04 ނޮވެމްބަރ 2025 - 23:02

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) ގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ، އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އޭނާގެ ލިންކްޓިން އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕެންޝަން އޮފީހުގެ ސީއެފްއޯގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ އެކަމާ މެދު ވަރަށް ފުންކޮށް ވިސްނަވާފައި ކަމަށެވެ.
ނަމަވެސް، އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.
އެކައުންޓިން ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ފަޖުވާ، ޕެންޝަން އޮފީހުގެ ސީއެފްއޯގެ މަގާމަށް އައްޔަނުކުރީ ކުރީގެ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅުގެ ތެރޭގައި އޮކްޓޯބަރު 2023 ގަ އެވެ. އޭގެ ކުރިން އޭނާ ވަނީ ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓަންޓުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
ފަޖުވާ އިސްތިއުފާ މި ދެއްވީ، ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރުމަށް މަރުކަޒީ ބޭންކު އެމްއެމްއޭ މެދުވެރިކޮށް ވިއްކާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެ މައްސަލާގައި، ޕެންޝަން އޮފީހުގެ ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާދަމް ވެސް ވަނީ މިދިޔަ މަހުގެ ފަހުކޮޅު އިސްތިއުފާ ދެއްވައިފަ އެވެ.
މި މުއާމަލާތް ހިންގަން ސަރުކާރުން ވިސްނާފައި ވަނީ، ޕެންޝަން ފަންޑުގައި ހުރި ސަރުކާރުގެ ބޮންޑު އެމްއެމްއޭ އަށް ވިއްކައިގެންނެވެ. އަދި ފިނޭންސް މިނިސްޓްރީން ވަނީ އިތުރަށް ބޮންޑު ގަތުމަށް ޕެންޝަން އޮފީހަށް ހުށަހަޅައިފަ އެވެ. އެއީ ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާގެ ބޮންޑެވެ. އެހެންވެ، ޕެންޝަން އޮފީހުން އެމްއެމްއޭ އަށް ވިއްކާ ބޮންޑުން ލިބޭ ފައިސާ އިން ސަރުކާރުން އިތުރަށް މި ފައިސާ ހޯދަނީ އެވެ.
ފެންމަތިވެފައިވާ ކަންބޮޑުވުންތަކާ ގުޅިގެން، ފިނޭންސް މިނިސްޓްރީން ވަނީ މިއީ ރައްކާތެރި މުއާމަލާތެއް ކަމަށް ބުނެފަ އެވެ. އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، އަދި ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑަކަށް އެ ފައިސާ އިންވެސްޓު ކުރުމަކީ މާލީ ގޮތުން ރައްކާތެރި މުއާމަލާތެއް ކަމަށާއި އެއީ ފައިސާ ޗާޕް ކުރުން ވެސް ނޫން ކަމަށް ފިނޭންސުން ވަނީ ބުނެފަ އެވެ.
އެއީ މި ސަރުކާރުގައި ފައިސާ ޗާޕް ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ވިދާޅުވުމާ ހިލާފަށް ފައިސާ ޗާޕް ކުރުން ނޫން ކަމަށާއި މިއީ ރޭވިގެންވާ ހިންގާ "އިންވެސްޓްމަންޓް އެރޭންޖްމަންޓެއް" ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެ އެވެ. އަދި އޭގެ ސަބަބުން ޕެންޝަން ފަންޑަށް ރައްކާތެރި "ސަރުކާރުގެ އިންސްޓްރޫމަންޓެއް" ގައި އިންވެސްޓް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.