30 މާޗް 2017 - 09:31

ލަންޑަން (މާޗް 30) - އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުމަށް އިހުތިރާމްކުރާ ކަމަށާއި އެ ކޮންޓްރެކްޓް ހަމަވުމުން ބޭނުންވަނީ ލަންޑަންގެ ކްލަބަކަށް ކުޅެން ކަމަށް ޗިލީގެ ފޯވާޑް އަލެކްސިސް ސަންޗޭޒް ބުނެފި އެވެ.
އާސެނަލާ އެކު ސަންޗޭޒް ހަދާފައިވާ އެއްްބަސްވުން އަންނަ އަހަރު ހަމަވާނެ އެވެ. ސަންޗޭޒް އާސެނަލުގައި މަޑުކުރުވުމަށް އެ ކްލަބުން މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް އަލިމަަގެއް ފެންނަ ގޮތް ނުވެ އެވެ.
ސަންޗޭޒް ބުނީ އެއްބަސްވުން ހަމަވަންދެން އާސެނަލްގައި މަޑުކުރާނެ ކަމަށެވެ.
"އާސެނަލާ އެކު އަހަރެންގެ ކޮންޓްރެކްޓެއް އެބައޮތް. އެއަށް އަހަރެން އިހުތިރާމް ކުރަން،" އާސެނަލްގައި މަޑުކުރުމާ ގުޅޭގޮތުން ސަންޗޭޒް ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން ސަންޗޭޒް ކްލަބް ބަދަލުކުރަން ބޭނުންނަމަ 50 މިލިއަން ޕައުންޑަށް ވުރެން ދަށް ނޫން އަގަކަށް އޭނާ ވިއްކާލަން އާސެނަލުން ބޭނުމެއް ނުވެ އެވެ. ސަންޗޭޒް ހޯދަން ޔުވެންޓަސް އާއި ބަޔާން މިއުނިކުން މަސައްކަތް ކުރަމުން އަންނައިރު، ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ސަންޗޭޒްގެ އޭޖެންޓާ ދާދި ފަހުން ބައްދަލުކޮށްފަ އެވެ.
ސަންޗޭޒް ބުނީ އޭނާ ބޭނުންވަނީ ލަންޑަންގައި މަޑުކޮށް ގިނަ ކާމިޔާބީތަކެއް ހޯދުމަށް ކަމަށެވެ. އޭނާ އާސެނަލް ދޫކޮށްލުމަށް ފަހު ލަންޑަނުގެ އެހެން ކްލަބަކަށް ކުޅޭ ނަމަ ކުޅުމުގެ ފުރުސަތު ބޮޑީ ލަންޑަނުގެ ޗެލްސީ އަށެވެ.
"ލަންޑަންގައި މަޑުކުރަން އަހަރެން ބޭނުންވަނީ. އަހަރެންގެ އުމުރުން 28 އަހަރު. ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުން،" އޭނާ ބުންޏެވެ.
ސަންޗޭޒް 2014 ވަނަ އަހަރު ބާސެލޯނާ ދޫކޮށް 32 މިލިއަން ޕައުންޑަށް އާސެނަލަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ ލިވަޕޫލަށް ބަދަލުވާން ވާހަކަ ދައްކައިފަ އެވެ. އޭރު ވެސް ސަންޗޭޒްގެ ވިސްނުމަކީ ލަންޑަންގެ ކްލަބަކަށް ކުޅުމެވެ. އަދި އާސެން ވެންގާގެ އިރުޝާދު ދަށުން ކުޅެން ބޭނުންވާތީ އޭރު އޭނާ ސޮއިކުރީ އާސެނަލަށެވެ.
އެންމެ ފަހުން އާސެނަލް ކުޅުނު ބައެއް މެޗުތަކުގައި ސަންޗޭޒަށް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބެ އެވެ. ރިޕޯޓްތައް ބުނާގޮތުން ވެންގާއާ ސަންޗޭޒްއާ ދެމެދު ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.