލީ، ރާއްޖޭގެ ފަރުތަކުން ގާ ހުދުވަމުންދާ ކަމަށް ފާހަގަކުރެވިގެން ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އޭރު އީޕީއޭގެ އާއްމު އިއުލާނަކާ ގުޅިގެންނެވެ.
މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، އީޕީއޭގެ ހުއްދަ އަލުން ލިބުމާ އެކު ތިންވަނަ ފިޔަވަހިން ބާކީ 40 ހެކްޓަރުގެ ބިން ހިއްކަން ފެށިޔަސް ފަހުން ވެސް އެ މަސައްކަތް މަޑުޖެހުނެވެ. އަނެއްކާ ވެސް އެ މަސައްކަތްތައް ތައްޔާރުވެފައިވާއިރު މިހާރު ހިއްކަން އުޅޭ ސަރަހައްދަކީ ގިނަ އަދަދެއްގެ ސަފާރީތައް އަޅާފައި އަޅާފައި އޮންނަ ސަރަހައްދެކެވެ.