30 މާޗް 2017 - 09:27

މާލޭގައި މިހާރު ކުރިއަށްދާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފައިނަލު މެޗަށް މިއަދު ނުކުންނައިރު ތުރުކުމެނިސްތާން އޮތީ ތަށި ހޯދަން ކެތްމަދުވެފައި ކަމަށް އެ ޓީމުގެ މެނޭޖަރު ގަމްބަގޫލީ އަޓަޔޭވް ބުނެފި އެވެ.
ތުރުކުމެނިސްތާން މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ލީގު ބުރުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ގަމްބަގޫލީ ބުނީ މި މުބާރާތަށް އައުމުގެ ކުރިން ފުރަތަމަ އަމާޒަކީ ފައިނަލު ކަމަށެވެ.
"އަހަރެމެން މުބާރާތަށް އައިއިރުވެސް މި ޓީމު ތަކުގެ ފެންވަރު އެނގޭ. ކުރިން މި ޓީމުތަކާ ދެކޮޅަށް ކުޅެފައި ހުރުމުން މެޗުތައް ކުޅޭކަށް މާބޮޑު އުނދަގޫތަކެއް ދިމާނުވޭ. މުބާރާތުގެ ފުރަތަމަ އަމާޒަކީ ފައިނަލް. އެކަން ހާސިލްވުމަކީ ހިތްހަަމަ ޖެހުމެއް،" އޭނާ ބުންޏެވެ.
ފައިނަލުގައި ތުރުކުމެނިސްތާން ވާދަކުރާނީ ކިރްގިސްތާނާ ދެކޮޅަށެވެ. މި ދެ ޓީމު ލީގު ބުރުގައި ކުޅުނު މެޗުން ތުރުކުމެނިސްތާން މޮޅުވީ ކިރްގިސްތާން ދެ ސެޓު ގެންގޮސްފައިވަނިކޮށް ފަހަތުން އަރައި ތިން ސެޓު ގެންގޮސްގެންނެވެ.
"ފައިނަލަށް އަހަރެމެން މިއައީ ވަރަށް ހިތްވަރުކޮށްގެން. ދެން ބޭނުންވަނީ ރަން މެޑަލް ހޯދަން. މުޅި ޓީމު އޮތީ އެ ކާމިޔާބު ހޯދަން ތައްޔާރަށް،" ގަމްބަގޫލީ ބުނެފި އެވެ.
އެންމެ ފަހުން އޮތް އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގެ ޗެމްޕިއަންކަން ބަންގްލަދޭޝް އިން ހޯދީ އެ ގައުމުގައި ކިރްގިސްތާންގެ މައްޗަށް ފައިނަލުގައި ކުރިހޯދައިގެންނެވެ. އެ މުބާރާތުގައި ތުރުކުމެނިސްތާން ވާދައެއް ނުކުރެ އެވެ.
ކިރްގިސްތާން އެންމެ ފަހުން މުބާރާތަށް ދިޔައީ އަށް ކުޅުންތެރިން ގޮވައިގެންނެވެ. އެ މުބާރާތުގެ ފައިނަލުން އެ ޓީމު ބަންގްލަދޭޝް އަތުން ބަލިވީ ޓީމުގެ ދެ ކުޅުންތެރިއަކަށް އަނިޔާވުމުން މެޗު ކުރިއަށް ނުގެންދެވިގެންނެވެ.
ތުރުކުމެނިސްތާނާއި ކިރްގިސްތާން ބައްދަލުކުރާ ފައިނަލް މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.