ޔުނައިޓެޑްގެ ހާލަތު ފެނިފައި ދެރަ ވެސް ވޭ: ރޮނާލްޑޯ
ޔުނައިޓެޑްގެ ހާލަތު ފެނިފައި ދެރަ ވެސް ވޭ: ރޮނާލްޑޯ

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ ހާލަތު ފެނިފައި ދެރަވާ ކަމަށް އެ ކްލަބްގެ ލެޖެންޑް މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރޮނާލްޑޯގެ އެކުވެރި ބްރޮޑްކާސްޓިން ސެލެބްރިޓީ ޕްރެޒެންޓަރު ޕިއާ މޯގަން އަށް ދިން އާ އިންޓަވިއުގައި އޭނާ ބުނީ ޔުނައިޓެޑްގައި ހަރުދަނާ އޮނިގަނޑެއް ނެތް ކަމަށެވެ.

އޭނާއާ އެކު ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުނު ރުބެން އޮމޮރިމްގެ ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި ރަނގަޅަކަށް މަސައްކަތް ކުރާ ކަމަށް ރޮނާލްޑޯ ބުންޏެވެ. ނަމަވެސް އެ ކްލަބްގެ ހާލަތު އޭނާ އަށް ބަދަލުކުރެވޭނެ އިންތިޒާމުތަކެއް އަދިވެސް ހަމަޖެހިފައި ނެތް ކަމަށް ރޮނާލްޑޯ ބުންޏެވެ.

"އަމޮރިމް އޭނާ އަށް ވީ އެންމެ ރަނގަޅަކަށް މަސައްކަތް ކުރޭ. އެކަމަކު އޭނާ އަށް ވެސް ޖާދޫއެއް އެ ކްލަބްގައި ނުހެދޭނެ،" ރޮނާލްޑޯ ބުންޏެވެ.

ޔުނައިޓެޑް ދޫކޮށް އަލް ނަސްރަށް ރޮނާލްޑޯ ބަދަލުވީ 2022 ގަ އެވެ. އެ ކްލަބް ދޫކޮށްލުމަށް ފަހު މޯގަން އަށް އޭރު ދިން އިންޓަވިއުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑްގެ ވެރިން އެ ކްލަބް ހިންގާގޮތަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

ރޮނާލްޑޯ އެ ޓީމު ދޫކޮށްލި ފަހުން އިނގިރޭސި މަހުޖަނު ޖިމް ރެޓްކްލިފް ޔުނައިޓެޑްގެ މެޖޯރިޓީ ހިއްސާ ގަނެ ފުޓްބޯޅައިގެ ހުރިހާ ބާރެއްގެ ކޮންޓްރޯލް ހޯދި އެވެ. އަދި އޭނާ ވަނީ ކްލަބްގެ ހިންގުން ބަދަލު ކުރުމަށް ބަދަލުތައް ވެސް ގެނެސްފަ އެވެ.

އެކަމަކު ރޮނާލްޑޯ ބުނީ އަދިވެސް ހާލަތު ބަދަލުކުރެވޭނެ ކަންތަތަކެއް ޔުނައިޓެޑްގެ ހިންގުމުގެ ނިޒާމުން ނުފެންނަ ކަމަށެވެ.

"ރަނގަޅު މިސްރާބެއްގައެއް ނޫން އޮތީކީ. ބަދަލު ގެންނަން ޖެހޭ،" ޔުނައިޓެޑްގެ ހިންގުމުގެ ނިޒާމާ ބެހޭގޮތުން ރޮނާލްޑޯ ބުންޏެވެ.

"އަހަރެން ދެރަ ވެސް ވޭ. ސަބަބަކީ ދުނިޔޭގެ އެންމެ މުހިންމު ކްލަބް. އަދި އަހަރެންގެ ހިތާ މިހާރު ވެސް ގުޅިފައި އޮތް ކްލަބެއް."

ރޮނާލްޑޯ ބުނީ ޔުނައިޓެޑްގެ ހާލަތު ބަދަލު ކުރަން ކޯޗުންނާއި ކުޅުންތެރިން އެކަނި ބަދަލު ކުރިޔަސް ނުފުދޭނެ ކަމަށެވެ. ކްލަބް ހިންގުމުގެ ނިޒާމުގައި ވެސް "ސްމާޓް" މީހުން ތިބެންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑްގެ ލެޖެންޑްރީ ކޯޗު އެލެކްސް ފާގަސަން އެ މަގާމުގައި ހުރި އިރު އެ ސިސްޓަމް ޔުނައިޓެޑްގައި އޮތް ކަމަށެވެ.

ނިކީ ބަޓް އާއި ގެރީ ނެވީލް އާއި ޑޭވިޑް ބެކަމްމެން ފަދަ ކުޅުންތެރިން ޔުނައިޓެޑްގައި ތަރިންނަށް ވެގެން ދިޔައިރު އެކަޑަމީގައި ދެން އަރަން ތިބި ކުޅުންތެރިންނަކީ އޭގެ ފަހުން ތަރިންނަށްވީ ކުޅުންތެރިންކަމަށް ރޮނާލްޑޯ ބުންޏެވެ

"މެންޗެސްޓާ ޔުނައިޓެޑްގައި މިހާރު އެ އޮނިގަނޑެއް ނެތް،" ރޮނާލްޑޯ ބުންޏެވެ.

"އަހަރެން އުއްމީދުކުރަން ބަދަލު ގެންނައިރު މިހާރާއި ކުރިމަގު ބައްޓަންވާނެ ފަދަ ބަދަލުތަކެއް ފެންނާނެކަމަށް. ކްލަބްގައި އެ ގާބިލުކަން ހުންނާނެ. އެއީ ގަރުނުގައި އެންމެ މުހިންމު ކްލަބް،" ރޮނާލްޑޯ ބުންޏެވެ.

"އަހަރެމެން އެންމެންޖެހޭނެ އިހްލާސްތެރިކަމާ އެކު ވާހަކަ ދައްކަން. އެ ކްލަބް އޮތީ ރަނގަޅު މިސްރާބެއްގައެއްނޫން. އެ މީހުން ޖެހޭނެ އެކަން ބަދަލުކުރަން. އެއީ ހަމައެކަނި ކޯޗުންނާއި ކުޅުންތެރިން ބަދަލުކޮށްގެން އަންނާނެ ކަންތައްތަކެއް ނޫން."

ރޮނާލްޑޯ ބުނީ ޔުނައިޓެޑްގައި ކޯޗު އަމޮރިމް ކިތަންމެ ބުރަކޮށް މަސައްކަތް ކުރި ނަމަވެސް އެ ކްލަބްގެ ހިންގުމުގެ އޮނިގަނޑު ހަރުދަނާ ނުކުރާހާ ހިނދަކު އެ އަމޮރިމަށް ޖާދޫއެއް ނުހެދޭނެ ކަމަށެވެ.