05 ނޮވެމްބަރ 2025 - 08:02

ޝިއައީ މުސްލިމެއް ކަމަށްވާ ޒަހްރާމް މަމްދާނީ، އެމެރިކާގައި އާބާދީގެ ގޮތުން އެންމެ ބޮޑު ސިޓީ ކަމަށްވާ ނިއު ޔޯކްގެ މޭޔަރު ކަމުގެ މަގާމު ކާމިޔާބުކޮށް ތާރީހުން ޖާގަ ހޯދައިފި އެވެ.

ޑިމޮކްރެޓިކް ޕާޓީގެ އެސެމްބްލީމެންބަރެއް ކަމަށްވާ، އުމުރުން 34 އަހަރުގެ މަމްދާނީއާ އެންމެ ގާތުން ވާދަކުރެއްވީ ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގެ ތާށިވެ ނިއު ޔޯކްގެ ގަވަރުނަރުގެ މަގާމުން އިސްތިއުފާ ދެއްވި އެންޑްރޯ ކުއޯމޯ އެވެ.
މޭޔަރުކަމުގެ އިންތިހާބުގައި ވާދަކުރެއްވުމަށް މަމްދާނީ ޓިކެޓް ހޯއްދެވީ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ވެސް ކުއޯމޯ ބަލިކުރެއްވުމަށް ފަހުގަ އެވެ. އެހެންވެ ކުއޯމޯ މި އިންތިހާބަށް ނުކުންނެވީ އަމިއްލަ ގޮތުންނެވެ. އިންތިހާބުގައި ދެން ވާދަކުރެއްވީ ގާޑިއަން އެންޖެލްސްގެ ބާނީ، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ކާޓިސް ސްލިވާ އެވެ.
ރައީސް ޓްރަމްޕު ވަނީ އިންތިހާބުގެ ވޯޓު ފެށުމަށް ތައްޔާރުވެފައި ވަނިކޮށް، މަމްދާނީއަށް ވޯޓު ނުދިނުމަށާއި އޭނާ އިންތިހާބުކޮށްފި ނަމަ ދައުލަތުގެ ބަޖެޓުން ނިއު ޔޯކަށް ކޮންމެހެން ދޭންޖެހޭ ފައިސާއެއްގެ ތެރެއިން މަދު މިންވަރެއް ނޫނީ ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕުގެ އިތުރުން ޓްރަމްޕަށް ތާއީދުކުރާ މަހުޖަނުންނާއި ސިޔާސީ އެތައް ބަޔަކު މަމްދާނީއާ ދެކޮޅަށް މަސައްކަތްކުރި ނަމަވެސް ޒުވާނުންގެ މެދުގައި މަމްދާނީއަށް އޮތް ބޮޑު ތާއީދާ އެކު އޭނާއަށް އިންތިހާބުގެ ކުރިން ވެސް ޔަގީންކަން ބޮޑެވެ.
ކުއީންސްގެ ސްޓޭޓް އެސެމްބްލީގެ މެމްބަރުކަމުން ނިއު ޔޯކްގެ މޭޔަރުކަމާ ހިސާބަށް މަމްދާނީ ވަޑައިގަތީ މިދިޔަ އަހަރެއްހާ ދުވަސް ތެރޭ ހޯއްދެވި އާދަޔާ ހިލާފް ބޮޑު މަގުބޫލުކަމާ އެކުގަ އެވެ. ޑިމޮކްރެޓިކް ސޯޝަލިސްޓެއްގެ ގޮތުގައި އަމިއްލައަށް ސިފަކުރައްވާ މަމްދާނީއާ ދެކޮޅަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިތުރުން އެމެރިކާގެ އެންމެ ބޮޑެތި މަހުޖަނުން ވެސް އެކި ގޮތްގޮތަށް ކެމްޕެއިން ކޮށްފައިވެ އެވެ.
މަމްދާނީގެ ކެމްޕެއިން ހާއްސަކުރެއްވީ ނިއު ޔޯކް ސިޓީގައި ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމުގެ މައްޗަށެވެ. ހިލޭ ޔުނިވާސަލް ޗައިލްޑް ކެއާ ދިނުމާއި، ސިޓީގެ ފަރާތުން ހިންގާ ގްރޯސަރީ ފިހާރަތައް ހުޅުވުމާއި، ބަހުގެ ހިދުމަތް ހިލޭ ލިބޭ ގޮތް ހެދުމާއި، ކުލި ކޮންޓްރޯލްކުރުން އޭނާގެ ވައުދުތަކުގެ ތެރޭގައި ހިމެނެ އެވެ.
މަމްދާނީ އަކީ ޕްރޮފެސަރެއް ކަމަށްވާ މަހްމޫދު މަމްދާނީ އާއި ފިލްމު އުފައްދާ މީހެއް ކަމަށްވާ މީރާ ނައިރްގެ ދަރިއެކެވެ. މަމްދާނީގެ ބައްޕަ އަކީ ޔުގެންޑާއަށް އުފަން އިންޑިއާ ދަރިކޮޅުގެ މީހެކެވެ. އަދި މަންމަ އަކީ އިންޑިއާ ދަރިކޮޅުގެ އެމެރިކާ މީހެކެވެ. ޔުގެންޑާގައި އުފަންވި މަމްދާނީ ގޮވައިގެން އޭނާގެ މައިންބަފައިން އެމެރިކާއަށް ބަދަލުވީ އޭނާގެ އުމުރުން ހައެއްކަ އަހަރުގަ އެވެ.