ޔޫރަޕްގެ ބޮޑު ރެކޯޑްގައި ބެޔާން ކުރިއަށް!
ޔޫރަޕްގެ ބޮޑު ރެކޯޑްގައި ބެޔާން ކުރިއަށް!

ސީޒަނުގައި ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެ، ޔޫރަޕްގެ ރެކޯޑްގައި ބެޔާން މިޔުނިކް އިތުރު ހަރުފަތެއް ކުރިއަށް ޖެހިލައިފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ދެކޮޅަށް ރޭ ކުޅުނު މެޗު ބެޔާނުން ކާމިޔާބު ކުރީ 2-1 ންނެވެ.

މި ސީޒަނުގައި ބެޔާނުން ދަމަހައްޓަމުންދާ ޑޮމިނޭޝަނާ އެކު އެ ކްލަބުން ވަނީ 1992 ގައި އޭސީ މިލާނުން ހަދާފައިވޭ ރެކޯޑެއް މުގުރާލައިފަ އެވެ.

އިޓަލީގެ ގަދަ ބާރު މިލާނުން ވަނީ 1992-1993 ގެ ސީޒަން ފަށައިގެން މޮޅުވުމުގެ ރޭސް 4 މެޗަށް ގެންގޮސްފަ އެވެ.

ބެޔާނުން އެ ރެކޯޑް މުގުރާލީ ހޮނިހިރު ދުވަހު ބެޔާ ލަވަކޫސަންއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ރޭގެ މޮޅާ އެކު އެ އަދަދު 16 އަށް އެރީ އެވެ.

ޕެރިހުގައި ކުޅުނު މެޗުގައި ބެޔާންގެ ތަރިއަކީ އެ ޓީމަށް ދެ ލަނޑު ވެސް ޖަހައި ދިނީ ލުއިސް ޑިއާޒް އެވެ.

ޕީއެސްޖީގެ އަޝްރަފް ހަކީމީ އަށް ކުރި ނުރައްކާތެރި ފައުލާ ގުޅިގެން ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑިއާޒަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ.

ދެވަނަ ހާފުގައި އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން، ބެޔާންގެ ރެކޯޑަށް ޕީއެސްޖީ ނިމުން ގެނެސްދާނެ ކަމަށް ބެލެވުނެވެ. އެކަމަކު އެ އެޑްވާންޓޭޖެއް، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަށް ނުނެގުނެވެ. އެ ޓީމަށް ޖެހުނީ އެންމެ ލަނޑެކެވެ. މެޗުގެ 77 ވަނަ މިނެޓްގައި އެ ޓީމުގެ ލަނޑު ޖެހީ ޖޮއާއޯ ނޭވިސް އެވެ.

ބެޔާންގެ ކެޕްޓަން މެނައުލް ނޯޔާ ބުނީ މުޅި ޓީމު ހަމަޔަށް ތިބި އިރު ބެޔާނުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. އެކަމަކު އެކަކު މަދުކޮށް ކުޅެން ޖެހުމުން ދެން ޖެހުނީ ނަތީޖާ ހިފަހައްޓަން ގޭމް ބަދަލުކުރަންކަމަށް ތަޖުރިބާކާރު ކީޕަރު ބުންޏެވެ.

ދެވަނަ ހާފުގައި ޕީއެސްޖީގެ ހަމަލާތައް ދިފާއުކުރުމުގައި ނޯޔާ ވެސް އުޅެން ޖެހުނީ އަވަދިނެތި އެވެ. އުމުރުން 39 އަހަރުގެ ކީޕަރު ވަނީ މޮޅު ކުޅުމެއްދައްކައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ޔޫއެފާއިން ހޮވީ އޭނާ އެވެ.