05 ނޮވެމްބަރ 2025 - 11:01

މޭޔަރުކަމުގެ އިންތިހާބުގައި، އެމެރިކާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ނިއު ޔޯކުން ދައްކައިދިނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބަލިކުރާނެ ގޮތް ކަމަށް، އިންތިހާބު ކާމިޔާބުކުރެއްވި ޒުވާން ކެންޑިޑޭޓް ޒަހްރާން މަމްދާނީ ވިދާޅުވެއްޖެ އެވެ.

ޝިއައީ މުސްލިމެއް ކަމަށްވާ، އުމުރުން 34 އަހަރުގެ މަމްދާނީގެ ސޯޝަލިސްޓް ސިޔާސަތާއި އޭނާއަށް ހަރުކަށިކަމާ އެކު ދެކޮޅު ހައްދަވަމުން ގެންދަވާ ޓްރަމްޕަށް މަމްދާނީގެ ރައްދު ދެއްވީ އޭނާގެ ކާމިޔާބީގެ ތަގުރީރުގަ އެވެ.
"ޑޮނަލްޑް ޓްރަމްޕްގެ އޮޅުވާލުމުގެ ކުރިމަތީގައި އޭނާ ބަލިކުރާނެ ގޮތް ދެއްކޭނެ ނަމަ އެކަން ކުރީ އޭނާއަށް [މިހާރު ހުރި މަގާމަށް] އާދެވޭނެ މަގު ވެސް ދައްކައިދިން މި ސިޓީން،" މަމްދާނީ ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ދެއްވި ތަގުރީރުގައި ވިދާޅުވި އެވެ.
"ސިޔާސީ މި އަނދިރިކަމުގެ ތެރޭގައި ނިއު ޔޯކް ވާނީ އަލިކަމަށް."
ވޯޓުގެ 97 ޕަސެންޓަށް ވުރެ ބޮޑު ބައެއް ގުނާފައި ވާއިރު މަމްދާނީ އަށް މިލިއަނަކަށް ވުރެ ގިނަ ވޯޓު ވަނީ ލިބިފަ އެވެ. މިހާ ހިސާބަށް ބަލާއިރު އެއީ 50.4 ޕަސެންޓެވެ. އެންމެ ގާތުން ވާދަކުރެއްވި ކުރީގެ ގަވަރުނަރު އެންޑްރޯ ކުއޯމޯ އަށް ލިބުނީ 41.6 ޕަސެންޓެވެ. އަދި ގާޑިއަން އެންޖެލްސްގެ ބާނީ، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ކާޓިސް ސްލިވާއަށް ލިބުނީ 7.1 ޕަސެންޓެވެ.
ކުއޯމޯ އިންތިހާބުގައި ވާދަކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި މަމްދާނީ އަތުން ބަލިވުމުން އަމިއްލަ ގޮތުންނެވެ.
"އުމުރުން ދުވަސްވާން މަސައްކަތް ކުރިޔަސް އަޅުގަނޑަކީ ޒުވާނެއް. އަޅުގަނޑަކީ މުސްލިމެއް. އަޅުގަނޑަކީ ޑިމޮކްރެޓިކް ސޯޝަލިސްޓެއް. މިއިން އެއްވެސް ކަމަކަށް އަޅުގަނޑު މާފަކަށް ނޭދޭނަން،" މަމްދާނީ ވިދާޅުވި އެވެ.
ޓްރަމްޕަށް ބަހުގެ ހަމަލާތައް ވަރުގަދައަށް ދެއްވަމުން މަމްދަނީ ވިދާޅުވީ ނިއު ޔޯކް ދެން ވެސް ދެމި އޮންނާނީ ހިޖުރަކުރާ މީހުންނަށް މަރުހަބާ ކިޔާ ސިޓީއެއްގެ ގޮތުގައި ކަމަށެވެ. އޭނާ ވިދާޅުވީ ނިއު ޔޯކަކީ ހިޖުރަވެރިންގެ މަސައްކަތުން ބިނާކުރި، ހިޖުރަވެރިންގެ މަސައްކަތުން ހިންގާ އަދި ހިޖުރަވެރިންގެ ބާރު އޮތް ސިޓީއެއް ކަމަށެވެ.
މަމްދާނީ އަކީ ޕްރޮފެސަރެއް ކަމަށްވާ މަހްމޫދު މަމްދާނީ އާއި ފިލްމު އުފައްދާ މީހެއް ކަމަށްވާ މީރާ ނައިރްގެ ދަރިއެކެވެ. މަމްދާނީގެ ބައްޕަ އަކީ ޔުގެންޑާއަށް އުފަން އިންޑިއާ ދަރިކޮޅުގެ މީހެކެވެ. އަދި މަންމަ އަކީ އިންޑިއާ ދަރިކޮޅުގެ އެމެރިކާ މީހެކެވެ. ޔުގެންޑާގައި އުފަންވި މަމްދާނީ ގޮވައިގެން އޭނާގެ މައިންބަފައިން އެމެރިކާއަށް ބަދަލުވީ އޭނާގެ އުމުރުން ހައެއްކަ އަހަރުގަ އެވެ.
ހިޖުރަކުރާ މީހުންނާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ގެންގުޅޭ ޓްރަމްޕު ވަނީ މަމްދާނީ ނިއު ޔޯކްގެ މޭޔަރު ކަމުގެ މަގާމަށް އިންތިހާބުކޮށްފި ނަމަ ދައުލަތުގެ ބަޖެޓުން ފައިސާ ނުދޭނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.