އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެންމެ ދުވަސްވީ އެއް ޖަމިއްޔާގެ  އެސްޖީގެ މަގާމަށް ޝަހިންދާ
އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެންމެ ދުވަސްވީ އެއް ޖަމިއްޔާގެ އެސްޖީގެ މަގާމަށް ޝަހިންދާ

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުގެ ތެރެއިން ތިން ވަނައަށް އެންމެ ދުވަސްވީ ޖަމިއްޔާ ކަމަށްވާ އިންޓަނޭޝަނަލް ފެޑެރޭޝަން ފޯ ހިއުމަން ރައިޓްސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، ޝަހިންދާ އިސްމާއިލް އިންތިހާބުވެއްޖެ އެވެ.

ފްރާންސްގައި މީގެ 103 އަހަރުކުރިން އުފެއްދި އިންޓަނޭޝަނަލް ފެޑެރޭޝަން ފޯ ހިއުމަން ރައިޓްސްގެ އިދާރީ ހިންގުމުގެ އިސް ވެރިއަކަށް ހޮވުނީ، އެ ޖަމިއްޔާއިން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގަ އެވެ.

އެ އިންތިހާބުގައި 117 ގައުމަކުން، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ 188 ޖަމިއްޔާއަކަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވެ އެވެ.

ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވާ، ރާއްޖޭގައި މިހާރު މަނާކޮށް އުވާލާފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގައި އިސްކޮށް އުޅުއްވި ޝަހިންދާއާ އެކު އިތުރު ހަތަރު ސެކްރެޓަރީ ޖެނެރަލުން ވަނީ ހޮވައިފަ އެވެ.

ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ކުރެއްވި ޝަހިންދާގެ އިތުރުން ޖަމިއްޔާގެ ބޯޑުގައި ދެން ހިމެނެނީ ރައީސްގެ އިތުރުން އެކި ގައުމުތަކުން ހޮވާ 15 ނައިބު ރައީސުންނާއި ހަޒާންދާރެކެވެ.