05 ނޮވެމްބަރ 2025 - 12:53

އަންނަ އަހަރުގެ ބަޖެޓުގައި ޓްރެއިނިން ހަރަދުތަކަށް 194 މިލިއަން ރުފިޔާ ހިމަނައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން ތަމްރީނުތަކަށް ކުރާ ހޭދަ ވަނީ 170 ޕަސެންޓަށް އިތުރުވެފަ އެވެ. މި އަހަރު ރާއްޖޭގައި އެކި ޓްރެއިނިންތައް ހިންގަން ކުރާ ހޭދައަށް ކަނޑައަޅާފައި އޮތީ 71 މިލިއަން ރުފިޔާ އެވެ.
އެނގިފައިވާ ގޮތުގައި ޓްރެއިނިން ހަރަދު، ގާތްގަނޑަކަށް ތިން ގުނަ އިތުރުވީ، ސަރުކާރުން ފެށި މޯލްޑިވްސް ނެޝަނަލް ސާވިސް (ދިވެހި ވަތަނީ ހިދުމަތް) ޕްރޮގްރާމުގެ ދަށުން ޒުވާނުން ތަމްރީނު ކުރުމަށެވެ. ސިފައިންނާއި ފުލުހުންގެ ވަޒީފާއަށް ޒުވާނުން ރެކްރޫޓްކުރުމުގެ އެ ޕްރޮގްރާމުގެ ދަށުން އަހަރަކު 1،000 ކުދިން ތަމްރީނުކުރާނެ އެވެ. އެ ޕްރޮގްރާމްގެ ބައިވެރިންނަށް ޓްރެއިނިން އެލަވަންސްގެ ގޮތުގައި މަހަކު 6،000ރ. ދެ އެވެ.
ނެޝަނަލް ސާވިސްގެ ޓްރެއިނިންގެ ފުރަތަމަ ބެޗް މިދިޔަ މަހު ވަނީ ފަށައިފަ އެވެ. އެ ޕްރޮގްރާމު ކުރިއަށްދަނީ ސިފައިންގެ ޓްރެއިނިން ސެންޓަރެއް ކަމަށްވާ ޅ.މާފިލާފުށީގަ އެވެ.
ރާއްޖޭގައި ހިންގާ ޓްރެއިނިންތަކުގެ އިތުރުން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ހިންގާ ޓްރެއިނިންތަކަށް އަންނަ އަހަރުގެ ބަޖެޓުން 620 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. އެއީ މި އަހަރަށް ކަނޑައެޅި އަދަދަށް ވުރެ 141 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަންނަ އަހަރު ވޯކްޝޮޕްތައް ހިންގުމަށާއި ސްކޮލާޝިޕްތަކަށް ކުރާ ހޭދަ ވެސް ވަނީ އިތުރުވެފަ އެވެ.
އަންނަ އަހަރުގެ ބަޖެޓުގެ 62 ޕަސެންޓް ހޭދަކުރަނީ ރިކަރަންޓް ނުވަތަ އޮފީސްތައް ހިންގުމާއި މުސާރަ ދިނުމަށެވެ. އެއީ 39.9 ބިލިއަން ރުފިޔާ އެވެ. މިއީ މިއަހަރުގެ ބަޖެޓަށް ވުރެ 3.3 އިތުރު އަދަދެކެވެ.