ޔުނިވާސިޓީއަކަށް ބަދަލު ކުރުމުގެ ޝަރުތު ދަށްކުރާ ބިލް ފާސްކޮށްފި
ޔުނިވާސިޓީއަކަށް ބަދަލު ކުރުމުގެ ޝަރުތު ދަށްކުރާ ބިލް ފާސްކޮށްފި

ޔުނިވާސިޓީއަކަށް ބަދަލު ކުރުމުގެ ޝަރުތު ދަށްކޮށް، 15 އަހަރު ހިންގާފައިވާ ކޮލެޖްތައް ޔުނިވާސިޓީތަކަށް ބަދަލު ކުރެވޭ ގޮތަށް މަތީ ތައުލީމާބެހޭ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަތީ ތައުލީމުގެ ގާނޫނު މިހާރު އޮންނަ ގޮތުން ޔުނިވާސިޓީއަކަށް ބަދަލުވެވޭނީ މަދުވެގެން 20 އަހަރު ހިންގާފައިވާ ކޮލެޖްތަކަށެވެ. ނަމަވެސް އެ ގާނޫނަށް އިސްލާހު ގެންނަން މާފަންނު އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހުށަހެޅުއްވި ބިލްގައިވަނީ މެދުނުކެނޑި ހިންގަމުންދާތާ 15 އަހަރު ވެފައިވާ ކޮލެޖްތައް ނުވަތަ ބޭރު ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ގަބޫލުކުރާ ޔުނިވާސިޓީއެއްގެ ގޮތުގައި 10 އަހަރު ހިންގާފައިވާނަމަ ރާއްޖޭގައި ޔުނިވާސިޓީއެއްގެ ޝަރުތު ފުރިހަމަވާނެ ކަމަށެވެ.

ކޮލެޖެެއް ޔުނިވާސިޓީއަކަށް ބަދަލު ކުރުމުގައި ކޮލެޖް ހިންގި މުއްދަތުގެ ޝަރުތު ދަށްކުރި ނަމަވެސް، ޔުނިވާސިޓީއަކަށް ބަދަލު ކުރާއިރު ފުރިހަމަވާން ޖެހޭ އެހެން ގިނަ ކަންތައްތަކެއް އެ ބިލްގައި ކަނޑައަޅާފައިވެ އެވެ.

އެގޮތުން ގައުމީ ސަނަދުތަކުގެ ލެވެލް 7 އަދި 9 ގެ ކޯސްތައް އެ ބިލްގައި ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރެއިން މަދުވެގެން ތިން ދާއިރާއަކުން ހިންގުން ނުވަތަ ބޭރުގެ ޔުނިވާސިޓީއެއްގެ ކޯސްތައް ހިންގުމާއި ލެވެލް 7 އިން ފެށިގެން މަތީގެ ކޯސްތަކުގައި މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުން ދިއުމާއި ބޭރުގެ ޔުނިވާސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ މެމްބަރެއްގެ ގޮތުގައި ނުވަތަ ކޮލިޓީ އެޝުއަރެންސް ޖަމާއަތެއްގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވުމަކީ ވެސް ޝަރުތެކެވެ.

މީގެ އިތުރުން އެކަޑަމިކް މުވައްޒަފުންގެ 10 ޕަސެންޓަކީ ޕީއެޗްޑީ ހާސިލްކޮށްފައިވާ މުވައްޒަފުންނަށް ވުމާއި ބައިނަލްއަގްވާމީ ފެންވަރުގެ ރިސާޗްތައް ބޭރުގެ ޔުނިވާސިޓީތަކާއި ޖަމާއަތްތަކާއެކު ހިންގުމުގެ ތަޖްރިބާ ލިބިފައިވުމާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ ޔުނިވާސިޓީތަކުގެ މިންގަނޑަށް ފެތޭ ތަނަކަށް ވުމަކީ ވެސް ޝަރުތެއް ކަމަށް އެ ބިލްގައިވެ އެވެ.

އެ ބިލް ތަސްދީގުކޮށް، ގާނޫނަކަށް ވާތާ ގިނަވެގެން ދެ މަސް ތެރޭގައި އެކަމާ ގުޅޭ ގަވާއިދުތައް ހަދަން ޖެހޭނެ ކަމަށް ވެސް އެ ބިލްގައިވެ އެވެ.

އެ ބިލް މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވި 55 މެމްބަރުންގެ އިއްތިފާގުންނެވެ.