05 ނޮވެމްބަރ 2025 - 06:41

ސިވިލް ސާވަންޓުންނާއި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އަށް މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގެނައި ބަދަލާ ގުޅިގެން ހުރި ބައެއް ކަންބޮޑުވުންތަކާއި އޮޅުން ނުފިލާ ކަންކަމަށް ޕޭ ކޮމިޝަނުން ވަރަށް އަވަހަށް ތަފުސީލުކޮށް ޖަވާބު ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރައްޔިތުންގެ އާމްދަނީ ރަނގަޅު ކޮށްދިނުމުގެ ގޮތުން ދެ އަހަރަށް ބަހާލައިގެން ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވަން ވެވަޑައިގެންނެވި ވައުދު ފުއްދާނެ ކަމަށެވެ.

ސަރުކާރުން އެކި މަޝްރޫއުތައް ހިންގުމުގެ އިތުރުން ރައްޔިތުންގެ އާމްދަނީ އިތުރުވާ ގޮތަށް ކަންކަން ބައްޓަން ކުރަނީ ވަށައިޖެހޭ އިގުތިސާދެއް ބިނާކުރުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިވިލް ސާވަންޓުންނާއި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އަށް މި މަހު ގެނައި ބަދަލާ ގުޅިގެން ބައެއް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި އޮޅުން ނުފިލާ ކަންތައްތަކެއް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، އެ ކަންބޮޑުވުންތައް ހުރީ މި ގެނައި ބަދަލުގެ ތަފުސީލް މުވައްޒަފުންނަށް އެންމެ ރަނގަޅަށް އަދި ސާފު ނުވެ އޮތުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
"ޕޭ ކޮމިޝަނުގެ ފަރާތުން ވަރަށް ތަފުސީލުކޮށް ކުރިއަށް އޮތް ދުވަސްތަކުގައި ހުރިހާ އޮފީސްތަކަށް، އެއީ ސަރުކާރުގެ ސިވިލް ސާވިސް އޮފީސްތަކަށް ވިޔަސް، ޖުޑިޝަރީ ކަމަށް ވިޔަސް، ކައުންސިލްތައް ކަމުގައި ވިޔަސް، މި ހުރިހާ ތަނަކަށް ދާނީ، ވަރަށް ގާތުން މުއާމަލާތްކޮށް މި ކަންކަން ކިޔައިދޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެ ތަފުސީލުތައް އެނގުމުން ހިތްހަމަޖެހުން ލިބޭނެ."
ރާއްޖޭގެ ހުރިހާ ސިވިލް ސާވަންޓުންނާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނާއި ޝަރުއީ ދާއިރާ ހިމެނޭހެން 20،000 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރަ އަށް މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވަނީ ބަދަލު ގެނެސް، މުސާރަ ބޮޑުކޮށް ދީފަ އެވެ.
މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި، މުސާރައަށް ބަދަލު ގެނައި އުސޫލަށް ރިއާޔަތްކޮށް ޕޭ ކޮމިޝަނުން އެ ކަންބޮޑުވުންތަކަށް ޖަވާބު ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މުސާރައަށް މި ގެނައި ހެޔޮ ބަދަލާ އެކު މުވައްޒަފުންގެ އާމްދަނީ އިތުރުވެގެން ދާނެ. އޭގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު މަތިވުމުގެ އިތުރުން، މުވައްޒަފުންނަށް ފަހަށް ރައްކާކުރަން ލިބޭ އެއްޗެއް އިތުރުކުރުން މަގުސަދަކީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ބަދަލާ އެކު ހުރިހާ މުވައްޒަފުންގެ އަސާސީ މުސާރައަށް ބޮޑު ކުރިއެރުމެއް އަންނާނެ އެވެ. އަދި އެންމެ ކުޑަކޮށް އަސާސީ މުސާރަ ކަނޑައެޅިފައިވާ މުވައްޒަފުންނަށް ވެސް 7،000ރ. އަށް ވުރެ ބޮޑު އަދަދެއް ލިބޭނެ އެވެ. އެހެންވީމާ، ހުރިހާ މުވައްޒަފުންނަށް ވެސް މިނިމަމް ވޭޖުގެ މިންވަރު އަސާސީ މުސާރައިގެ ގޮތުގައި މީގެ ފަހުން ލިބޭނެ އެވެ.
އަސާސީ މުސާރައަށް މި ގެނައި ބަދަލާ އެކު މުވައްޒަފުންގެ ޕެންޝަން ފަންޑަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މުވައްޒަފުން ރިޓަޔާކުރާ އިރުގައި ނަތީޖާއަކަށް ވާނީ، ޕެންޝަން ފަންޑަށް ޖަމާވެފައި ހުރި އަދަދު އިތުރުވުން ކަމަށެވެ. ޕެންޝަން ފަންޑުން އިތުރު ލުއިތަކާއި އެހީތެރިކަން ލިބޭނެ ގޮތަށް ގާނޫނަށް ބަދަލުތައް ގެންނަން ވެވަޑައިގެންނެވި ވައުދު ވެސް ފުއްދަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"މިހާރު ޕެންޝަން ފަންޑުން މި އޮންނަނީ ވަރަށް ލިމިޑެޓް ބޭނުންތަކެއް ކުރެވޭ ގޮތަށް. އެހެންވީމަ ގާނޫނަށް އެބަ ބަދަލުތަކެއް ގެންނަން، ވީ ވައުދުތައް ފުއްދުމަށް ބަދަލުތައް އެބަ ހުށަހަޅަން ގާނޫނަށް،" ރައީސް ވިދާޅުވި އެވެ.
"ޕެންޝަން ފަންޑަށް އިތުރަށް އެއްޗެއް ޖަމާވުމަކީ ތިބޭފުޅުންނަށް އޭނގެން ފައިދާތަކެއް ކުރާނެ ކަމަކަށް ވާނެ، މިހާރަށް ވުރެ ގިނަ ފައިދާތައް."
ރައީސް ވިދާޅުވީ މުސާރައާ ގުޅިގެން މުވައްޒަފުންގެ މައިގަނޑު ކަންބޮޑުވުމަކަށް އޮތީ، އިތުރު ގަޑީގެ ފައިސާގެ ކަންތައްކަން ފާހަގަކުރެވޭ ކަމަށެވެ. މީގެ ކުރިން މުސާރަ ބޮޑުކުރި މުވައްޒަފުންގެ ވެސް ހަމަ އެފަދަ ކަންބޮޑުވުންތަކެއް ހުރުމުން މިފަހަރު އުސޫލު އެކުލަވާލީ އެކަމަށް ވެސް ރިއާޔަތް ކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއްކަމެއް ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، މިސާލެއްގެ ގޮތުގައި، ހޮސްޕިޓަލްތައް. އެއީ، 24 ގަޑިއިރު ހަފުތާގެ ހުރިހާ ދުވަހަކު މަސައްކަތްކުރަން ޖެހޭ ތަންތަނަށް ވާއިރުގައި، އިތުރު ގަޑީގެ 10 ޕަސެންޓްގެ ކެޕް ހަމަވާ މައްސަލަ އަށް މިހާރު އެ ވަނީ ލުޔެއް ގެނެސްދީފައި. މިއީ ޖުމްލަކޮށް ހުރިހާ ދާއިރާއަކަށް ވެސް އެޕްލައި ވާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އިތުރު ގަޑީގެ 10 ޕަސެންޓްގެ ކެޕް އެޕްލައި ނުވެ، އިތުރު ގަޑީގެ ފައިސާ ލިބޭނެ ދުވަސްތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އެއީ، ރޯދަމަހުގެ ފަހު 10 ގެ ބަންދާއި ރައީސްގެ ދެންނެވުމަކުން ބަންދުކުރާ ދުވަސްތަކާއި ވަޒީފާއާ ބެހޭ ގާނޫނުގައި ފާހަގަކޮށްފައި އޮންނަ ރަސްމީ ހުރިހާ ބަންދު ދުވަސްތަކެވެ.
"މި ކަހަލަ ހުރިހާ ދުވަހެއްގައި މި 10 ޕަސެންޓެއް އެޕްލައިއެއް ނުވޭ، އިތުރު ގަޑީގެ ގޮތުގައި މަސައްކަތްކުރަން ޖެހޭ މުވައްޒަފުންނަށް. އިތުރު ގަޑި ލިބޭނެ. އެއީ ގެނެވުނު ވަރަށް ބޮޑު ބަދަލެއް،" ރައީސް ވިދާޅުވި އެވެ.